ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ކަކުލުގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށް ކްލަބުން ބުނެފިއެވެ.

ލިވަޕޫލުން އެވަޓަންއާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގައި ވެންޑައިކް ކަކުލުގެ ލިގަމެންޓްގެ އޭސީއެލްއަށް ލިބުނު އަނިޔާގެ ސަބަބުން ކުރަން ޖެހުނު އޮޕަރޭޝަން ކާމިޔާބު ކަމަށް ލިވަޕޫލުން އިއުލާން ކޮށްފައިވާ އިރު، އޭނާ އަނބުރާ އަންނާނެ ދުވަހެއް އަދި ޔަގީންކޮށް ބުނަން ނޭނގޭ ކަމަށްވެސް ކްލަބުގެ ބަޔާނުގައިވެއެވެ.

އުމުރުން 29 އަހަރުގެ ވެންޑައިކަށް މިސީޒަން އެއްކޮށް ގެއްލޭނެ ކަމަށް ބެލެވޭ އިރު، އޭސީއެލްގެ އަނިޔާއަށް ފަހު އެނބުރި އައުމަށް އާންމުކޮށް ހަތް މަސް ނޫނީ އަށް މަސް ދުވަސް ނަގާނެއެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީގައި ލިވަޕޫލާ ގުޅުނު ޑިފެންޑަރު ވެންޑައިކަކީ ކްލަބުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މިދިޔަ ދެ ސީޒަނުގައި ލިވަޕޫލުން ކުޅުނު ހުރިހާ މެޗެއްގައި ވެންޑައިކް ކުޅެފައިވެއެވެ. ލިވަޕޫލުން މިދިޔަ ސީޒަންގެ ލީގު ކާމިޔާބުކުރި އިރުވެސް އެންމެ މުހިއްމު ދައުރެއް އަދާކުރި ވެންޑައިކްއަކީ އޭގެ ކުރީ ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ ވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށް، ބެލޮންޑިއޯގެ ގަދަ ތިނެއްގައިވެސް ހިމެނިފައެވެ.

އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ޖެހި ޓެކުލަކުން ވެންޑައިކްގެ ފަޔަށް ތަދުވެ، ޑާބީ މެޗުގެ 11 ވަނަ މިނެޓުގައި އޭނާ ބަދަލުކުރަން ޖެހިފައިވެއެވެ. ވެންޑައިކްގެ ކަކުލަށް އަނިޔާވުމުން ގެންގޮސްފައިވަނީ ސީދާ ހޮސްޕިޓަލަށެވެ.