ޚަބަރު

ގާސިމް ހިމެނޭ ގޮތަށް އެންއައިސީއަށް ހަތަރު ބޭފުޅެއް އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހަތަރު ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

އެންއައިސީއަށް މިއަދު އައްޔަން ކުރެއްވި ހަތަރު ބޭފުޅުންނަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާޅުމުގައި އިސްދައުރެއް އަދާކުރެއްވި ޅ. ނައިފަރު/ ނިކަގަސްދަށުގެ، ގާސިމް އަބްދުލްކަރީމާއި މ. ފިސްތާގެ، އާމިނަތު ޝާދިޔާ އާއި، ގ. ދޫރެސްވިލާ އާޝިޔަތު ޝިއުނާ އަދި ދަފްތަރު ނަންބަރު ރސ. 1188 ޝުއައިބު އަބްދުއްރަހުމާނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންއައިސީގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް ބޭފުޅުންނާ ހަވާލުކުރެއްވި އެވެ.

މި ހަތަރު ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.