(ސާޅީސްވަނަ ބައި)

ޕްރެޒެންޓޭޝަން ދޭން ޖެހުނު ކްލާހުގައި ޕްރޮފެސަރު ފަހުގެ އެންގުންތައް އަންގާ ނިމުނުތަނާހެން ޔުނާ އެރޭ ކްލާހުން ނިކުންނަން ދިޔައީ ދިގު ފިޔަވަޅުތަކެއްގައެވެ. ޔުނިވާސިޓީގެ މައިދޮރާ ހަމަވަމުން ދިޔަދިޔަހެން އޭނާގެ ފިޔަވަޅުތައް ދުވުމަކަށްވެސް ބަދަލުވަމުން ދިޔައެވެ. ޔުނިވާސިޓީން ނިކުތުމުގެ ކުރިން އެތާހުރި ކުޑަޖަހާ އެތިން އޭނާއަށް އެރޭ ފިހާރައިން ލިބުނު ރަތްކުލައިގެ ކުޑަ ނަގައިގެން ބޭރަށް ދިޔައެވެ.

އެވަގުތަކީ ވެސް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތަކަށްވުމުން ޔުނިވާސިޓީގެ ބޭރުގައި ހުރެ ޓެކްސީއެއް ހޯދަން އަތް ދިއްކުރަމުން ދިޔައީ އެ ކުޑައިން ހިޔާވެގެން ހުރެއެވެ. ނަސީބު ރަނގަޅުކަމުން އޭނާ އެތާ މަޑުކުރިތާ މާ ގިނައިރެއްނުވެ ޓެކްސީއެއް މަޑުކުރިއެވެ. ހިތާހިތުން ޝުކުރުކުރަމުން ޔުނާ ކާރަށް އެރީ އަތުގައި އޮތް ކުޑަ ލައްޕާލަމުން އެއާ އެކީގައެވެ.

ޑްރައިވަރު ގާތުގައި އޭނާ ދާން އުޅޭ ހޮސްޕިޓަލުގެ ނަން ބުނުމަށްފަހު ޔުނާ ފުން ނޭވައެއް ދޫކޮށްލަމުން ސީޓަށް ލެނގިލީ ވަރުބަލިކަމާ އެކީގައެވެ. ގަޑިން ރޭގަނޑު 10 ޖަހާފައި ވިޔަސް އޭނާ އެވަގުތު ވެސް ދުއްވަމުން އެދަނީ އޭނާގެ 'ކިޔެވުމާ' ގުޅޭ ތަނަކަށެވެ. ކިޔަވަން ފެށިތާ އެއީ އެންމެ ދެވަނަ އަހަރަށް ވިޔަސް ޔުނާ ވަނީ އޭނާގެ ދާއިރާއިން އަމަލީކޮށް މަސައްކަތް ކުރެވިދާނެ ފަދަ މަގެއް ހޯދައިފައެވެ. މިގޮތުން ތަޖުރިބާ ހުރި ކައުންސެލަރަކު މަސައްކަތް ކުރާ މަންޒަރު ބަލައި ކަންތައް ދަސްކުރުމުގެ ފުރުސަތު އޭނާއަށް ލިބުނީ އެ އަހަރުގެ ކުރީ ކޮޅުގައެވެ. ޔުނާ އެ ހުނަރު ނަގައިގަތް ގޮތް އަވަސްވުމުން ދޭތެރެދޭތެރެއިން ބައެއް ބަލިމީހުންނާ ކުޑަކުޑަކޮށް ވާހަކަ ދައްކަން ޔުނާއަށް ވެސް ފުރުސަތު ލިބެއެވެ. އާއްމު ގޮތެއްގައި އެ ފުރުސަތު ލިބެނީ އެ ބަލިމީހާ ރަނގަޅުވާން ގާތްވެފައި ވަނިކޮށެވެ. އެހެނަސް މިރޭ އޭނައާ ދިމާވާން މިއުޅޭ ހާލަތު ތަފާތެވެ.

"މި ހޮސްޕިޓަލުގެ ތެރެއިން މީގެ އިރުކޮޅެއް ކުރިން ދިވެއްސަކަށް އެންޒައިޓީ އެޓޭކެއް ޖެހިގެން އެޑްމިޓްކޮށްފަ އެބައޮތް. ޔުނާއަށް ވެވެންޏާ އޭނައާ ދިވެހިން ވާހަކަ ދެއްކިދާނެތަ؟" ޑޮކްޓަރު ލެސްލީ އޭނާއަށް އެ މެސެޖު ފޮނުވީ ކުލާހުގައި އިންދައެވެ. މެސެޖާ މެދު ވިސްނުމަށްފަހު ޔުނާ އެއްބަސްވިއެވެ. އެއާއެކު ޑޮކްޓަރު ލެސްލީ އެދުނީ އާދެވުނުހާ އަވަހަކަށް އައުމަށެވެ.

ދިމާވެދާނެ ހާލަތްތަކާ މެދު ވިސްނިވިސްނިހެން ޔުނާގެ އަތްފައި ފިނިވެގެން ދިޔައެވެ. ސީޓަށް ލެނގިލައިގެން ދެލޯ މަރައިގެން އޮތް ޔުނާގެ ފިކުރު ބޮޑުވާން ފެށިއެވެ. އެ ބަލިމީހާއަށް އެންމެ އެކަށީގެންވާ އެހީ އޭނާއަށް ނުދެވިދާނެތީވެއެވެ. އެހެން ނޫނީ އޭނައަށް ބުނެވޭ އެއްޗަކުން އެމީހަކު އޭނާއަށް އަތް އިސްކޮށްފާނެތީވެއެވެ. އެ ބިރު އިތުރަށް ބޮޑުވީ ޑޮކްޓަރު ލެސްލީގެ މެސެޖުން އެއީ ފިރިހެނެއްކަން އެނގިފައިވާތީވެއެވެ.

ބިރުގަނެ ނުތަނަވަސްވެގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެކަން ދަނެގެން ޔުނާ ފުން ނޭވާއެއް އެތެރެއަށް ލަމުން ދެލޯ ހުޅުވައިލިއެވެ. އެ ހިނދު އެއްލި ކަޅިއަކުން އޭނާގެ ކައިރިން ސީޓަށް ލައްކޮށްލެވިފައިވި ކުޑަ އޭނާގެ ލޮލުގައި އެޅިއެވެ. އޭގެ ހިފާތަނުގައި އެލުވިފައިވި ގަނޑުކޮޅު އޭރުވެސްވިއެވެ. ގަނޑުކޮޅު ސީޓްމަތީގައި ވީއިރު އޭގައި ލިޔެވިފައިވި ބަސްތައް ޔުނާއަށް ފަނޑު އަލީގެ ތެރެއިން ފެންނަމުން ދިޔައެވެ. 'ފޯ އަ ބިއުޓިފުލް އެންޑް ކޮންފިޑެންޓް ލޭޑީ' އެ ބަސްތައް ފެނިފައި އެ ވަގުތުވެސް ޔުނާއަށް ހިނިތުންވެލެވުނެވެ. އެވަގުތުވެސް އެ ބަސްތަކުން ހިތްވަރެއް ލިބިގެން ދިޔަހެން ހީވިއެވެ. ހަމަ އެއާއެކު އެ ކުޑަ އޭނާއަށް ހޯދައިދިނުމުގައި އެހީވެދިން ޒުވާނާގެ މަތިން ވެސް ހަނދާންވެގެން ދިޔައެވެ. އެ އަޑުގެ ރީތިކަން ހިތަށް ގެނެވި އަދި އެއްފަހަރު އެ އަޑުއަހައިލަން އިހުތިޔާރެއް ނެތި ހިތް އެދުނެވެ. އެހެނަސް ހަމަ އެވަގުތު ޓެކްސީ އޭނާ ގެންދަން އުޅޭ މަންޒިލާ ކައިރިވަމުން ދިޔަދިޔަހެން ޔުނާ އޭނާގެ ހިޔާލުތައް ހަމައަކަށް އެޅުވިއެވެ.

ހޮސްޕިޓަލަށް ވަދެގެން ގޮސް ޑޮކްޓަރު ލެސްލީއާ ދިމާވުމާއެކު ޑޮކްޓަރު އެ ބަލިމީހާގެ ތަފްސީލު ޔުނާއަށް ދޭން ފެށިއެވެ.

"ރިސެޕްޝަން ކައިރީގައި ހުއްޓައި އެންޒައިޓީ އެޓޭކެއް އައީ އެ މީހާއަށް. ރިސެޕްޝަންގައި ހުރި ކުއްޖާ ބުނީ އެތަނަށް އައި ކޮންމެވެސް މީހަކު އެމީހާއާ ވާހަކަ ދައްކަން އުޅުނީމަޔޯ ހާލަތު ގޯސްވީ. ޕޭޝަންޓް އުޅުނީ އެ ވާހަކަ ދެއްކި މީހާއަށް ލިވާރ ޑޮނޭޓް ކުރާށޯ. ޕޭޝަންޓް ހަމަ އެ ގަޑީގައި ފުރަމުން ދިޔަ ފޯމްގައި އޮތީ އެ ދެމީހުންގެ ގުޅުމަކީ ބައްޕައާއި ދަރިފުޅުކަމަށް. ހީވަނީ އެބިއުޒްގެ ކޭސްއެއްހެން. ވަރަށް ބޮޑަށް ސަކަރާތްވެގެން މިހާރު ސައިކައެޓްރިސްޓް ބޭސްދީގެން ހަމައަކަށް އެޅިފައި ހުރީ މިވަގުތު. އެކަމަކު އަދިވެސް ވާހަކައެއް ނުދައްކާ. އެކޮޅުން ފެމިލީ މީހުން ގުޅީމަވެސް އެއްވެސް އެއްޗެކޭ ނުއެއް ބުނޭ. ރޯންވެސް އުޅޭހެން ހީވޭ ބައެއް ފަހަރު. އެކަމަކު ނުރޯން ގަދަ ހަދައިގެން ހުންނަނީ. ޔުނާ ސަމާލުކަން ދޭންވީ އޭނައާ ގުޅުން ބަދަހިކުރަން ފުރަތަމަ. އަހަންނަށް އަސްލު މި ކޭސް ހައްލުކުރެވުނީސް. އެކަމަކު ހިތަށް އެރީ ދިވެއްސެއްވީމަ ޔުނާއަށް ފުރުސަތު ދޭނީއޭ..." ޑޮކްޓަރު ލެސްލީ ޔުނާއާއެކީ ހިނގާފައި ދަމުން ވާހަކަ ދެއްކިއެވެ. ހިނގަމުން ގޮސް ހަމަ އެވަގުތު ޕްރައިވެޓް ވޯޑް ނަންބަރު 103 އާ ހަމަވުމުން ޑޮކްޓަރު ލެސްލީ ޔުނާއާ އެކީ މަޑުކޮށްލިއެވެ. އެއަށްފަހު ޔުނާއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން 'ގުޑް ލަކް' އޭ ބުނެ އެތަނުން ދާން ހިނގައިގަތެވެ.

ޑޮކްޓަރު ލެސްލީ ދިޔަ ދިމާލަށް ބަލަން ހުރެފައި ޔުނާ ވޯޑުގެ ދޮރަށް ބަލައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ހުރިހާ ހިތްވަރެއް އެއްކުރަމުން އެ ދޮރު ހުޅުވައި ވޯޑުގެ ތެރެއަށް ވަނެވެ. ފުރަތަމަ ސިކުންތުގައި ޔުނާ ހުއްޓުން އެރީ އެ ކޮޓަރިއަށް އަނދިރިކަން ވެރިވެފައިވުމުންނެވެ. ލައްޕާލެވިފައިވި ކުޑަދޮރުތަކުން އަންނަމުން ދިޔަ އަލި ފިޔަވައި އެތާނގައި އެއްވެސް އައްޔެއް ނެތެވެ. ޖައްސާލެވިފައިވި އޭސީގެ އަޑު ފިޔަވައި އެހެން އަޑެއްވެސް ނުއިވެއެވެ. އެނދަށް ނަޒަރެއް ދިންއިރު އެނދަށް އެޅިފައިވި އަލީގެ ތެރެއިން އެތަނުން މީހަކު ނުފެނުމުން ބިރުވެރި ހިޔާލުތައް ޔުނާގެ ހިތަށް ވެރިވިއެވެ. އެ ބަލިމީހާ ނަފްސާނީ ހާލަތުގެ ގޮތުން މީހެއް ކައިރި ނުބުނެ ފިލީތޯ ހިތަށްއެރިއެވެ.

ހިތަށް ވެރިވި އެ ހިޔާލުތަކާ އެކީ ވޯޑުން ނިކުންނަން އުޅުނު ވަގުތު އެއްލި ކަޅިއަކުން ފެނުނު މަންޒަރުން ޔުނާއަށް މަޑުކޮށްލެވުނެވެ. އެނދުގެ އަނެއްފަރާތުގައި އެނދަށް ލެނގިލައިގެން ބިންމަތީގައި ޒުވާނަކު އިށީނދެ އިންކަން ޔުނާއަށް އެނގުނެވެ. އެނދުގެ އަނެއްފަރާތުގައި ޒުވާނާ އިނީތީ ޔުނާއަށް ފެންނަމުން ދިޔައީ ޒުވާނާގެ ފުޅާ ބާމައްޗާއި ކުރުކޮށް ކޮށާލެވިފައިވި ކަޅުކުލަ ގަދަ އިސްތަށިގަނޑު އެކަންޏެވެ.

ޔުނާ އެންމެ ފުރަތަމަ ކަމަކަށް ވޯޑުގެ ދޮރު އޭނާ ލައްޕައިލީ އެ އަޑަށް އެ ޒުވާނާ ބަލައިލާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އެ ޒުވާނާއަށް އެ އަޑު ނުވެސް އިވުނު ފަދައެވެ. އޭނާ ހިރިވެސް ނުލައި އިންގޮތަށް އިނީއެވެ. ޔުނާ ދެން ހިޔާލުކުރީ ޒުވާނާގެ ކުރިމައްޗަށް ދިޔުމަށެވެ. ނަމަވެސް އެ ބާމަތިން ވެސް ޒުވާނާގެ އަތުގައި ހުންނާނެ ބާރު އެނގުންވުމުން ޔުނާ ޖެހިލުންވިއެވެ. އެހެންކަމުން އިރުކޮޅެއްގެ ވިސްނުމަށްފަހު ޔުނާ ބޮކިވެސް ދިއްލާލުމެއް ވޯޑަށް ވަދެގެން ދިޔައީ، ދިއްލާލައިފިނަމަ ބަލިމީހާ ވާ ނުރުހުމުގައި އޭނައާ ގުޅުން ބަދަހިކުރަން ބޭނުންނުވެދާނެ ކަމަށް ނިންމުނީތީވެއެވެ.

ޔުނާ ލަސް ހިނގުމެއްގައި ގޮސް އެނދުގެ ކައިރީގައި ހުރި ގޮނޑި ކުޑަކޮށް ފަހަތަށް ޖައްސާލަމުން އޭގައި އިށީނެވެ. ހަމަ އެވަގުތު އެއްލި ކަޅިއަކުން އެތާ ހުރި ސޯފާގެ މަތީގައި އޮތް ދިގު މުށިކުލައިގެ ޖެކެޓެއް ޔުނާއަށް ފެނުނެވެ. ޖެކެޓު ފެނުމާއެކު ޔުނާގެ ހަނދާނަށް އައީ އޭނާއަށް އެރޭ ކުޑަ ހޯދައިދިން ޒުވާނާއެވެ. ނޭނގޭ ސަބަބަކާ ހުރެ އެ ޖެކެޓަކީ ހަމަ އެ ޒުވާނާ ލައިގެން ހުރި ޖެކެޓް ކަމަށް އޭނާއަށް ހިތާހިތުން ޔަގީންކުރެވުނެވެ. އެފަދަ އެތައް ޖެކެޓެއް ހުންނާނެ ކަމަށް ސިކުނޑި ބުންޏަސްމެއެވެ.

ވިސްނުމެއް އިނުމަށްފަހު ޔުނާ އޭނާއަށް ފުރަގަހުން ފެންނަމުން ދިޔަ ޒުވާނާއަށް ނަޒަރު ހުއްޓާލިއެވެ. އަދި އޭނާ މަސައްކަތް ފަށަން ހިތްވަރު އެއްކުރަން ފެށިއެވެ.

ޔުނާ ދައްކަން އުޅޭ ވާހަކަ އަޑުއަހަން އެނދުގެ އަނެއްފަރާތުގައި އިށީނދެގެން އިނީ ޒިހާން ނޫން ދެވަނަ މީހެއް ނޫނެވެ. މި ހުރިހާ ވަގުތު އޭނާގެ ސިކުނޑިވީ ހައިޖާނެއްގެ ތެރޭގައެވެ. އެތައް އަހަރެއް ފަހުން ވެސް އޭނާ ބައްޕަ ކިޔާ އިންސާނާގެ ސޫރަ ފެނިފައި އޭނާއަށް ވާން ފެށި ގޮތުން ހިތް ބިރުގަތެވެ. އަތް ތުރުތުރު އަޅަން ފެށުމުން އަތަށް ބާރުލާން މަސައްކަތް ކުރިއެއްކަމަކު އެކަން ކާމިޔާބެއް ނުވިއެވެ. ހިތާމަވެރިކަމުގެ އިހުސާސް ކުރެވުމުގެ ކުރިން ވެސް މޭގައި ރިހުމެއް އުފެދި ނޭވާ ކުރުވާން ފެށި ގޮތުން ޒިހާންގެ ބިރުވެރިކަން ދެގުނަވިއެވެ. މީގެ އިތުރުން ބޯ އަނބުރަން ފެށިހެން ހީވުމުން ޒިހާނަށް ހުރެވުނު ތަނުގެ މަތިން ވެސް ހަނދާންނެތޭ ގޮތްވިއެވެ. މޭގައި އަތް އަޅާލެވުނުތާ މާ ގިނައިރެއްނުވެ ކަކޫމައްޗަށް ތިރިވެވުނު ވަގުތު ހޮޑުލެވެން ފެށިކަން އެނގުނެވެ. އެއަށްފަހު ދެން ކަންތައް ވާންފެށި ގޮތް ޒިހާނަށް ސާފެއް ނުވިއެވެ. އޭނާ އެނދަކަށް އެރުވި އެއްތަނުން އަނެއްތަނަށް ގެންދެވެމުން ދިޔަކަން އެނގުނެވެ. އޭނާގެ ވަށައިގެން ޑޮކްޓަރުން އުޅެމުން ދިޔައެއްކަމަކު ވާނުވާ ދޭހަކުރަން ޒިހާނަށް ދަތިވިއެވެ. އެނގުނުހާ ވެސް ކަމަކީ މޭގައި ތޫނު ތަދެއް ހިފާފައިވިކަމެވެ. އަދި އޭނާއަށް ނޭވާ ލާން އުދަގޫވަމުން ދިޔަކަމެވެ. އަނގަމަތީގައި އޮކްސިޖަން މާސްކް އަޅާލެވުނު ވަގުތު ދެލޯ މަރައިލެވުމުން އޭނަ މަރުވީ ކަމަށް ނިންމުނެވެ.

އެހެނަސް އޭގެ އިރުކޮޅެއް ފަހުން ޒިހާނަށް ހޭލެވުނެވެ. ހޭލެވުނުއިރު އޮވެވުނީ ޕްރައިވޭޓް ރޫމެއްގެ އެނދުގައެވެ. އެވަގުތު އޭނާގެ މޭގައިވި ރިހުން ފިލައި ނޭވާލެވޭ ގޮތްވެސް ރަނގަޅުވެފައިވިއެވެ. އޭނާގެ އަތާ ގުޅިފައިވި މެޝިންތަކަށް ނަޒަރު ދެމުން ދަނިކޮށް އެ ކޮޓަރިއަށް ޑޮކްޓަރަކު ވަދެގެން އައީ އޭނާގެ ފޯނާ އެކީގައެވެ. ޒިހާން ހޭ ނާރަނީސް އޭނާގެ އާއިލާ މީހުން ގުޅާފައިވި ވާހަކަ އެ އަންހެން ޑޮކްޓަރު ބުންޏެވެ. އަދި ހަމަ ދެންމެއަކު މި ވަނީ ވީޑިޔޯ ކޯލެއް ކޮށްފައި ކަމަށްބުނެ ޒިހާންގެ އަތަށް ފޯނު ލައިދިނެވެ. ފޯނުގެ ސްކްރީނުން ފެނިގެން ދިޔައީ ރޮވިފައި އިން އޭނާގެ މަންމައެވެ. މަންމަ ކިތަންމެ ހިތްވަރު ކުރަން މަސައްކަތް ކުރިއެއްކަމަކު ދަރިފުޅު ކިހިނެއްތޯ މަންމައަށް އަހައިލެވުނީ ރޮވިފައިވާ އަޑަކުންނެވެ. ހަމަ އެވަގުތު އޭނާގެ ދޮންތަވެސް ސްކްރީނަށް އެރިއެވެ. އަދި މިހާރު ރަނގަޅުތޯ އެހީ ހާސްވެފައި ކަހަލަ ގޮތަކަށެވެ. މަންމަ ދެންވެސް ރޮވިފައި އިނދެ ދަރިފުޅު އަވަހަށް ރަށަށް އަންނާށޭ ބުންޏެވެ. 'އޭނަ' ހުރި ތަނެއްގައި ދަރިފުޅަށް ސަލާމަތުން ނުހުރެވޭނެ ކަމަށް ބުންޏެވެ. ހަމަ އެވަގުތު ދޮންތަ އެ ނުލަފާ މީހާއަށް ޒިހާންގެ މޭގަނޑުން ބައެއް ދޭންވީ ކީއްވެތޯ ބުނެ ނުރުހުންތެރިކަމާއެކީ ސުވާލުކުރިއެވެ. އެ ދެމީހުންނަށް އޭނައާ ދިމާވީ ކާކުކަން އެނގުނީ ހޮސްޕިޓަލުން ލިބުނު މަޢުލޫމާތުންކަން ޒިހާނަށް އެނގުނީ އެހާ ހިސާބުންނެވެ.

މަންމައާއި ދޮންތަ ދައްކަމުން ދިޔަ ވާހަކަތަކަށް ރައްދެއް ދޭން ޒިހާނަށް ނޭނގުނެވެ. އަދި އަމުދުން އެމީހުންނާ ކުރިމަތިލާން އޭނާއަށް އެވަގުތު ހިތްވަރެއްވެސް ނުކުރެވުނީއެވެ. އޭނާއަށް އަނިޔާކުރި މީހަކަށް އެހީއެއް ވެވެން މިއުޅެނީ ކީއްވެކަން ހުދު ޒިހާނަށް ވެސް ދޭހައެއް ނުކުރެވުނެވެ. އެނގުނުހާ ވެސް ކަމަކީ އަބްދުﷲ ހަމީދު ނަމަކަށް ކިޔާ އެމްސްޓާޑަމްގައި އުޅޭ މަހުޖަނަކަށް ލިވާރ ޑޯނާއެއް ބޭނުންވާ ވާހަކަ އިވުމުން އޭނާ އެހީވާން ބޭނުންވިކަމެވެ. އެކަމަށްޓަކައި އޭނާ ވަކި އޭނާގެ ބައްޕައަށް ފެންނާކަށް ވެސް ބޭނުމެއްނުވިއެވެ. އެހެނަސް ކަންދިމާކުރި ގޮތުން އެރޭ އެހެންވީއެވެ.

ހިތުގެ އަޑީގައިވި ހިތާމަވެރިކަމުގެ ސަބަބުން ޒިހާނަށް އެ ފޯނު ކޯލުގައި އެންމެ ބަހެއްވެސް ބުނެނުލެވުނެވެ. އޭނާ އެއްޗެކޭ ބުނަން ހަރަކާތެއް ކޮށްލިޔަސް ރޮވިދާނެހެން ހީވަމުން ދިޔައީތީވެއެވެ. މަންމައާއި ދޮންތަގެ ކުރިމަތީގައި ރޯން ޒިހާން އެއްގޮތަކަށް ވެސް ބޭނުމެއްނުވިއެވެ. އެއިން އެމީހުން ދެރަވާ މިންވަރު އޭނާއަށް އެނގޭތީވެއެވެ. އަދި އޭނާއަށް ރޮވިއްޖެނަމަ އެމީހުންގެ ހިތްވަރަށް އޭނާ ނުވާނެކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ.

