ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ޖުޑީޝަރީ ކޮމިޓީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. ޝުކޫރު މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ނުދެއްވީ އެންމެ މެންބަރެކެވެ.

ޖޭއެސްސީން ބުނީ ޝުކޫރު މަގާމުން ވަކިކުރަން ނިންމީ، ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ ކަމަށެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބުނީ، ޝުކޫރު އިސްމެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުރެގެން އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަސްވަރު އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއްގެ ގޮތުގައި ހުރެ، ހައްޔަރު ކުރި ފަރާތުގެ ގާނޫނީ ވަކީލާއި ވިލިނގިލީ ރެސްޓޯރެންޓެއްގައި ބައްދަލުކޮށް ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވިލިނގިލީ ގެއެއްގައި، ކުރީގެ ފަނޑިޔާރުން ތަކަކާއެކު، ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ޝުކޫރު ބައިވެރިވެފައިވާ މައްސަލަ އާއި އޭގެ ފަހުން ވިިލިނގިލީ ކެފޭއެއްގެ ތެރޭގައި ވާހަކަދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން އިތުރަށް ބުނީ، 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުން އެމީހުންގެ ބަންދާ މެދު ނިންމާނެ ގޮތެއް ފުލުހުންނާ ހިއްސާކޮށް، އެކަމަށްޓަކައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން ޝުކޫރު އަމަލު ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އިސް މެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމީ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ. ޖޭއެސްސީން ދަނީ ޝުކޫރަށް ތުހުމަތު ކުރެވޭ އިތުރު އަށް މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ.

މެޖިސްޓްރޭޓްކަމުގެ މަގާމުން ޝުކޫރު ވަކި ކުރާނީ، އޭނާ ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ރަނގަޅަށްތޯ ބެލުމަށްފަހު، ކޮމިޓީން ފާސްކޮށް ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ ރިޕޯޓަށް ވޯޓަށް އަހައި ފާސްކޮށްގެންނެވެ. ޝުކޫރު މަގާމުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، އޭނާ 60 ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް ޖޭއެސްސީން މިއަދު ވަނީ ބުނެފައެވެ.