ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހިމް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދައި ޝަހީބާއި އިތުރު ހަތް މީހަކު ހައްޔަރު ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ހެކި ހުށަހެޅުމުން ޝަހީބުގެ ބަންދަށް ފުރަތަމަ ދިނީ 15 ދުވަހެވެ. އެ މުއްދަތު ހަމަވީ މިއަދު އެވެ.

ފުލުހުން ބުނީ، ޝަހީބު ދޫކޮށްލަން ކޯޓުން އަމުރުކުރީ އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. އަދި އޭނާ ކޯޓުން ދޫކޮށްލާފައިވަނީ ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު ކޯޓަށް ހުށަހެޅުމުން ކަމަށް ވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި ބަންދާމެދު ގޮތެއް ނިންމެވުމުގެ މަޖިލީހުގައި މިއަދު ގާޒީއަކަށް އިންނެވީ ހުސެއިން ފާއިޒު ރަޝާދެވެ. އަދި އެއީ މިއަދު މައްސަލަ ބަލަން ފުރަތަމަ ހަމަޖެހިފައި އިން ގާޒީއެއް ނޫނެވެ.

އެ މައްސަލައިގައި ދެން އެންމެ އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކޮށްފައިވަނީ ވައިލެޓްވިލާ/ ހއ. ހޯރަފުށި، އަހްމަދު މޫސާ އެވެ. އޭނާގެ ބަންދުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހު ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްފަ އެވެ.

ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި ޝަހީބަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެކެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އޭނާ ވަނީ މެމްބަރުކަމުން ސަސްޕެންޑު ކޮށްފައެވެ.