އެވަގުތުވެސް ނޭނގޭ ހިތާމަވެރިކަމެއްގެ ތެރެއިން ޒިހާންގެ ލޮލަށް ކަރުނަތައް ޖަމާވެ ރޮވެން ކައިރިވަމުން ދިޔައެވެ. އެހެނަސް ޒިހާން ގަދަކަމުން އެސްފިޔަ ޖަހަމުން ނުރޯން މަސައްކަތް ކުރަމުން ގެންދިޔައެވެ. އޭގެ ސަބަބުން އޭނާގެ މޭގައި ލުއި ރިހުމެއް އުފެދިފައިވިއެވެ. މިފަދަ ހާލެއްގައި ވަނިކޮށް ޒިހާނަށް ފަހަތުން ޖާދުވީ އަޑެއް އިވުނެވެ.

"ހައި...." އިވުނު އެ އަޑާއެކީ ޒިހާންގެ ހުރިހާ ހިއްސަކަށް އެނގިގެން ދިޔަހެން އޭނާއަށް ހީވިއެވެ. އިސާހިތަކު އެއީ އޭނާ ދަންނަ އަޑެއްކަމަށް އޭނާގެ ސިކުނޑި ބުންޏެވެ. ފަހަތް ބަލަން ހިތަށްއެރިއެއްކަމަކު ހަށިގަނޑުގައި ކުޑަވެސް ހަކަތައެއް ނެތް ކަމުގެ އިހުސާސް ކުރެވެމުން ދިޔައީތީ އެކަން ކުރަން ނުކުޅެދުނެވެ. ހަމަ އެއާއެކު މާޒީގެ އެކި ސަފްހާތައް ހުއްޓުމެއްނެތި އޭނާގެ ލޯކުރިމަތިން ސިފަވަމުން ދިޔަގޮތުން ހިތަށްވެރިވި ރަނގަޅު އިހުސާސްތައް ދިގު ދެމިގެން ދިޔައީ ސިކުންތުކޮޅަކަށެވެ.

ޔުނާ އެއްޗެކޭ ބުނުމުން ވެސް ޒުވާނާ ފަހަތް ބަލައި ނުލުމުން ޑޮކްޓަރު ލެސްލީ ކިޔައިދިން ހާލަތު ޔުނާއަށް ފަހުމްވެގެން ދިޔައެވެ. އެ ޒުވާނާ އެފަދަ ހާލަކަށް ދިޔުމަށް މެދުވެރިވެފައިވާނީ ކޮންފަދަ ކަންތައްތަކެއްތޯ ހިތަށްއެރިއެވެ. އިސާހިތަކު އެ ޒުވާނާއަށް ހަމްދަރުދީ ވެވުނެވެ. އަމިއްލަ ބައްޕަގެ ފަރާތުން އެ ޒުވާނާއަށް އަނިޔާތަކެއް ލިބިފައިވާނެ ކަމަށް ލަފާކުރެވުމުންނެވެ. އެފަދަ ބައްޕައަކަށް އެހާވަރު ބޮޑު އެހީއެއްވެދޭން އެއުޅެނީ ކީއްވެތޯ ވެސް ޔުނާއަށް އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ. އެކަން ވެސް އެ ކޮށްދެނީ އެ ބައްޕަ ބިރުދައްކާތީވެތޯ ހިތާހިތުން އަހައިލެވުނެވެ.

މި ހުރިހާ ކަމަކާ މެދު ވިސްނުމަށްފަހު ޔުނާ ވާހަކަ ދެއްކިއެވެ.

"ނިދި ނާދޭތަ؟ ދަންވާން ކައިރިވަނީދޯ މިހާރު؟" ޔުނާ އެކުވެރިޔަކާ ވާހަކަ ދައްކާ ފަދައަކުން ސުވާލުކުރިއެވެ. ހަމަޖެހުން ނެތިފައިވި ޒިހާނަށް އެ ވަގުތު އެކުއްޖަކު ވާހަކަ ދެއްކީ ދިވެހިންކަން ވެސް ފާހަގައެއް ނުވިއެވެ. ވިސްނުނުހާވެސް ކަމަކީ މިރޭ ފަދައިން އޭނާއަށް މާޒީގައި ލިބުނު އަނިޔާތަކުގެ ސަބަބުން ނުނިދުނު ރޭތަކެވެ.

"އަހަންނަށް ވެސް އެއްދުވަސްވަރެއްގައި ތިހެންވި. އަހަރުމެން ލޯބިވާ މީހަކު އަހަރެމެންނާ ދޭތެރޭ ދެރަކޮށް ކަންތައް ކުރީމަ ސިކުނޑީގެ ހަމަޖެހުން ނެތިދަނީ. އޭގެ ސަބަބުން ނުނިދެނީ. އެކަމަކު ބައެއް ފަހަރު ހިތަށް އަރާ އަހަރެމެންނާ މެދު އަޅާނުލާ ބަޔަކަށް އަހަރުމެންގެ މައްޗަށް އެހާ ބޮޑު ބާރެއްދޭން ހައްގުވޭބާވައޭ..." ޔުނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެ ވާހަކަ ބުނެލީ އެ ބަލިމީހާގެ ބައްޕައާ މެދު ވިސްނިވިސްނިހެން ހުދު އޭނާގެ ބައްޕަވެސް އޭނާ ދޫކޮށް ދިޔަ ދުވަސްތައް ހަނދާންކުރަމުންނެވެ.

މިފަހަރު އިވުނު ވާހަކަތަކުން ނޭނގުމެއްގެ ތެރެއިން ޒިހާންގެ ސިކުނޑި އެ ވާހަކައަށް ފުރިހަމަ ސަމާލުކަން ދިނެވެ. ހަމަ ހަގީގަތުގައި ވެސް އޭނައާ އަޅާނުލާ މީހަކަށް އެފަދަ ބާރެއް ދެވިގެން ނުވާނެ ކަމަށް ހިތް ބުންޏެވެ.

"އަހަރެން ވަރަށް ކުޑައިރު އަހަރެންގެ ބައްޕަ އަހަރެމެންގެ އާއިލާ ދޫކޮށްލާފައި އެހެން އާއިލާއެއް ފެށީ. ބައްޕަ އެގޮތަށް ކަންތައް ކުރީތީ ވަރަށް ދެރަވި. ބައްޕަ ދިޔަ ފުރަތަމަ ދުވަސްކޮޅު ވަރަށް އުއްމީދު ކުރެވުނު ބައްޕަ އަނބުރާ އަންނާނެ ގޮތަށްވުމަށް. ހެހެ....ވަރަށް ގިނަ ކާޑުތަކެއް ވެސް ހެދިން ބައްޕައަށް ފޮނުވޭތޯ ބަލަން. އަހަރެމެންނަށް ނޭނގި ވެސް އަހަރުމެންގެ ހިތުގެ އަޑީގައި އާއިލާ މީހުންނަށްޓަކައި ލޯތްބެއްވޭ. ވަކިން ހާއްސަކޮށް އެމީހުން ކުރިން އަހަރެމެންނާ މެދު ރަނގަޅަށް ކަންތައް ކޮށްފައި ހުރިއްޔާ ހީވާނީ އަހަރެމެން ކުރި ކަމެއްގެ ސަބަބުންހެން އެމީހުން ބަދަލުވީ. ދެން އަހަރެމެން ދައްކާލާ ކުޑަ އިޝާރާތަކުން ވެސް އެމީހުން އަނެއްކާ ބަދަލުވެދާނެހެން އަހަރެމެންނަށް އުއްމީދު ކުރެވެނީ. އެކަމަކު މީހަކަށް އަންނަ ބަދަލަކީ އެމީހަކު އަމިއްލައަށް ނިންމާ ނިންމުމެއް. އެ ނިންމުން ބަދަލުކުރެވޭނީ ހަމައެކަނި އެމީހަކަށް." ޔުނާ ކިޔައިދިނެވެ. މިފަހަރުވެސް އިވުނު ވާހަކަތަކުން ޒިހާންގެ ވިސްނުމަށް ލޮޅުމެއް އައެވެ. ބައްޕައަށްޓަކައި އޭނާއަށް މިހާ ބޮޑުކަމެއް ކޮށްދެވެނީ އެ ކިޔައިދިން ސަބަބާ ހެދިތޯ ހިތަށް އެރިއެވެ. ބައްޕަގެ ފަރާތުން ކިތަންމެ އަނިޔާއެއް ލިބިފައިވިޔަސް އެ ބައްޕަ އޭނައާ މެދު ރަނގަޅަށް ކަންތައް ކޮށްދީފައިވާ އުފާވެރި ދުވަސްތައް އަދަށްދާންދެން ވެސް ޒިހާންގެ ހަނދާނުގައި ހުރެއެވެ. އޭނާގެ ވިސްނުން މި ބައްޓަންވެފައި އޮތްގޮތް ބަދަލުކުރުމަށް އޭނާ ބައްޕައަށް އެހީނުވާންވީތޯ ހިތަށްއެރިއެވެ.

"ތިމާއަށް ހާޓްކުރި މީހަކަށް އެހީވާން ނިންމާފައި އޮތިއްޔާ އެ ނިންމުން ބަދަލުކުރާށޭ އަހަރެން ނުބުނާނަން. އެފަދަ ނިންމުމެއް ނިންމޭނީވެސް ހިތްވަރުގަދަ މީހަކަށް. ޔޫ އާރ ވަން ސްޓްރޯންގް ޕާސަން. އެކަމަކު އެ ހާޓްކުރާ މީހާއާ ދުރުގައި ހުރުން ވީހާވެސް ރަނގަޅީ. އަދި އެމީހަކު ކުރާ ގޯސް ކަންތައް ހުއްޓުވައިގެން އެމީހަކު ދެކެ ލޯބިވާކަން އަންގަންވީ. އަހަރެންގެ ދޮންބެ ތަންކޮޅެއް ކުރިން ބުނި ވާހަކައެއް އަހަންނަށް ކުރީކޮޅު ގަބޫލެއް ނުކުރެވުނު. އެކަމަކު އެއާ މެދު ވިސްނީމަ އެއީ ކިހާ ބޮޑު ތެދެއްކަން އަހަންނަށް ވިސްނުނު. އަނިޔާކުރާ މީހަކު ސަލާމަތް ކުރަނީ އޭނާގެ އެ އަމަލު ހުއްޓުވައިގެން ކަމަށް. އެހެންވީމަ ތިމާއަށް އަނިޔާކުރާ މީހާގެ އަމަލު މީހުންނަށް ފޮރުވައިގެން ހަގީގަތުގައި އެމީހަކަށް އެދެވެނީ އަނިޔާއެއް. ކިތަންމެ ލޯބިވާ މީހަކު ވިޔަސް އޭނާ ކުރާ ނުބައި ކަންތަކުން އޭނަ ދުރުކުރުވަންވާނެ. އެމީހަކު ފުލުހުންނާއި ސިފައިންނާ ހަވާލުކޮށްގެން ވިޔަސް. ޔޫ އާރ ޑުއިންގް ވަޓްސް ބެސްޓް ފޯ ދެމް ބާއި ޑުއިންގް ދެޓް!" ޔުނާ އެ ޒުވާނާގެ ހާލަތާ މެދު ވިސްނަމުން ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް އިވުނު ޒިހާންގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. ހުދު އޭނާ އަމިއްލައަށް ބައްޕަގެ ވާހަކަ ފުލުހުންނަށް ރިޕޯޓްކުރި ދުވަހު އަމިއްލަ ނަފްސު ކުށްވެރިކުރެވުނު މިންވަރު ހަނދާންވުމުންނެވެ. ވަރަށް ފަހުން ވެސް އެ ބައްޕަ ހިންގަން އުޅޭ ޖަރީމާއަކާ ގުޅިގެން ސިފައިންގެ މީހުން އޭނައާއި މަންމަމެން ކައިރިން ބައްޕަގެ މައުލޫމާތު ލިބޭތޯ ބަލާފައިވެއެވެ. އެހެނަސް އެމީހުންނަށް ވެސް ހަމީދު އުޅޭ ތަނެއް ޔަގީންނުވާތީ ސިފައިންނަށް އެކަށީގެންވާ އެހީއެއް ނުދެވެއެވެ. މިއަދު އޭނާއަށް ބައްޕަ އުޅޭތަނެއް އެނގެއެވެ. ވީއިރު އޭނާއަށް ސިފައިންގެ އެ އޮޕަރޭޝަނަށް އެހީއެއް ވެވިދާނެބާއޭ ހިތަށްއެރިއެވެ. އެ ހިޔާލުންވެސް ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ހިނދު ޔުނާ ވާހަކަ ދެއްކިއެވެ.

