އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ކުރާ ބަހުގެ ހިދުމަތް ވަކި ގަޑިތަކެއްގައި މެދުކަނޑައިލުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ، މައިކް ޕޮމްޕެއޯގެ ޒިޔާރަތާ ގުޅިގެން މާދަމާ މެންދުރު 12:30 އިން މެންދުރުފަހު 3:00 އަށް އެއާޕޯޓު ބަހުގެ ހިދުމަތް މެދުކަނޑައިލަން ނިންމާފައިވާ ކަމަށެވެ.

ޕޮމްޕެއޯ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާތީ ވަކި ގަޑިތަކެއްގައި ވީއައިއޭގެ މަގުތައް ބަންދުވާނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ. އެގޮތުން އެމްއޭސީއެލުން ބުނީ ވީއައިއޭގެ މަގުތައް މާދަމާ މެންދުރު 1:00 އިން މެންދުރުފަހު 3:00 އަށް ބަންދުވާނެ ކަމަށާއި ވީއައިޕީ ލައުންޖު ސަރަހައްދުވެސް ހަވީރު 4:00 އިން ހަވީރު 5:00އާ ހަމައަށް ބަންދުވާނެ ކަމަށެވެ.

ޕޮމްޕެއޯ މާދަމާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނީ ޕޮމްޕޭއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށާއި އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ކުރައްވަން ހަމަޖައްސާފައިވާ ކަމަށެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 24 ޖުލައި 1992ގައި އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ ރަސްމީ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.