ޚަބަރު

ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި އިންޓާންޝިޕްގެ ފުރަތަމަ ފިޔަވަހި ނިންމާލައިފި

އަލީ ޔާމިން

ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި އިންޓާންޝިޕްގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މި އިންޓާންޝިޕްގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތު ހުޅުވާލައި އެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމެވެ. މި ފުރުސަތަށް 36 ފަރާތަކުން ފޯމު ހުށަހެޅި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، އިންޓާންޝިޕަށް ހުޅުވާލީ ޖުމްލަ 10 ޖާގައަށް ނަމަވެސް 36 ފަރާތަކުން އެޕްލިކޭޝަން ހުށަހެޅި ކަމަށާއި މި ޕްރޮގްރާމަށް ލިބުނު ތަރުހީބުގެ ބޮޑުކަމުން މީގެ ތެރެއިން 31 މީހަކު ޝޯޓްލިސްޓްކޮށް އިންޓަވިއުކުރުމަށްފަހު 26 މީހަކަށް ޓޫރިޒަމް މިނިސްޓްރީގައި އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް ވަޒީފާގެ ފުރުސަތު އެހެން ދާއިރާތަކުން ލިބުން ފަދަ ސަބަބުތަކާ އެކު މީގެ ތެރެއިން ހަތަރު މީހަކު އިންޓާންޝިޕް ފުރުސަތު ދޫކޮށްލިއެވެ.

އެހެންކަމުން އިންޓާންޝިޕްގެ ފުރަތަމަ މަރުހަލާ ނިންމީ 22 ބައިވެރިންނާއި އެކުއެވެ. ކޮންމެ އިންޓާން އަކަށް އެހީތެރިވުމަށް މެންޓާއެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ އިސް މުވައްޒަފަކު ހަމަޖައްސާފައިވާއިރު، މި އިންޓާންޝިޕް ކުރިއަށް ގެންދެވެނީ ހަފްތާއަކު ޖުމުލަ ދިހަ ގަޑިއިރު މަސައްކަތް ކުރާ ގޮތަށެވެ. އިންޓާންޝިޕް ފުރިހަމަކުރި ބައިވެރިން މިހާރު އަންނަނީ، ޓޫރިޒަމް މިނިސްޓްރީގައި އެ ބައިވެރިން ޝައުގުވެރިވާ ދާއިރާތަކުގައި މަސައްކަތް ކުރަމުންނެވެ.

އިންޓާންޝިޕްގެ ފުރަތަމަ މަރުހަލާ ނިމުނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އިންޓާންޝިޕް ފުރިހަމަކުރި ބައިވެރިންނާއި ބައްދަލުކުރައްވައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، އިންޓާންޝިޕްގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ ޔުނިވާސިޓީގެ ޕްލޭސްމަންޓް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.