އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކޮށް، ފަހުން ދޫކޮށްލި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައިކޯޓުން ހުކުމްކޮށްފި އެވެ.
ޖުމުލަ 98.6 ކިލޯގެ މަސްތުވާތަކެތި ހޯދި އެ އޮޕަރޭޝަންގައި ޖުމްލަ 16 މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމަށް އަމުރުކޮށްފަ އެވެ. ދެން ތިބި މީހުން ވަނީ ދޫކޮށްލައިފަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފައިވަނީ ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނޭ ސ. ހިތަދޫ/ މަންދޫބުގެ، ރުޝާން އަހުމަދުދީދީގެ މައްޗަށެވެ. ޑުރަގުގެ މައްސަލައާ އޭނާއާ ގުޅުން ހުރި އެއްވެސް ހެއްކެއް ގަރީނާއެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށް ބުނެ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކުރަން ގެންދިއުމުންނެވެ.
އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ، ރުޝާންގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި ޒާތަށާއި މައްސަލައިގެ ވަށައިގެން ހުރި އެންމެހައި ކަންކަމުގެ މައްޗަށް ބަލާއިރު އަދި އެ މައްސަލައިގައި ރުޝާންގެ މައްޗަށް ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށް ބަލާއިރު ރުޝާންގެ މައްޗަށް ކުރެވޭ ތުހުމަތު އެ ގޮތުގައި އޮއްވައި އޭނާ ބަންދުން ދޫވުމަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއްކަން އެނގޭ ކަމަށެވެ.
އެހެންކަމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ބަންދުން ދޫކޮށްލުމަށް ނެރެފައިވާ އަމުރަށް ބަދަލު ގެނެސް، ރުޝާންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ކަމަށް ހުކުމްގައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު