އައިޖީއެމްއެޗާ ދިމާލުން ބޭރުގައި މަރުވެފައި އޮއްވައި މޫދުން ފެނުނު ޒުވާނާ ރަސްފަންނު މޫދު ސަރަހައްދަށް ދާ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ގދ. ވާދޫ، ރިމެމްބަރކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހްމަދު (31އ) މަރުވެފައި އޮއްވައި މޫދުން ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމުތަކެއް ހުރިކަން އައިޖީއެމްއެޗުން ކަށަވަރުކޮށްދިން ނަމަވެސް އޭނާގެ ހަށިގަނޑުން ފެންނަން ހުރީ ކޮންކަހަލަ ޒަހަމުތަކެއް ކަމެއް ކަށަވަރުކޮށެއް ނުދެއެވެ.
ސީސީޓީވީ ފުޓޭޖު އާންމުކޮށް ފުލުހުން މިއަދު ބުނީ ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް ކަމަށެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ އެ ސަރަހައްދަށް ގޮސްފައިވަނީ ފައި މަގުގައި ހިނގައިފައެވެ.
އެ ވަގުތުގައި ސިދުރަތުﷲ އާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.
ސިދުރަތުﷲގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ފުލުހުން އަންނަނީ އޭނާގެ މަރުގެ ސަބަބު ކަށަވަރުކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު