ފެނަކަ ކޯޕަރޭޝަނުން 8.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދަން އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެންގޯ ޕްރައިވެޓް ލިމިޓެޑް ކުރި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލްކޯޓުން ނިންމީ ރަނގަޅަށް ކަމަށާއި ސިވިލް ކޯޓުގެ އެ ނިންމުން ބާތިލް ކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ 2022 ވަނަ އަހަރުން ފެށިގެން ކެންގޯ އާއި ފެނަކައާ ދެމެދު ވެފައިވާ 11 އެއްބަސްވުމަކާއި ދެ ޕާޗޭސްއޯޑަރެއްގެ ދަށުން ކުރެވިފައިވާ މުއާމަލާތްތަކާ ގުޅިގެން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ފެނަކައިން ލިބެންޖެހި، ނުލިބިވާ 8.3 މިލިޔަން ރުފިޔާ ހޯދުމަށް ގެންގޯއިން ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.
މި މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުން، 175،000 ރުފިޔާ ހަރަދުވެފައިވާތީ ފެނަކައިގެ ފަރާތުން އެ ފައިސާ ހޯދުމަށް ވެސް އެ ކުންފުނިން ކޯޓުގައި އެދިފައިވެއެވެ.
މި ދައުވާއާ ގުޅިގެން ފެނަކައަށް ލިޔެކިޔުންތައް ރައްދުކުރުމުން، ދައުވާގެ ދިފާއުގެ ބަދަލުގައި ކޯޓުގެ އިހްތިސާސްއާ މެދު ފެނަކައިން އިއުތިރާޒް ކުރިއެވެ.
ކޯޓުގެ އިހްތިސާސްއާ މެދު ސުވާލު އުފައްދައި ފެނަކައިން ބުނެފައި ވަނީ ކެންގޯ ތަމްސީލް ކުރުމަށް އައްޔަންކޮށްފައިވާ ވަކީލްގެ މަސްލަހަތު ފުށުއަރާ ހާލަތެއް މި މައްސަލައިގައި މެދުވެރިވެފައި ވާތީ އެ ވަކީލަށް މި މައްސަލައިގައި ކެންގޯ ތަމްސީލު ނުކުރެވޭނެ ކަމަށެވެ.
އެ ވަކީލަކީ ފެނަކައިގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެތައް ދުވަހެއް ވަންދެން މަސައްކަތްކޮށް، އަދި ލީގަލް އެފައާޒް ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދ،ި ހުސޫމާތް އުފެދިފައިވާ މުއާމަލާތް ކުރިއަށްދިޔަ ދުވަސްވަރު އެ ވަކީލަކީ ފެނަކައިގެ ލީގަލް ޑިޕާޓްމަންޓްގެ އިސްވެރިޔާ ކަމަށް ވެސް ފެނަކައިން ފާހަގަ ކޮށްފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ފެނަކައިން ހެއްކެއްގެ ގޮތުގައި އެ ވަކީލު ހުށަހެޅުމުގެ އިހުތިމާލު އޮތަތީ މައްސަލަ ހުށަހަޅާ ފަރާތުގެ ވަކީލެއްގެ ގޮތުގައި ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި އިއުތިރާޒުގެ ރައްދުގައި ކެންގޯއިން ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ދީފައިވާކަން ނުވަތަ މައްސަލައާ ގުޅުން ހުރި މައުލޫމާތު ހިއްސާކޮށްފައިވާކަން އެނގެން ނެތް ކަމަށާއި މި މައްސަލައިގައި ފެނަކައިގެ ފަރާތުން ކެންގޯގެ ވަކީލް ހެއްކެއްގެ ގޮތުގައި ހާޒިރުކުރަންޖެހޭ ހާލަތެއް ނޯންނާނެ ކަމަށެވެ.
ކޯޓުގެ އިހްތިސާސްއާ މެދު ސުވާލު އުފައްދައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުން ނިންމީ ފެނަކައިން ކޯޓުގެ އިހްތިސާސްއާ މެދު ސުވާލު އުފައްދައި ނަގާފައިވާ ނުކުތާ ބަލައި ނުގަތުމަށެވެ.
ނަމަވެސް ސިވިލް ކޯޓުގެ މި ނިންމުން ފެނަކައިން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.
ހައިކޯޓުން މައްސަލަ ބެލުމަށްފަހު އިއްޔެ ހުކުމް ކުރީ، މި މައްސަލައިގައި ފާހަގަ ކުރެވުނު ނުކުތާތަކާއި ބަޔާން ކުރެވުނު ކަންކަން ހުރިގޮތަށް ބަލައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ބިނާކޮށް، ސިވިލްކޯޓުގެ އިހްތިސޯސާ މެދު އެ ކޯޓުން ނިންމި ގޮތް ބާތިލް ކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ކޮމެންޓް