ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަންނަ މަހު އަމަލުކުރަން ފަށާއިރު އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަންނަ އަހަރަށް 6.3 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ވަމުން އަންނަ ތައްޔާރީތަކާއި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިއްޔެ ވަނީ އެ ގާނޫނުގައި ހިމެނޭ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ފިނޭންސް މިނިސްޓްރީގެ ލީގަލް އޮޝަލުން ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މިނިސްޓްރީގެ މަސްއޫލިއްޔަތަކީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައެޅުން ކަމަށެވެ.

އެގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ފަސް މިލިއަން ރުފިޔާގެ ބަދަލުގައި، އަންނަ 2021 ވަނަ އަހަރަށް 6.3 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ހާލާތު ގޯސްވެފައިވާކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ އެ ގާނޫނު ފާސްކުރި އިރު ރާއްޖެ އޮތް މާލީ ހާލަތަށް ދިއުމަށް ތިން އަހަރު ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އުއްމީދަކީ އެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އައުން ކަމަށެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ގޯސްވި ނަމަވެސް އިޖްތިމާއީ ދާއިރާގެ ކަންކަމަށް ބަޖެތް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.