ކުރިން އެމެރިކާގެ އާމީގައި މަސައްކަތްކުރެއްވި މައިކް ޕޮމްޕެއޯ އަކީ އެމެރިކާގެ 70 ވަނަ ފޮރިން ސެކްރެޓަރީއެވެ. އެމެރިކާގެ ހާރިޖީ ވަޒީރުކަމުގެ މަގާމުގައި ކުރިން ހުންނެވި ރެކްސް ޓިލާސަން ވަކިކުރެއްވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޕޮމްޕެއޯ އެ މަގާމަށް އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ޕޮމްޕެއޯ ހުންނެވީ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައޭ)ގެ އެންމެ އިސް ވެރިޔާގެ ގޮތުގައެވެ. ސީއައޭގެ ޑިރެކްޓަރުގެ މަގާމަށް ޕޮމްޕެއޭ އައްޔަންކުރައްވާފައިވަނީ 2016 ވަނަ އަހަރުގެ އިންތިހާބު ޓްރަމްޕް ކާމިޔާބުކޮށް، ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހުއެވެ. އަދި އެމެރިކާގެ ހާރިޖީ ވަޒީރުކަމުގެ މަގާމަށް އައްޔަންކުރައްވަންދެން ޕޮމްޕެއޯ ވަނީ ސީއައިއޭގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ.

ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިން ޕޮމްޕެއޯ ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި، އެ ދާއިރާގައި މަސައްކަތްތަކެއް ކުރައްވައިފައެވެ. ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ޕޮމްޕެއޯ ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ. ޕޮމްޕެއޯ ވަނީ 2010، 2012، 2014 އަދި 2016ގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައި ކެންސަސް ސިޓީގެ ގޮނޑި ކާމިޔާބުކުރައްވައިފައެވެ. ޕޮމްޕެއޯ ވަނީ 2011 ވަނަ އަހަރުން ފެށިގެން ޖެނުއަރީ 2017ގެ ނިޔަލަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވައިފައެވެ.

ޓްރަމްޕްގެ ވަޒީރުންގެ ތެރެއިން މިހާރު ބޭރު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ވަޒީރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޕޮމްޕެއޯއަކީ އަބަދުވެސް ޓްރަމްޕްގެ ދިފާއުގައި ވާހަކަދައްކަވާ ވަޒީރެކެވެ. އޭގެ އިތުރުން ޗައިނާއާ ދެކޮޅަށް އެތައް ފޯރަމެއްގައި ޕޮމްޕެއޯ ވަނީ ވާހަކަދައްކަވައިފައެވެ.

ދުނިޔެއަށް ކޮވިޑް 19 ފެތުރުނު ސަބަބު ދެނެގަތުމަށް އެމެރިކާއިން ކުރި މަސައްކަތުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ ޕޮމްޕެއޯއެވެ. ކޮވިޑް ފެތުރިގެންދިޔައީ ޗައިނާގައި ހުންނަ ވުހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީން ކަމަށް ތުހުމަތުކޮށް، ޗައިނާއަށް އެމެރިކާގެ ސައިންސްވެރިން ފޮނުވުމަށް ވެސް ޕޮމްޕެއޯ މަސައްކަތްކުރެއްވިއެވެ. ނަމަވެސް އެ މަސައްކަތްތައް ކުރުމަށް ޗައިނާއަށް އެތެރެވުމުގެ ހުއްދަ އެގައުމުން ދީފައި ނުވާ ކަމަށް މިއަހަރުގެ އޭޕްރީލް މަހު ޕޮމްޕެއޯ ވަނީ ވިދާޅުވެފައެވެ.

ޗައިނާއާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ޕޮމްޕެއޯ އިސްކޮށް ހުންނަވައި، ޗައިނާއާ ދެކޮޅު އިއްތިހާދެއް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. އެ އިއްތިހާދުގައި އެމެރިކާއާއެކު އިސްކޮށް އިންޑިއާ ބައިވެރިވާނެ ކަމަށް ބެލެވޭ އިރު، އެ އިއްތިހާދު ގާއިމުކުރުމުގެ މަސައްކަތާއި ޕޮމްޕެއޯ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ވެސް ގުޅުމެއްވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން ޕޮމްޕެއޯ ވަނީ އިންޑިއާއަށް ވަޑައިގަންނަވައިފައެވެ. އޭގެ އިތުރުން ރާއްޖެ އާއި ސްރީލަންކާ އާއި އިންޑޮނޭޝިއާއަށް ވެސް ޕޮމްޕެއޯ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވެއެވެ. މިއަދު ރާއްޖެއަށް ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ އިސްވެރިންނާއެކު ރަސްމީ ބައްދަލުކުރެއްވުންތަކުގައި ޕޮމްޕެއޯ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.