ބިއުޓީ

ސްކިން ކެއާ: މޫނުގެ ވަރުބަލިކަން ކަނޑުވާލައި އުޖާލާކަމާއި ރީތިކަން ގެނައުމަށް ކުރެވިދާނެ ކަންކަން

ކިތަންމެ ދައްކަން ބޭނުން ނުވިޔަސް މީހާގެ ހަންގަނޑު ވަރުބަލި ވެ އުޖާލާކަން ކެނޑުމުން މޫނުމަތީން އެކަން ފާޅުވެއެވެ. ހާއްސަކޮށް ސްޓެރެސްކޮށް ނުވަތަ މާ ބިޒީކޮށް އުޅެވޭ ހަފުތާއެއް ނަމަ އެކަމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރު ކުރާނީ ހަންގަނޑަށެވެ. މޫނުގެ އުޖާލާކަން ކެނޑި ބިހިނެގުން އިތުރުވެ ލޮލުވަޅުންވެސް އެކަން ދައްކައެވެ. މިއީ ހަށިގަނޑުގައި ހޯމޯނަލް އިންބެލެންސެއް ހުރުމުން ދިމާވާ ކަންކަމެވެ.

މިކަމަށްވެސް ހައްލާއި ފަރުވާ ހުރެއެވެ. މޫނަށް އުޖާލާކަން ގެނެވިދާނެ ތިން ކަމެއް މި އާޓިކަލުގައި ފާހަގަކޮށްލާނަމެވެ.

ޕޯސްތައް ސާފުކޮށް ބަހައްޓާ!

ހަމަށް ބަހައްޓާ ހާއްސަ ސަމާލުކަމާއި ދޭ ފަރުވާތައް ހުއްޓާނުލައި އަބަދުވެސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުން މުހިންމެވެ. އޭގެ ތެރޭގައި މޫނު ރަނގަޅަށް ދޮވުން ހިމެނެއެވެ. ބޭރުގައި އުޅުމަށްފަހު ގެއަށް ދެވޭ ގިނަ ފަހަރުތަކުގައިވެސް މޫނު ނުދޮވެ އޮށޯވެލެވޭތަން އާދެއެވެ. އެހެން އެވަނީ ވެފައި ހުންނަ ވަރުބަލިކަމެއްގެ ބޮޑުކަމުން ކަމަށްވެސް ވެދާނެ އެވެ. އެހެން ނަމަވެސް ބޭރުގައި އުޅުމަށް ފަހު ގެއަށް ވަދެ މޫނު ނުދޮންނަ ނަމަ، މޫނަށް ޖަމާވެފައި ހުންނަ ތެޔޮތަކާއި ކިލާތައް މޫނުގެ ޕޯސްތަކަށް ވަދެ ބިހިނެގުމަށް މަގުފަހިވެގެންދެއެވެ. އެހެންކަމުން ދުވާލަކު މަދުވެގެން ދެ ފަހަރު މޫނު ރަނގަޅަށް ދޮވުމަށް އާދަކުރުން ކޮންމެހެން މުހިންމެވެ.

މޫނު ރަނގަޅަށް ދޮވެ ނިންމާލަމުން ފިނިފެން ފޮދެއް މޫނުގައި ހާކާލުމުން މޫނަށް އިތުރު އުޖާލާކަން ގެނެސްދޭނެއެވެ.

ލޯކައިރިއަށް ސަމާލުކަން ދިނުން

ވަރުބަލިވެފައި ހުންނަކަން އެންމެ ފުރަތަމަ ފާހަގަވާން ފަށާނީ ލޯކައިރިންނެވެ. އެހެންކަމުން މި ދުވަސްވަރު ވަކީން ހާއްސަކޮށް ލޮލަށް ފަރުވާތެރިވެ ސަމާލުކަން ދިނުން މުހިންމެވެ. ފަސޭހައިން ކޮށްލެވޭނެ ބައެއް ކަންކަން ވެސް އެބަހުއްޓެވެ. ބޭނުންކޮށްފައި ހުރި ސައިފަތް ޕެކެޓް އައިސްއަލަމާރިއަށްލައި ފަސް މިނެޓް ނުވަތަ ދިހަ މިނެޓްވަންދެން ބަހައްޓައި ފިނިކޮށްލާށެވެ. އެއަށްފަހު ލޯމަތީގައި އެ ސައިފަތް ޕެކެޓް ބާއްވައިލާށެވެ! މިއީ ލޯދުޅަކޮށް ހުރުމުންނާއި ލޯކައިރި ކަޅުވެފައި ހުންނަ ހުރުމުން ދުރުކޮށްދޭނެ ކަމެކެވެ.

މޫނު މަސާޖްކުރުން

ހަށިގަނޑު ލޮޑުވުމުން އަރާމުކޮށްލުމަށް މަސާޖު ބޭނުން ނުވާނީ ކާކުހެއްޔެވެ. ހަމަ މިގޮތަށް މޫނަށްވެސް އެ އަރާމު ބޭނުން ވެއެވެ. މޫނު މަސާޖް ކުރުމަކީ މޫނުގެ އުޖާލާކަމާއި ތާޒާކަން އެންމެ ބޮޑަށް ގެނެސްދޭނެ އެއްފަރުވާއެވެ. އޭގެ ހެއްކަކީ ފޭޝަލް ހެދުމުން މޫނު އުޖާލާވާތަން ފެނުމެވެ. މަސާޖުގެ ސަބަބުން މޫނުގެ ލޭ ހިނގުން ރަނގަޅުކޮށްދެއެވެ. އެހެންކަމުން މޫނު ދޮވެ ޓޯން ކުރުމަށްފަހު ރަނގަޅު މޮއިސްޗަރައިޒަރަކުން އަބަދުވެސް މޫނު މަސާޖްކޮށްލަންވާނެއެވެ.