ފެނަކަ ކޯޕަރޭޝަނަށް 17 މިލިއަން ރުފިޔާ ދައްކަން ޝަރޫ ލޯންޗް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއްް ނެތްކަމަށް ކަނޑައަޅައި އެ ހުކުމް ދަމަހައްޓަން ހައިކޯޓުން ކަނޑައަޅައިފިއެވެ.

އެ ފައިސާ އަކީ ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ދިން 17 މިލިޔަން ރުފިޔާއެވެ.

އެ މައްސަލައިގައި ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަންނަން ޝަރޫ އަށް 17 މިލިއަން ރުފިޔާ ދިނުމުން، ޑޮލަރު ދޫކުރަން ޝަރޫ އިން ފެނަކައަށް ދޫކުރި ޗެކްތަކުން، އެ ޗެކުތަކުގައި ކަނޑައަޅާފައިވާ އަދަދަށް ފެނަކައަށް ޑޮލަރު ލިބިފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ ކުންފުންޏަށް ދޫކުރި 17 މިލިއަން ރުފިޔާ އަނބުރާ ހޯދަން ފެނަކައިން ދައުވާ ކުރުމުން އެ ފައިސާ ހަތަރު މަސްދުވަހުގެ ތެރޭގައި އަނބުރާ ފެނަކައަށް ދައްކަން އޮގަސްޓް، 2017 ގައި ސިވިލް ކޯޓުން ވަނީ ޝަރޫ ލޯންޗް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައެވެ.

އެހުކުމާ ގުޅުގެން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ޝަރޫ ލޯންޗް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

އެ މައްސަލަ ޝަރޫ އިން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ފެނަކައިން ޝަރޫ އަށް 17 މިލިއަން ރުފިޔާ ދިން ކަމަށާއި އަދި ޝަރޫއިން ފެނަކަ އަށް ދޫކުރި ޑޮލަރު ޗެކްތަކަށް ފައިސާ ލިބިފައި ނުވާ ކަމަށާއި އެކަމާ މެދު ދެ ފަރާތުގެ ދެމެދުގައި އެއްވެސް ސުވާލެއް ނެތް ކަމަށެވެ.

ޑޮލަރުގެ ގޮތުގައި ފެނަކަ އަށް ޝަރޫއިން ދިން ޗެކްތައް ބައުންސްވި މައްސަލާގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ މުވައްޒަފަކާއި އިތުރު ބަޔަކު ހައްޔަރުކޮށް، ފުލުހުން ތަހުގީގު ހިންގި އެވެ. އަދި ބޭރު ފައިސާ ވިއްކުމުގެ ހުއްދަ ނެތީސް، ޝަރޫ އަށް ޑޮލަރު ގަތުމަށް ހަވާލުކުރި މައްސަލާގައި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެ ކުންފުނީގެ އެހެން ބައެއް އިސް މުވައްޒަފުންނަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި އެވެ. އެކަމަކު އެ އޮފީހުން ނިންމީ އެ މައްސަލާގައިި ދައުވާ ކުރެވެން ނެތް ކަމަށެވެ.