ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް 279 މިލިއަން ޑޮލަރަށް އިތުރުވެއްޖެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކައިފި އެވެ.

އެމްއެމްއޭ އިން މިމަހު އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް 20ގެ ނިޔަލަށް ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވް ހުރީ 122 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު 20ގެ ނިޔަލަށް ރިޒާވް ވަނީ 279 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

މިއީ މިއަހަރުގެ ޖަނަވަރީ މަހަށްފަހު ބޭނުން ކުރެވޭ ރިޒާވް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރިޒާވްގައި 311 މިލިއަން ޑޮލަރު ހުއްޓެވެ.

އެމްއެމްއޭ އިން ބުނީ، ގްރޮސް އިންޓަނޭޝަނަލް ރިޒާވް (ޖީއައިއާރު)ގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރީ 695.9 މިލިއަން ޑޮލަރު ކަމަށެވެ. މިއީ މިދިޔަ އޮގަސްޓް މަހާ އަޅައިބަލާއިރު 31 ޕަސެންޓުގެ އިތުރުވުމެކެވެ. އޮގަސްޓް މަހުގެ ނިޔަލަށް ޖީއައިއާރުގައި ހުރި ކަމަށް އެމްއެމްއޭ އިން ބުނަނީ 569.6 މިލިއަން ޑޮލަރެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ބޭރު ފައިސާ ވަންނަ މައިދޮރު އެއްކޮށް ބަންދުވެ، ބޭނުން ކުރެވޭ ރިޒާވް އޮގަސްޓް މަހުގައި 122 މިލިއަން ޑޮލަރަށް ދަށަށް ދިއުމަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔައީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެ ފަހަރު 110.57 މިލިއަން ޑޮލަރަށް ރިޒާވް ވެއްޓުނެވެ.