ޚަބަރު

އައިލެންޑް ޑޮޓް އެމްވީ ޕޯޓަލް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފި

އަލީ ޔާމިން

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގުޅިގެން މަސައްކަތް ކުރަމުން އައި ރަށު ފަރުތުވެރިކަމާ ގުޅޭ އައިލެންޑްސް ޑޮޓް އެމްވީ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ނިންމުމަށްފަހު އެ ޕޯޓަލް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން އެ ޕޯޓަލްއާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، އައިލެންޑް ޑޮމް އެމްވީ ޕޯޓަލްގެ ސަބަބުން އަތޮޅުތެރޭގެ ރަށްތައް ޕްރޮމޯޓުކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ކޮވިޑް 19ގެ މި ހާލަތުން ރާއްޖެ އަރައިގަތުމަށްޓަކައި، ހާއްސަގޮތެއްގައި ގެސްޓްހައުސް ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކުރުމަށްވެސް އެ ޕޯޓަލްއަކީ މުހިންމު ޕޯޓަލެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މަލީހު ވިދާޅުވީ، އުންމީދަކީ އައިލެންޑް ޑޮޓް އެމްވީއަކީ ކާމިޔާބު ޕޯޓަލްއަކަށްވެ، ރާއްޖެއިން ބޭރުގައި ބައިވެރިވާ އެކިއެކި ފެއާތަކުގައި އައިލެންޑްސް ޑޮޓް އެމްވީ ޕްރޮމޯޓްކުރެވި، ރާއްޖޭގެ ގެސްޓްހައުސްތަކާއި އަތޮޅުތަކުގައި ހުރި ރެސްޓޯރަންޓުތައް އަދި ޓޫރިޒަމްއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް އެ ޕޯޓަލުގެ އެހީގައި ބޮޑު މަންފާއެއް ކުރުން ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ، މި ވެބްސައިޓް ވެގެންދާނީ ދިވެހިރާއްޖޭގެ ވާހަކަ ކިޔައިދޭ ސައިޓަކަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީ ތަފާތު ދިރިއުޅުމެއް އުޅޭ ރަށަކަށްވެފައި ފަތުރުވެރިން ގަޔާވާ ކަހަލަ ކަންތައްތައް ކޮންމެ ރަށަކުން ލިބެން އެބަހުރި ކަމަށާއި އެ ވެބްސައިޓް މެދުވެރިކޮށް މުޅި ދުނިޔެއަށް އެ މައުލޫމާތު ފޯރުކޮށްދެވި، ކޮންމެ ރަށަކީ ބްރޭންޑަކަށް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައިލެންޑްސް ޑޮޓް އެމްވީގެ ޓެކްނިކަލް މަސައްކަތްތައް ފުރިހަމަކުރީ، އެންސީއައިޓީ ޑިވޮލޮޕަރުންނެވެ. އެ ޕޯޓަލަށް ކޮންޓެންޓް އެޅުމުގެ މަސައްކަތްކުރީ ކޮމިއުނިކޭޝަން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުންނެވެ. އައިލެންޑްސް ޑޮޓް އެމްވީ ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.