ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމިއޫ މަގާމުން އިސްތިއުފާ ދީފިއެވެ.

ކްލަބުގެ ތެރޭގައި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި ބާޓޮމިއޫ އިސްތިއުފާ ދީފައިވަނީ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓަކަށް އާންމު މެމްބަރުން ތައްޔާރުވެފައި ވަނިކޮށެވެ. 2014 ވަނަ އަހަރު ބާސާގެ ރައީސްގެ މަގާމާ ހަވާލުވި ބާޓޮމިއޫ އިސްތިއުފާދީފައިވަނީ ކްލަބުގެ ކަންކަން ބޮއްސުންލައިގެން ދިޔުމުގެ ފާޑުކިޔުން އޭނާގެ މައްޗަށް ވަރަށް ބޮޑަށް އަމާޒުވެ، އެކަމުގެ ޕްރެޝަރު ބޮޑުވުމުންނެވެ.

ކްލަބާ ހަވާލުވި ފަހުން ކާމިޔާބީތަކެއް ހާސިލުކުރި ނަމަވެސް ބާޓޮމިއޫ ވަނީ ބާސާގެ ޒަމާންވީ ތާރީހީ ކަންކަމަށް ގޮން ޖަހައި، ވަރަށް ބޮޑަށް ވިޔަފާރި މޮޑެލަކަށް ފުޓުބޯޅަ ޓީމުގެ ހިންގުން ބަދަލުކޮށްލައިފައެވެ. އެކަމުގެ ހިތްހަމަނުޖެހުންތައް ކުޅުންތެރިންނާ ހަމައަށްވެސް ފޯރައި، ކްލަބުގެ ކެޕްޓަން ލިއޮނަލް މެސީއާއި ބާޓޮމިއޫއާ ދެމެދުވެސް ވަނީ މައްސަލަތަކެއް ޖެހިފައެވެ.

ބާސާގެ ކަންކަމާ ހިތްހަމަނުޖެހިގެން މި ސީޒަނަށްފަހު ކްލަބު ދޫކޮށްލަން މެސީ ވަނީ ރަސްމީކޮށް އެދިފައެވެ. މެސީ އެދިފައިވަނީ އޭނާއާއެކު ބާސާ އިން ވެފައިވާ ކޮންޓްރެކްޓު އުވާލައިދިނުމަށެވެ. އެކަމަށް ބާސާގެ ރައީސް ބާޓެމިއު ދެކޮޅު ހަދާފައިވާ އިރު، އޭނާ ވަނީ މެސީއަށް ގާނޫނީ ގޮތުން ވެސް ހުރަސް އަޅައިފައެވެ. ގާނޫނީ ބޮޑު ހަނގުރާމައަކަށް ދާން ޖެހިދާނެތީ މެސީ ވަނީ މި ސީޒަނަށް ބާސާގައި މަޑުކުރަން ނިންމައިފައެވެ.

މެސީ މީޑިއާއަށް ބުނެފައިވަނީ މިސީޒަނަކީ އޭނާ ބާސާ ޖާޒީގައި ކުޅޭނެ ފަހު ސީޒަން ކަމަށާއި ބާސާގެ ރައީސް ބާޓެމިއޫއަކީ ދޮގު ހަދައި، އޮޅުވައިލާ މީހެއް ކަމަށެވެ. މެސީގެ މައްސަލައިގެ އިތުރުން އެތައް ގިނަ ސަބަބުތަކާ ހުރެ ބާސާގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ކްލަބުން ތައްޔާރުވެފައިވާ އޮތް އިރު، ހަބަރުތައް އޭރު ބުނެފައިވާ ގޮތުން ބާސާގެ ރައީސް ބަދަލުވެއްޖެ ނަމަ، މެސީ އަދިވެސް އެ ކްލަބުގައި މަޑުކުރާނެއެވެ.

މެސީއާއެކު ކްލަބުގައި ވިދާލި ނޭމާ ޕީއެސްޖީއަށް ވިއްކާލުމާއި، މިދިޔަ ސީޒަނަށްފަހު ލުއިސް ސުއަރޭޒް، ބާސާއިން އެއްލާލި ގޮތުންވެސް ބާޓޮމިއޫއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، ކްލަބުގެ ނަން ޔޫރަޕްގެ އެންމެ އުހުން ގެއްލުމަކީ ބާޓޮމިއޫ ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ހާއްސަކޮށް ދުނިޔޭގެ އެންމެ ވަރުގަދަ އެކަޑެމީގެ ގޮތުގައި މަޝްހޫރުވި ބާސާގެ "ލަ މަސިއާ"ގެ ހިންގުންވެސް އުސޫލުން ގެއްލުވައިލީ ބާޓޮމިއޫ ކަމަށް ބާސާގެ ސަޕޯޓަރުންނާއި ތަޖުރިބާކާރުން ބުނެފައިވެއެވެ.

ބާސާގެ ފުޓްސަލް، ބާސްކެޓް އަދި ހޭންޑްބޯޅައިގެ އިތުރުން ބީޗް ސޮކާ ޓީމުތައް ކުރިއެރުވުމުގައިވެސް މަސައްކަތްތަކެއް ކުރި ބާޓޮމިއޫގެ ވެރިކަމުގައި އޭނާ ވަނީ ފުޓުބޯޅަ ޓީމަށް ހަތަރު ފަހަރަށް ލީގު ކާމިޔާބުކޮށްދިނުމުގެ އިތުރުން އެއް ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމަށް އެހީތެރިވެދީފައެވެ. ބާޓޮމިއޫގެ ފުރަތަމަ އަހަރުގައި ޗެމްޕިއަންސް ލީގު ކްލަބަށް ކާމިޔާބުވި ނަމަވެސް ފަހުން ފެނުނީ އެ މުބާރާތުން ހިތްދަތި ގޮތަކަށް ކަޓައިގެން ދިޔަ ސީޒަންތަކެކެވެ.