މިސީޒަން ފެށިގެން ދެތިން މަސްވެސް ނުވަނީސް، އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލަށް ދިމާވި އެންމެ ބޮޑު މާޔޫސްކަމަކީ އަނިޔާގެ މައްސަލަތަކެވެ. ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު ޖެހިޖެހިގެން އައި ދެ ސީޒަންގައި އުފުލާލި ލިވަޕޫލަށް މިސީޒަންގެ ފެށުން އުނދަގޫވެފައިވަނީ މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެފައި ވުމުންނެވެ.

ޓީމުގެ އެންމެ މައި އެއް ތަނބު، ވާޖިލް ވެންޑައިކާއި ފަބީނިއޯގެ އިތުރުން ތިއާގޯ އަލްކަންޓްރާ އަދި ޖޯލް މަޓިޕްވެސް މިވަގުތު ތިބީ އަނިޔާގައެވެ. އާންމުކޮށް ފުރަތަމަ 11 ގައި ކުޅެން ހަތަރު ވަރަކަށް ކުޅުންތެރިންނަށް އަނިޔާވުމަކީ އަރައިގަންނަން އުނދަގޫވާނެ ކަމެކެވެ.

އަނިޔާގެ މައްސަލަތަކަކީ މާޔޫސް ކަމެއް ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފައިވާ އިރު، އެކަމުން އަރައިގަނެ ޓީމުގެ ނަތީޖާތައް ނެރުމަކީ ޗެލެންޖެކެވެ. އެހެންނަމަވެސް އޭނާއަކީ އަބަދުވެސް "އަންޑަޑޯގްސް"ގެ ގޮތުގައި ކުޅެން ތައްޔާރަށް ހުންނަ މެނޭޖަރެއްކަން ކެރިއަރުގައި ވަނީ ދައްކައިފައެވެ. އެކަންކަމާ ގުޅުވައިގެން ކުރިން ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލަށް ކުޅުނު އެޑަމް ލަލާނާ ވަނީ ކްލޮޕްގެ ވިސްނުން ހުންނާނެ ގޮތް ކިޔައިދީފައެވެ.

"އެއްވެސް ކަމަކީ ކްލޮޕަކަށް ޝަކުވާއަކަށް ނުވާނެ. ބުނާނެ މިއީ އެހެން ޓީމުތަކަށްވެސް ކަންކަން ދިމާވާނެ ގޮތޭ. ކްލޮޕްގެ ސްކޮޑު ބަދަލުކޮށް، ހާނާލާނެ އަނިޔާގައި ތިބި ކުޅުންތެރިންނާ ނުލައި ނަތީޖާ ނެރުމަށް. އަނިޔާގެ މައްސަލަތަކީ ޗެލެންޖެއް ކަމަށް ބަލައިގެން ކްލޮޕް މިހާރު ޓީމު ގެންގުޅޭނީ. އެއީ ޓެސްޓެއް. އެކަމަކު އެކަހަލަ ގޮތަކަށް ޗެލެންޖެއް ކުރިމަތިވުމަކީ ކްލޮޕް ސިއްރުން އުފާކުރާނެ ކަމެއް،" ލިވަޕޫލަށް ކުޅުމަށްފަހު މިސީޒަނަށް ބްރައިޓަންއަށް ބަދަލުވި ލަލާނާ ބުނެފައިވެއެވެ.

ވެންޑައިކަށް އަނިޔާވެ، ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހުމުން، އޭނާ ނެތްތަން ފޫބެއްދުމަށް ލިވަޕޫލްގެ ސެންޓާ ޑިފެންސުގައި މުހިއްމު ރޯލެއް އަދާކުރަމުން ދިޔަ ބްރެޒިލްގެ ފަބީނިއޯއަށް އަނިޔާވީ ރޭ ޗެމްޕިއަންސް ލީގުގައި މިޖީލޭންޑާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައެވެ. ފަބީނިއޯގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މަޓިޕާއި ވެންޑައިކް އަނިޔާގައި ތިބިމުން ރޭގެ މެޗުގައި ލިވަޕޫލްގެ ސެންޓާ ބެކުން ފެނުނީ ފަބީނިއޯއާއި ޖޯ ގޮމޭޒްއެވެ. އެއީ ސީނިއާ ސްކޮޑުން ޔާގަން ކްލޮޕަށް ބޭނުންކުރެވެން އޮތް ހަމައެކަނި ޗޮއިސްވެސް މެއެވެ. ފަބީނިއޯގެ ބަދަލުގައި ކުޅެން ނެރުނީ ޒުވާން ޑިފެންޑަރެއް ކަމަށްވާ ރީސް ވިލިއަމްސްއެވެ.