ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗިއްސާއެކު އެރި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައިގައި އިތުރު ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މަސްދޯނި މައްސަލައިގައި ރެއިން ފެށިގެން މިއަދު މެންދުރާ ހަމައަށް ކޯޓު އަމުރެއްގެ ދަށުން ދިވެހި ހަތް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި މިހާތަނަށް ޖުމްލަ 16 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ނުވަ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފެންމަތި ވި މި މައްސަލައިގައި ބަޔަކު އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ "ފަސްކުރި" ނަމަކަށް ކިޔާ ދޯންޏަކަށެވެ.

އެ މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށްފަހު ފުލުހުން ކުރިން ބުނެފައިވަނީ، އެ ދޯންޏަށް ބަޔަކު އެރި ނަމަވެސް މާރާމާރީއެއް ހިންގާފައި ނުވާ ކަމަށެވެ. ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

މި ވާހަކަތަކާ ގުޅިގެން ދޯނީގެ ވެރިފަރާތާ ހަވާލާދީ ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން "ވަން" އަށް ވިދާޅުވީ، އެ ދޯންޏަކީ އެރަށު އިހުރާމުގޭ އިދުރީސް ނަމަކަށް ކިޔާ މީހެއްގެ ދޯންޏެއް ކަމަށެވެ. އަދި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެ ދޯނި ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ވިއްކާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދޯނި ގަތުމަށް ކަނޑައެޅި އަދަދު އެއްކޮށް ދައްކާފައި ނުވުމުން އެ ދޯނި އަނބުރާ ހޯދަން ދޯނީގެ ވެރިފަރާތުން ފުލުހުންނަށާއި ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ލ. ގަމު ކޯޓުން ވަނީ ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ފަސްކުރި ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިންވަނަ ފަރާތެއް ތިބުމަކީ އިދުރީސްއަށް އިއާދަ ނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ޝަރީއަތަށް ފެންނަ ކަމަށް ނިންމައިފަ އެވެ.

އެހެންވެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި ވަގުތުން ހަވާލުކުރަން އަމުރުކޮށްފައި ވެއެވެ.