ކޯޓު އަމުރާ އެއްގޮތަށް "ފަސްކުރި" ދޯނީގެ ފަޅުވެރިން ދޯނިން ފައިބައި، އެ ދޯނީގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ދޯނީގެ ވެރިފަރާތް ކަމަށްވާ އިދުރީސް ހުސައިން "ވަން" އަށް ބުނީ ކޯޓު އަމުރާ އެއްގޮތަށް ދޯނީގައި ތިބި ފަޅުވެރިން ފޭބުމަށްފަހު، ދޯނި ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާއާ ދޯނި ހަވާލުކޮށްފައިވަނީ އިއްޔެ ކަމަށްވެސް އިދުރީސް ބުންޏެވެ.
އިދުރީސް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ދޯނީގެ އަގާއި އިންޖީނުގެ އަގު ދެއްކުމަށް ރިޗްކްލަބް މޯލްޑިވްސް އިން ހިލާފު ވެފައިވާ ދުވަހުން ފެށިގެން އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ދޯނީގެ ވެރިފަރާތާ ދޯނި ހަވާލުކުރުމާ ހަމައަށް ކުލީގެ ގޮތުގައި އެ އުޅަނދަށް ފައިސާ ދައްކަން ޖެހޭކަން ކަނޑައަޅައިދިނުމަށް ވެސް އެދިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ލ. ގަމު ކޯޓުން އިއްޔެ ވަނީ ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ފަސްކުރި ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިންވަނަ ފަރާތެއް ތިބުމަކީ އިދުރީސަށް އިއާދަނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ޝަރީއަތަށް ފެންނަ ކަމަށް ނިންމައިފައެވެ. އެހެންވެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި ވަގުތުން ހަވާލުކުރަން އަމުރުކޮށްފައިވެއެވެ.
މި ކޯޓު އަމުރުގެ މައްސަލައިގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗްކްލަބް މޯލްޑިވްސް އިން ވަނީ ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ އިޖުރާއަތްތަކާ ހިލާފަށްކަމަށް ބުނެ، އެ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފިއެވެ.
ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އެ ދޯނި އޮއްވައި ތޫނު އެއްޗިއްސާއެކު އެރި ކަމަށް ތުހުމަތު ކުރެވޭ މައްސަަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރެއިން ތިން މީހަކު މިއަދު ވަނީ ކޯޓުން ދޫކޮށްލައިފައެވެ.
އެ ވާހަކަތަކާ ގުޅިގެން ދޯނީގެ ވެރިފަރާތާ ހަވާލާދީ ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން އިއްޔެ "ވަން" އަށް ވިދާޅުވީ، އެ ދޯންޏަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އަބްދުﷲ ޖާބިރަށް ވިއްކާލާފައިވާ ދޯންޏެއް ކަމަށެވެ. އެ ދޯނި ޖާބިރު ގަތީ ހަތް މިލިއަން ރުފިޔާއަށް ކަމަށާއި ދޯނި ގެންދަން ފުރަތަމަ ހަތް ލައްކަ ރުފިޔާ ދެއްކި ކަމަށެވެ. ނަމަވެސް ބާކީ ބައި އެއް އަހަރު ދުވަސް ތެރޭގައި ތިން ޕޭމަންޓަކަށް ދައްކާ ގޮތަށް އެއްބަސްވި ކަމަށާއި އޭގެ ފަހުން އެއްވެސް ފައިސާއެއް ނުދައްކައި އަދި ޖާބިރަށް ގުޅުމުން ފޯނެއް ވެސް ނުނަންގަވާ ކަމަށް ގަމު ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ދޯނީގައި ތިބި މީހުންނަށް އެ ވާހަކަތައް ކިޔައިދިނުމުން ނަގިލި ނަގައިގެން ގަމަށް ދޯނި ވެއްދި ކަމަށެވެ. އަދި ދޯންޏަށް ރަށު މީހުން ދިޔައީ ފުލުހުންނަށް ވެސް އެންގުމަށްފަހު ކަމަށާއި އެ މައްސަލައިގައި ދޯންޏަށް އެރި އެންމެންގެ ނަން ނޯޓު ކޮށްފައި ދޫކޮށްލާފައިވާ ކަމަށް ޝާހީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު