ސުޕްރީމް ކޯޓް

މެންބަރު ޔައުގޫބުގެ ގޮނޑި ގެއްލިފައިވާކަމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ދެންމެ ނިންމާލައިފިއެވެ.

އެ މައްސަލައިގެ މިއަދުގެ ޝަރީއަދުގެ މަޖިލިސް ނިންމަވައިލައްވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި، އިސް ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ، އިތުރުކަމެއް ސާފުކުރަން ނެތްކަމަށް ވާނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.

ޔައުގޫބުގެ މެންބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފައްދައި އެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެންބަރުކަން ގަބޫލު ކުރެއްވުމުންނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. ހަލީމުގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަސްއަދު ޝަރީފް، ވެސް އިތުރު މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހަޅުއްވާފައިވެއެވެ.

މި ދެ މައްލަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަނީ އެއް މައްސަލައެއްގެ ގޮތުގައެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުއްވި ހަލީމު ވިދާޅުވީ އެ މައްސަލަައަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ތިންވަނަ ނަންބަރާއި އަށްވަނަ ނަންބަރާ ޔައުގޫބު ހިލާފުވެފައިވާތީ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށެވެ.