ބެލްޖިއަމްގައި ކޮވިޑްގެ ހާލަތު ގޯސްވެ ސިއްހީ ހިދުމަތްތެރިންގެ ތެރެއިންވެސް ގިނަ ކޭސްތަކެއް ފެނިއްޖެއެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު ބެލްޖިއަމްގައި ވަނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައެވެ. ބެލްޖިއަމްގެ ބައެއް ހޮސްޕިޓަލްތަކުގައި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތައް ވެސް ޕޮޒިޓިވް ވެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އެގައުމުން ބުނެއެވެ.

ބެލްޖިއަމްގެ ބައެއް ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ ތެރެއިން ގިނަ ބަޔަކ ކޮވިޑަށް ޕޮޒިޓިވް ވި ނަމަވެސް ބަލީގެ އަލާމާތްތައް ނުފެންނަ ފަރާތްތަކުން ވަނީ ބަލިމީހުން ބެލުމަށް މަޖުބޫރުވެފައެވެ.

ބެލްޖިއަމްގެ ސިއްހީ ދާއިރާގެ އޮފިޝަލަކާ ހަވާލާދީ މީޑިއާއިން ވަނީ އެގައުމުގެ ގިނަ ހޮސްޕިޓަލްތަކުގެ އައިސީޔޫ އެނދުތައްވެސް ބަލިމީހުންނަށް ހިދުމަތް ދެވޭވަރަށްވުރެ މަދުވެފައިވާ ކަމަށް ބުނެފައެވެ. އަދި މީގެ އިތުރުން ހޮސްޕިޓަލްތަކުގެ ހިދުމަތްތެރީންވެސް މަދުވެ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާއިން ފެށިގެން ބެލްޖިއަމް އިން ވަނީ ދުވާލެއްގެ މައްޗައް 13000 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެންނަން ފަށާފައެެވެ. އެގައުމުން ވަނީ މިހާތަނަށް ތިން ލައްކައަށްވުރެން ގިނަ މީހުންނަށް ކޮވިޑްޖެހި މިބަލީގައި 10899 މީހުން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައެވެ.