މިއަހަރުގެ ތިން ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީގެ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ވިޔަފާރިން 350 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައި ބަލާއިރު 41 ޕަސެންޓް އިތުރުވުމެކެވެ. ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 248 މިލިއަން ރުފިޔާ ލިބުނެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ލިބުނީ 60 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީން ބުނީ، ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ފައިދާ އިތުރުވީ އެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ޕްރޮޖެކްޓްތައް އިތުރުވުމުންނެވެ. އެގޮތުން ކޮންސްޓްރަކްޝަން ދާއިރާއިން ތިން ވަނަ ކުއާޓަރުގައި ލިބުނު ފައިދާ 25.6 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ.

ތިންވަނަ ކުއާޓަރުގައި ޖުމްލަ 70 މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނައިރު އޭގެ ތެރެއިން 11 މަޝްރޫއުގެ މަސައްކަތް އެ މުއްދަތުގައި ވަނީ ނިންމާލައިފަ އެވެ. އަދި މުޅިން އާ 12 މަޝްރޫއެއްގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ވަން" އަށް ވިދާޅުވީ، މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޓެކްސްގެ ކުރިއަށް 60 މިލިއަން ރުފިޔާ ލިބި، މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ފައިދާ 140 މިލިއަނަށް އަރާފައިވާ ކަމަށެވެ. އަދި މިއީ އެމްޓީސީސީގެ 39 އަހަރުވީ ތާރީހުގައި ފުރަތަމަ ތިން ކުއާޓަރުގައި މިހާ ބޮޑު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރު ކަމަށް ވެސް ވިދާޅުވި އެވެ.

"އިންޝާﷲ މި މަސައްކަތް މިގޮތުގައި ބެހެއްޓުމަށް އެމްޓީސީސީން މަސައްކަތް ކުރާނަން،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީން ބުނީ، މިއަހަރު 1.35 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، އަދި ޓެކުހަށް ކެނޑުމުގެ ކުރިން 185 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުންފުނީން ހޯދި މި ތާރީހީ ކާމިޔާބަށް ޓަކައި ސީއީއޯ އާޒިމް އޭނާގެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވަނޯީ ކުންފުނީގެ މުޅި ޓީމަށް ޝުކުރު އަދާކުރައްވައިފަ އެވެ.