ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗިއްސާއެކު އެރި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައިގައި ރޭ ހައްޔަރުކުރި ތިން މީހުން ކޯޓުން ދޫކޮށްލި އިރު، އެ މައްސަލައިގައި މިއަދު އިތުރު ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްދޯނި މައްސަލައިގައި ރޭ ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ. ރޭ ހައްޔަރުކުރީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މަސްދޯނި މައްސަލައިގައި މިއަދު އިތުރު ފަސް މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދު ހައްޔަރުކުރީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ދެ ފިރިހެނުންނާއި 33 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އާދިއްތަ ދުވަހުގެ ރޭ ފެންމަތިވި މި މައްސަލައިގައި ބަޔަކު އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ "ފަސްކުރި" ނަމަކަށް ކިޔާ ދޯންޏަކަށެވެ.
އެ މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށްފަހު ފުލުހުން އިއްޔެ ބުނީ، އެ ދޯންޏަށް ބަޔަކު އެރި ނަމަވެސް މާރާމާރީއެއް ހިންގާފައި ނުވާ ކަމަށެވެ. ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.
މި ވާހަކަތަކާ ގުޅިގެން ދޯނީގެ ވެރިފަރާތާ ހަވާލާދީ ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން "ވަން" އަށް ވިދާޅުވީ، އެ ދޯންޏަކީ އެރަށު އިހުރާމުގޭ އިދުރީސް ނަމަކަށް ކިޔާ މީހެއްގެ ދޯންޏެއް ކަމަށެވެ. އަދި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެ ދޯނި ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ވިއްކާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދޯނި ގަތުމަށް ކަނޑައެޅި އަދަދު އެއްކޮށް ދައްކާފައި ނުވުމުން އެ ދޯނި އަނބުރާ ހޯދަން ދޯނީގެ ވެރިފަރާތުން ފުލުހުންނަށާއި ކޯޓަށް ވެސް ހުށަހަޅާފައިވެއެވެ.
އެގޮތުން މިއަދު ލ. ގަމު ކޯޓުން ވަނީ ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ފަސްކުރި ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިންވަނަ ފަރާތެއް ތިބުމަކީ އިދުރީސްއަށް އިއާދަނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ޝަރީއަތަށް ފެންނަ ކަމަށް ނިންމައިފައެވެ. އެހެންވެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި ވަގުތުން ހަވާލުކުރަން އަމުރުކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު