ގައުމީ ޓީމަށްވެސް ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ)ވެސް ލީގުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އަށް ސޮއިކޮށްފިއެވެ.
ޝާފީ އެކްލަބާ ގުޅުނުކަން ކްލަބުން އިއުލާން ކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. ކުރިއަށް އޮތް ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ސަސް އިން ވަނީ ޓީސީގެ ކެޕްޓަންކަން ވޭތުވެދިޔަ ހަ އަހަރުކުރި އަހުމަދު ފައްރާހް (ފައްރަ)ގެ ސޮއި ހޯދައި އެކަން ވެސް އިއުލާން ކޮށްފައެވެ.
ޝާފީއަކީ 2010 ވަނަ އަހަރު ކްލަބު ވެލެންސިއާއިން ވިދާލި ޑިފެންޑަރެކެވެ. އުމުރުން 33 އަހަރުގެ ޝާފީވަނީ ވިކްޓަރީގެ ސްޕޯޓްސް ކްލަބުގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގައި ކާމިޔާބީތަކެއް ހޯދައިފައެވެ. 2016 ވަނަ އަހަރު ޝާފީ އަނެއްކާވެސް ވެލެންސިއާއަށް ބަދަލު ވެ، އެ ކްލަބު ކެޕްޓަން ކަންވެސް ކުރުމަށްފަހު ޝާފީ ބަދަލުވީ ކްލަބު ގްރީން ސްޓްރީޓްސްއަށެވެ.
ބ. އޭދަފުއްޓަށް އުފަން ޝާފީ ވަނީ ގައުމީ ޓީމަށްވެސް މުހިއްމު މެޗުތަކެއް ކުޅެފައެވެ. އެގޮތުން ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައިވެސް ޝާފީ ވަނީ ކުޅެފައެވެ.
މިއަހަރުގެ އޮފް ސީޒަންގައި ޝާފީގެ ފަރާތުން ޓްރެކް ތަމްރީނުތަކެއް ހެދިތަން ފެނިގެން ގޮސްފައިވާއިރު، އެ ފިޓްނަސް ތަމްރީނުތަކުގައި އަލީ އަޝްފާގު (ދަގަނޑޭ)ވެސް ބައިވެރިވިތަން ފެނިގެން ގޮސްފައި ވެއެވެ.
ދެމެހެއްޓެނިވި ގޮތުގައި ކްލަބު ހިންގުމަށް ސުޕަ ޔުނައިޓެޑުން ހާއްސަ މަސައްކަތްތަކެއްވެސް ކުރަމުން އަންނަކަން ފާހަގަކޮށްލެވޭއިރު، ރާއްޖޭގައި އުފެދުނު އެންމެ ހުނަވެރި ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)ގެ ހިއްސާ ވެސް އޮންނަ ގޮތަށް އެ ކްލަބުން ވަނީ ސްޕޯޓްސް ކެފޭއެއްވެސް މާލޭގައި ހުޅުވާފައެވެ. ދަގަނޑޭގެ "ގޭދަށު" ކްލަބެއްގެ ގޮތުގައި އޭނާ ސުޕަ ޔުނައިޓެޑް ސިފަކޮށްފައިވާއިރު، އަންނަ ސީޒަންގައި ދަގަނޑޭ އެ ކްލަބުން ފެނުން ވަރަށް ގާތެވެ.
އަންނަ ސީޒަނަށް ކްލަބުތަކުން ތައްޔާރުވަމުން އަންނައިރު، މިހާތަނަށް ފަރިތަކުރުންތައް ފަށާފައި ވަނީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ކްލަބު ގްރީން ސްޓްރީޓްސްގެ އިތުރުން ކްލަބު ވެލެންސިއާއެވެ. އާ އާންމު ހާލަތުގައި ފަރިތަކުރުންތަކަށް ހުއްދަ ދީފައިވާއިރު، އަދި އޮތް ގޮތުން ސީޒަން ހުޅުވާނީ އަންނަ ޑިސެންބަރު މަހުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު