ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫންއަބްދުލްގައްޔޫމް ފައިސާއެއް ނުނަންގަވާނެ ކަމަށާއި ވައްކަމެއް ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެ އެވެ.
މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުރިއަށްދިޔަ އިފްލާސްވުމާއި
އިފްލާސްކުރުމުގެ ބިލު ގެ ބަހުސްގައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ދެއްކެވި ވާހަކައިގައި، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އޭނާގެ އަތުން ފައިސާ ނަންގަގައި ވައްކަން ކުރައްވާފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ދިއުމާއި ގުޅިގެންނެވެ.
ޖާބިރުގެ ވާހަކަތަކާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި، މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ، ރައީސް މައުމޫނު ދަރާއޮތް ކަމަށާއި، ވައްކަން ކުރައްވާފައިވާކަމަށް ވިދާޅުވެ ޖާބިރު ވާހަކަ ދައްކަވަމުން ގެންދަވަނީ، މަޖިލީހުގެ ގަވާއިދުގެ 61 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އަދި މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގެންނެވޭ، މަޖިލީހަށް ހާޒިރުވެނެތް ބޭފުޅަކަށް އެފަދަ ވާހަކަ ދެއްކިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ މެންބަރު ވިދާޅުވީ، ކުރީގެ ރައީސް މައުމޫނު ވަރަށް ގާތުން ދަންނަ ކަމަށާއި، އެމަނިކުފާނު ޖާބިރު އަތުން ލާރިއެއް ނުނަންގަވާނެ ކަމަށާއި ވައްކަމެއްވެސް ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ކުރީގެ ރައީސް މައުމޫނު ދަންނަން، ވަރަށް ގާތުން ދަންނަން އެބޭފުޅެއް، ޖާބިރުގެ އަތްޕުޅަކުން ލާރިއެއް ނުނަންގަވާނެ ވައްކަމެއް ނުކުރޭ އެބޭފުޅާއެއް، ޖާބިރު އަތްޕުޅަކުންނެއް، އެހެންވީމާ އެގޮތަށް ރައީސް މައުމޫނަށް މުހާތަބުކޮށް މިތާ ވާހަކައެއްނުދެކޭނެ،" އަނދުން ހުސެއިން ވިދާޅުވިއެވެ.
ހުސެއިން ޝަހީމް ނެންގެވި ނިޒާމީ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވީ، އެ ނުކުތާއަށް ވިސްނަވައިގެން ޖާބިރު ވާހަކަ ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީހަށް ވަޑައިގެންނެތް، އަމިއްލައަށް އެތަނުގައި ދިފާއުވެވެންނެތް ބޭފުޅަކާ ގުޅޭގިތުން ބަލައި ލުމަކީ ބުއްދިވެރިކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމުން، ޖާބިރު ވިދާޅުވީ، އޭނާގެ އަތުން ރައީސް މައުމޫނު ލާރި ނެންގެވިކަން، ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނު އެހުންނެވީ ވައްކަން ކުރައްވައިގެން ކަމަށެވެ.
ޖާބިރުގެ އަތުން، ރައީސް މައުމޫނު ދަރަންޏަށް ނަންގަވާފައިވާ ކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާ ހޯދަން މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް ޖާބިރު ވަނީ މައްސަލަވެސް ހުށަހަޅުއްވައިފައެވެ.