"އެއީ ފަސޭހަ ކަމަކަށް ނުވެދާނެ. އަހަރުމެންނަށް އަނިޔާކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅެއް އެޅުން. ބިރުގަންނާނެ. ނުތަނަވަސްވާނެ. އަހަރުމެންގެ ސިކުނޑި ހަނދާންކޮށްދޭނެ އެމީހުން އަހަރުމެންގެ މައްޗަށް އަތް އިސްކުރި ދުވަސްތައް. އެ ހިޔާލުތަކުން ދުރުނުވެވޭނެހެން ހީވާ ހާލަތްތަކުގައި ހަދާނީ މިހެން. އަތް މުއްކަވާލާފައި 20 ސިކުންތުވަންދެން ހިތަށް ގެންނާނީ އަމިއްލަ ނަފްސާ މެދު ރަނގަޅު ވާހަކަތައް. އައި އޭމް ސްޓްރޯންގް، އައި އޭމް ފިއާރލެސް، އައި އޭމް ބްރޭވް. އަދި އަހަރެންގެ ދޮންބެ ނަސޭހަތް ދޭފަދައިން ހިތަށް ގެނެވިދާނެ ﷲ ރައްކާތެރިކޮށްދެއްވާނެއޭ ވެސް. އިފް ޔޫ ލައިކް ދެޓް!" ޔުނާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އޭނާ ދައްކަން ބޭނުންވިހާ ވާހަކަތަކަކީ އެއީއެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ޒުވާނާ ފަސްއެނބުރި ބަލައިލާނެ ކަމަށް ޔުނާއަށް އުއްމީދުކުރެވުނެވެ. އެހެނަސް އެ ޒުވާނާ އިންގޮތަށް އިން ގޮތުން ނާކާމިޔާބީގެ އިހުސާސެއް ޔުނާއަށް ކުރެވުނެވެ.

ޔުނާއަށް ނޭނގުނު ކަމަކީ އެހާ ވަގުތުވީއިރު ކުޑަވެސް ހަރަކާތެއް ގެންނަން ނުކުޅެދިފައިވި ޒިހާން ލަސްލަހުން އަތްމުއްކަވާލި ކަމެވެ. އަދި ޔުނާ އެ ބުނި ބަސްތައް ހިތަށް ގެންނަން ފެށުމުން އޭނާއަށް ހިތްވަރެއް ލިބެން ފެށިކަމެވެ.

**

ރީތިވާ މޭޒުކުރިމަތީގައި ހުއްޓި ހުރި ޒިހާން އޭނާގެ ނޭވާ ކުރުވާން ފެށި ވަގުތު ކަނާތު އަތް މުއްކަވާލީ މީގެ ތިން އަހަރު ކުރީގެ ހަނދާނެއް އާކުރަމުންނެވެ. އޭނާއަށް އެ ނަސޭހަތް ދިނީ ކޮން ކުއްޖެއްކަމެއް އަދަށް ދާންދެން ވެސް އޭނާއަށް ނޭނގެއެވެ. އެނގުނުހާ ވެސް ކަމަކީ އެކުއްޖަކު ކިޔައިދިން އެ ކަންތައް ކުރުމުން އޭނާގެ ހިޔާލުތައް ހަމައަކަށް އަޅުވަން އޭނާއަށް ފަސޭހަވެފައިވިކަމެވެ.

ރޭގަނޑު 8 ޖަހަން ގާތްވަމުން ދިޔަ ވަގުތު ޒިހާން ތައްޔާރުވަމުން ދިޔައީ ޔުނާ ދާ ތަނަކަށް ދިޔުމަށެވެ. މިހާއިރު ވީއިރުވެސް އޭނާއަށް ޔުނާ ގާތު އެ ވާހަކަ ބުނެވިފައެއް ނެތެވެ. އެއްވެސް ނުބައެއް ވާން އުޅޭ ކަމުގެ ކުޑަވެސް ޝައްކެއް ޔުނާއަށް ކުރެވެން ބޭނުމެއް ނުވީތީވެއެވެ. އަދި އަމުދުން އޭނާ ޔުނާއަށް އިތުބާރު ނުކުރާކަމުގެ އިހުސާސެއް ވެސް ޔުނާއަށް ކުރެވޭކަށް ހިތް ނޭދުނެވެ.

ކޮންމެ ގޮތެއްވިޔަސް ޒިހާން ތައްޔާރުވެގެން ކޮޓަރިން ނުކުތް ވަގުތު ކާރެއް ކުއްޔަށް ހިފަން ކޯލެއްގައި ހުރި ޔުނާއާ ކުރިމަތިލާން ޒިހާން ޖެހުނެވެ. އެކޮޅުން ކާރު ހަމަޖެހުމާއެކު ޔުނާ އޯކޭ ދެމުން ފޯނު ކަނޑާލިތަނާހެން ޒިހާން ފެނުނެވެ.

"ހާދަ ތައްޔާރުވެގެން ތިހިރީ؟" ޔުނާ ސުވާލުގެ ރާގަކަށް އެހެން ބުނެލީ ހައިރާންކަން އެކުލެވިފައިވި ހިނިތުންވުމަކާ އެކީގައެވެ. އޭނާ އެދުވަހުގެ އިންޓަވިއުތަކަށް މެންދުރު ދިޔަގޮތަށް އަނބުރާ އާދެވުނީ ދާދި ދެންމެއަކުއެވެ. އެހާ އަވަހަށް ޒިހާނާ ވަކިވެ އެހެން ތަނަކަށް ދާންޖެހުމުން ވެސް ހިތް ދެރަވެފައިވިއެވެ. އަދި އަމުދުން އޭނާ ބައްދަލުކުރަން އުޅޭ މީހެއްގެ ޒާތުންނެވެ.

"ހުމް.....ޔުނޫއާއެކީ ދާންވެގެން ކަމަށް އަހަރެން މިހިރީ..." ޒިހާން ފުރިހަމަ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއާއެކު ޔުނާގެ ހިތް މޭތެރޭގައި ގެނބުނު ހިނދު ހިނިތުންވުން ފޭދުނެވެ.

"ޒިހާން.....އަހަންނަށް އެކަންޏޭ އިންވިޓޭޝަން ލިބުނީ. އެހެންވީމަ...." ޔުނާ ހިނިތުންވާން މަސައްކަތް ކުރަމުން ބުނަން ފެށި ވާހަކަ މެދުކެނޑުނެވެ.

"މައްސަލައެއް ނޫނޭ. އަހަރެން އިނދެފާނަން ކާރުގައި.... ޔުނާގެ ފްރެންޑްގެ ގެއަށް ނުވަދެ..." ޒިހާން ނުފިލާ ހިނިތުންވުމަކާއެކީ ބުނެލި ވާހަކައިން ޔުނާގެ ފިކުރު ބޮޑުވިއެވެ. ޖިނާހު އެ ބުނާ ތަނަކަށް ޒިހާން ގެންގޮސްފިނަމަ ވެދާނެ ގޮތް ހިޔާލަށް ވެސް ގެންނަން ބޭނުމެއް ނުވުމުން ޔުނާ ވާހަކަ ދެއްކިއެވެ.

"ޒިހާން.... އަސްލު އަހަރެން އެކަނި ދާން ބޭނުންވަނީ މި ފްރެންޑްގެ ގެއަށް." ޔުނާ ބުންޏެވެ.

"އެއީ ކީއްވެ؟" ޒިހާން މާޔޫސީ ގޮތަކަށް އަހައިލި ގޮތުން ޔުނާ ދެރަވެސްވިއެވެ.

"އިޓްސް ހަމަ.... އެކަނި ދާން ބޭނުންވަނީ." ޔުނާ އިސްޖަހައިލަމުން ބުނެލިއެވެ. ޔުނާއަށް ވަމުން ދިޔަގޮތް ފެނިފައި ޔުނާގެ މި ބައްދަލުވުމަކީ ވެސް އޭނާ ބަލަން ބޭނުންވާ ރޭވުމުގެ ބައެއްކަން ޒިހާނަށް ޔަގީނާ ގާތް ކުރެވުނެވެ.

"ކާކާ ބައްދަލުކުރަން ތި ދަނީ ޔުނާ؟" ޒިހާނަށް އެ ސުވާލުކޮށްލެވުނީ ސީރިއަސްކަމާ އެކީގައެވެ. ވާން މިއުޅޭ ގޮތް ސާފުކުރަން ބޭނުންވި މިންވަރުންނެވެ. އެހެނަސް ޔުނާއަށް ޒިހާންގެ އެ ރާގުގެ މާނަ ނެގުނީ ނުބައިކޮށެވެ.

"ޕްލީޒް ޒިހާން.... އަހަންނަށް އިތުބާރު ކުރައްޗޭ. އަހަރެން ޒިހާން ދެރަވާ ފަދަ އެއްވެސް ކަމެއް ނުކުރާނަން. ތެދުތެދަށް ބުނަންޏާ އަހަންނަށް ތެދުވެރި ލޯތްބެއް އިހުސާސް ކުރެވުނީ ޒިހާންގެ ފަރާތުން. ވީމާ އަހަރެން މި ގުޅުމަށް ބޭވަފާތެރިއެއް ނުވާނަން. އަހަރެން އާދެވޭތޯ ބަލާނަން ގަޑިއިރެއްވުމުގެ ވެސް ކުރިން. ޕްރޯމިސް!" ޔުނާ ޒިހާނަށް ބަލަން ހުރެ އެ ވާހަކަ ބުނެލިއިރު ދެލޯ ފެންކަޅިވިއެވެ. އެ މަންޒަރު ފެނިފައި ޒިހާންގެ ހިތް ދެރަވިއެވެ. އަދި އަމުދުން އޭނާ ޔުނާއަށް ޝައްކުކުރަނީހެން ޔުނާއަށް ހީވީތީ އިތުރަށް ދެރަވިއެވެ. އިސާހިތަކު ޒިހާން ޔުނާގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ.

"އަބަދުވެސް އިތުބާރު ކުރާނަމޭ ޔުނާއަށް. ކުރިން ވެސް ބުނިހެން އަހަރެން ޔުނާއަށް އިތުބާރުކުރަން. އިތުބާރު ނުކުރެވެނީ އެހެން މީހުންނަށް. ޔުނާ ބޭނުންވަނީ އެކަނި ދާންކަމަށްވަންޏާ ހަމަ ދާންވީ އިނގޭ؟ އަހަރެން ޔުނާއަށް މަނަލެއް ނުކުރާނަން." ޒިހާން އޭނާގެ ބޮޑުވާ އިނގިލިން ޔުނާގެ ކޯތާފަތުގައި ފިރުމަމުން ބުނެލިއެވެ. އެއަށްފަހު ޔުނާގެ ނިތުގައި ބޮސްދިނެވެ. ބަދަލުގައި ޔުނާ ޒިހާންގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު 'ބައި' އޭ ބުނެލަމުން ދާން ހިނގައިގަތެވެ.

ޔުނާ އޭނާއަށްޓަކައި އިމާރާތުގެ ކުރިމަތީގައި މަޑުކޮށްފައި އޮތް ކާރަށް އަރައި ދޮރު ލައްޕާލުމާއެކުހެން އެ ކާރު ދުއްވަން ފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ ހަމަ އެ އިމާރާތުގެ ކުރިމަތީގައި ޓެކްސީއެއް މަޑުކުރިއެވެ. ޓެކްސީ މަޑުކުރިތާ ސިކުންތުކޮޅެއް ފަހުން ޒިހާން އިމާރާތުން ނިކުމެ ޓެކްސީއަށް އަރަން ދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ.

"އާނ ޝިއުސް. މިވަގުތު މިދަނީ އެތަނަށް ދާން." ޒިހާން ޓެކްސީއަށް އަރައި ދޮރު ލައްޕާލަމުން ބުނެލިއެވެ. އެއަށްފަހު ޓެކްސީ ޑްރައިވަރު ގާތު ދެންމެ އެ ދިޔަ ކާރުގެ ފަހަތުން ދިޔުމަށް އެންގިއެވެ.