ހަނދުގައި ފެން ހުރިކަން ޔަގީންވެއްޖެ ކަމަށް ނެޝަނަލް އޭރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ބުނެފިއެވެ.

ޔުނިވާސިޓީ އޮފް ކޮލޮރާޑީގެ ސައިންސުވެރިންގެ ޓީމަކުން ނާސާއާ ގުޅިގެން ކުރި ދިރާސާއަކުން ހަނދުގެ އަނދިރިފަރާތް ނުވަތަ ހަނދަށް އިރުގެ އަލިކަން ނުލިބޭ ފަރާތުގައި ގަނޑުފެނުގެ އަސަރު ހުރިކަން ކަށަވަރުވެފައިވެއެވެ.

މީގެ ކުރިންވެސް ސައިންސުވެރިން ވަނީ ހަނދުގައި ފެންހުރެދާނެ ކަމަށް ލަފާކޮށް ގިނަ ތަހުލީލުތަކެއް ކޮށްފައެވެ. ނާސާގެ ޓީމުން ވަނީ ހަނދުގައި ފިނީގެ އަސަރު ހުރި ސަރަހައްދު ހޯދައިފައެވެ. ޓީމުން ވަނީ ހަނދުގެ 40،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ފިނީގެ އަސަރު ހުރިކަމަށް ލަފާކޮށްފައެވެ. އެއީ މުޅި ހަނދުގެ ފަށަލައިގެ 0.1 އިންސައްތަ ކަމަށް ސައިންސުވެރިންގެ ޓީމުން ބުނެފައިވެއެވެ.

ސައިންސުވެރިންގެ ޓީމުން ކުރި އިތުރު ތަހުލީލަކުން ވަނީ މީގެ ކުރިން ހަނދުގައި ހުރި ކަމަށް ބެލެވިފައިވާ ހައިޑްރޯސައިލްގެ ބަދަލުގައި ހަނދުގައި ހުރީ ފެނުގައި އެކުލެވޭ މާއްދާތައް ކަމަށް ބުނެފައެވެ.

ނަސާއިން ވަނީ މިއީ ޖައްވީ މިޝަންތަކުގައި ލިބުނު ކުރިއެރުމެއްކަމުގައި ފާހަގަކޮށްފައެވެ. ނާސާގެ ޓީމުން ބުނީ ބިމުން ފެން ގެންދިއުމަކީ އުނދަގޫ އަދި އަގުބޮޑު ކަމެއް ކަމަށާއި ހަނދުން ފެން ފެނުމުން މުސްތަގުބަލުގައި ބޯފެނުގެ ގޮތުގައި އަދި އޮކްސިޖަން އުފެއްދުމުގައި ބޭނުންކުރެވޭނެ ކަމަށެވެ.

ސައިންސުވެރިން ކުރި ތަހުލީލުގައި ވަނީ ނާސާގެ ހާއްސަ ޓެލެސްކޯޕް ސޯފިއާ ބޭނުންކޮށްފައެވެ. ނާސާގެ ސްޓްރަޓޮފިކް އޮބްޒަވޭޓަރީީ ފޯ އިންފްރާރެޑް އެސްޓްރޮނޮމީ (ސޯފިއާ) އަކީ ބޯއިންގް 747 މަރުކާގެ ފްލައިޓަކަށް ބަދަލު ގެނެސްގެން އުފައްދާފައިވާ ހާއްސަ އޮބްޒަވޭޓަރީއެކެވެ. ފްލައިޓުގެ މަތީގައި ވަނީ ބޮޑު ޓެލެސްކޯޕެއް ހަރުކޮށްފައެވެ. ވައިގެ ތެރޭގައި ދަތުރުކުރަމުން ޖައްވީ ތަހުލީލުތައް ކުރުމުގެ ގާބިލުކަން ލިބިފައިވާ ސޯފިއާ އިން ބިމަށްވުރެ 11 ކިލޯމީޓަރު އުހުން އުދުހި އޭގައި ހަރުކޮށްފައިވާ ޓެލެސްކޯޕުން ޖައްވުގެ މަންޒަރުތައް ބަލައިލުމުގެ ގާބިލުކަން ލިބިފައިވެއެވެ.