ޚަބަރު

ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބޭނުމަކީ ކުޅިވަރު އެސޯސިއޭޝަންތައް ޑިމޮކްރެޓައިޒް ކުރުން: ނަޝީދު

އަލީ ޔާމިން

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެެ ވިސްނުމަކީ ކުޅިވަރު އެސޯސިއޭޝަންތައް ޑިމޮކްރަޓައިޒް ކުރުން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ދިވެހި ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިޝާރާތްކުރައްވައި، ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ވިސްނުމަކީ ކުޅިވަރު އެސޯސިއޭޝަންތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ގޮތަށް ހިންގެވުން ކަމަށެވެ.

މީގެ އިތުރުން ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުމަކީވެސް ބޭނުންތެރިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަސަން ލަތީފުގެ ބިލުން މި ކަންކަން ހާސިލުވާނެ." ނަޝީދު ވިދާޅުވިއެވެ.

ހަސަން ލަތީފް ހުށަހެޅުއްވި ބިލުގައިވާ މައިގަނޑު ބަދަލަކީ ގައުމީ ކުޅިވަރު ކައުންސިލުގެ އެކުލެވުމަށް ގެނެވިފައިވާ ބަދަލުތަކުގެ އިތުރުން ކައުންސިލުގެ ބައެއް މެންބަރުން އިންތިހާބު ކުރެވޭ އުސޫލަށް ގެނެސްފައިވާ ބަދަލުތަކެވެ.

ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ކުޅުންތެރިންނާއި، ކުޅިވަރު ހިންގެވުމުގެ ތަޖުރިބާކާރުންގެ ދުވަސްވީ ކަނބޮޑުވުންތަކަށް އެ އިސްލާހުތަކުން ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މަގުސަދުތަކުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކުރުން ހިމެނޭކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އޭގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމާއި އެފަދަ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުސޫލެއް ގާއިމުކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށް ފެންނަ އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއް ކަމުގައި ހެދުމާއި، ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން ވެސް އެ ގާނޫނަށް އިސްލާހު ހުށަހެޅި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު އެ އިސްލާހު ހުށަހަޅުއްވާފައިވާ އިރު، ދާދިފަހުން އޭނާ ވަނީ ސަރުކާރުގެ ކުޅިވަރު ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހަސަން ލަތީފު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ކަންކަން ކުޅިވަރުގައި ހުރީ 1980 ގައި ހުރި ފަދައިން އޮޅުންތަކެއްގެ ތެރޭގައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުޅިވަރުގެ ސިޔާސަތުތައް އިސްލާހުކުރުމުގެ މަސައްކަތް ލަސްކުރައްވާ ކަމަށާއި އެކަން ލަސްކުރައްވަނީ ސަރުކާރުގެ ތެރެއިން ކުޅިވަރު ހިންގަވަން ތިބި ބައެއް ބޭފުޅުންގެ އަމިއްލަ ބޭނުމަށް ކަމަށް ވިދާޅުވިއެވެ.

ހަސަން ލަތީފްގެ ވާހަކައިގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ މައްސަލަތައް ފާހަގަކުރައްވާފައިވެއެވެ. އެ މައްސަލަތަކަށް ގާނޫނު ހަދަން ޖެހޭ ކަމަށާއި އުސޫލުތައް ހެދިގެން ނޫނީ ހައްލު ނުވާނެކަން ފާހަގަކުރައްވާފައިވެއެވެ.

ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކަށް ފާޑުކިޔުއްވައި ހަސަން ލަތީފް ދެއްކެވި ވާހަކަތަކަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ރައްދުދެއްވައިފައެވެ. މިނިސްޓަރު މަހުލޫފު ވިދާޅުވީ ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި ކުޅިވަރު ސިޔާސީ ނުކުރައްވައި ރައީސް ސޯލިހު ވަނީ އިންގިލާބީ ބަދަލުތަކެއް ގެންނަވާފައި ކަމަށެވެ.