ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ ރާއްޖެ ވަޑައިގެންފި އެވެ.

އިންޑިއާ އަދި ސްރީ ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޕޮމްޕެއޯއަށް މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހާރިޖީ ލަފާ އަރުވާ އެންމެ އިސް ފަރާތް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 28 އަހަރަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ. އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކާ އެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ފުރަތަމަ ބައްދަލުކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ. އޭގެ ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވެސް ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިއަދު ހަވީރު 4:00 ޖަހާއިރު މިނިސްޓަރު ޝާހިދާއި ޕޮމްޕެއޯގެ ހާއްސަ ޕްރެސް ސްޓޭޓްމަންޓެއް ދެއްވާނެ އެވެ. އެ ޕްރެސް ސްޓޭޓްމަންޓް ދައުލަތުގެ ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެ އެވެ.

ޕޮމްޕެއޯ ރާއްޖެއަށް ވަޑައިގެންނެވި އިރު، ފޮރިން މިނިސްޓަރު ޝާހިދު ވަނީ ޕޮމްޕެއޯގެ ދައުވަތަކަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވޮޝިންޓަނަށް ވަޑައިގެން، ބައްދަލުކުރައްވައިފަ އެވެ.