އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ސަދަން ރީޖަނަލް އޮފީސް ހިންގަމުން އަންނަ އިމާރާތާއި މުދަލާއި ތަކެއްޗަށް މިއަދުގެ ވަގުތެއްގައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

އެކަން ކުށްވެރިކޮށް، އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހަށް ގެއްލުންދީ، އެ އިދާރާގައި ބޭނުންކުރާ ބައެއް ތަކެއްޗާއި ކޮމިޝަނުގެ ލިޔެކިޔުންތައްވެސް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް އެޗްއާރުސީއެމުން ބުންޏެވެ.

އެޗްއާރުސީއެމުން ބުނީ އެ ހާދިސާއާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ފުރިހަމަ ތަފްސީލެއް ދެނެގަތުމުގެ މަސައްކަތް ކޮމިޝަނުން މިހާރު ކުރަމުން އަންނަ ކަމަށާއި ކޮމިޝަނުގެ އުންމީދަކީ އެ ހާދިސާއިން ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ، ސަދަން ރީޖަނަލް އޮފީހުގެ ހިދުމަތްތައް ކުރިއެކޭ އެއްފަދައިން ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން އެ ހާދިސާގެ ސަބަބުން އެ ކޮމިޝަނުން އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވައި ރައްކާތެރިކުރުމަށް ކުރަމުން އަަންނަ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

އެޗްއާރުސީއެމްގެ ބަޔާން ނިންމާލަމުން ބުނީ، ދައުލަތުގެ އިދާރާތަކަށް ދޭ މިފަދަ ގެއްލުންތައް އެ ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.