(24 އޮކްޓޫބަރުގެ އަދަދާ ގުޅޭ)

ނަވުގެ ފަޅުވެރީންގެ އެހެންމީހުން ފަދައިން عبــدالمنـعـــم ވެސް ޒަޚަމުވެފައިތިބި މީހުން ބައްތެއްޔަށް އުފުއްލެވިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދެބައްތެއްޔަށްވެސް އަނދަމުންދާ ނަވާ ދުރަށް ދަތުރު ފެށިއްޖެއެވެ. عبــدالمنـعـــم ސިހިވަޑައިގެންދިއުމާއެކު ވަށައިގެން ހޯއްދަވައިލެއްވިއެވެ. އޭނާ ހުންނެވި ބައްތެލީގައި އިންނެވީ އުމުރުން ދުވަސްފުޅުވެފައި އިންނެވި އަންހެން ބޭފުޅެކެވެ. އަނެއް ބައްތެއްޔަކުންވެސް އޭނާއަކަށް އަންހެނަކު ފެނިވަޑައެއް ނުގެންނެވިއެވެ. އޭނާ ހަޅޭފުޅުލައްވައިގެންނެވިއެވެ. "މަޑުކުރާށެވެ. ބައްތެއްޔާއިގެން ނާދޮށަށް ހިނގާށެވެ. ކަލާނގެ ކުޅަދުންވަންތަކަމެވެ. މަންމަޔަކު އޭނާގެ އަންހެން ދަރިފުޅުގެ މަތީންވެސް ހަނދާނެއް ނުވިއެވެ. އަވަސްކުރާށެވެ. ބައްތެލި އަނބުރައިލާށެވެ."

"މަންމަޔަކާ ބެހޭގޮތުން ތިޔަގޮތަށް ޚިޔާލުކުރައްވާކަށެއް ނުވާނެ. އަޅުގަނޑު މިތާނގައި އެބަހުރިން."

عبــدالمنـعـــم ވަރަށްބޮޑަށް ހައިރާންފުޅުވެވަޑައިގަތެވެ. އޭނާގެ އަރިހުގައި ހަތިޔާރު އަޅައިގެންހުރި ސިފައިންގެ މީހަކާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެ ސިފައިންގެ މީހާގެ ބޮލުގައި އޮތީ ދަގަނޑު ތާކިހަލެކެވެ. އޭނާގެ އަތުގައި ލޭތިކި ތަޅަތަޅާހުރި ކަނޑިއެއް އޮތެވެ. އޭނާގެ ދަހަނާ އޭނާގެ ހަށިގަނޑަށްވުރެ މާބޮޑެވެ. عبــدالمنـعـــم ގެ ހައިރާންފުޅުކަން ދުރުކޮށްދިނުމަށްޓަކައި ކެޕްޓަން ބުނުއްވިއެވެ. "ކަލާ ވިސްނައިވަޑައެއް ނުގަންނަވަމުތޯ. މީނާ ހަނގުރާމަ ފެށުނީއްސުރެ ނިމެންދެން އަޅުގަނޑުމެންނާއެކު ހަނގުރާމަކުރެއްވި. މީނާގެ ހިތްވަރުފުޅު ގަދަކަމާމެދު އަޅުގަނޑުގެ ހިތުގައި ވަރަށްބޮޑަށް ތާރީފު އުފެދުނު. އަޅުގަނޑު ހައިރާންވީ މީނާ ދަހަނާއެއް ހޯއްދެވިގޮތަކާމެދު."

އަންހެންކުއްޖާ ޖަވާބުދިނެވެ. "މި ކަނޑިއަކީ އަޅުގަނޑުގެ ބައްޕަގެ ހަނދާނެއް. ދަހަނާއާއި ދަގަނޑު ތާކިހާ ހޯދީ ނަވުގެ ކޮޓަރިއެއްގެ ތެރެއިން. އަޅުގަނޑު ފިރިހެން ހެދުމެއް ހޯދައިލަންވެގެން ހުޅުވައިލި ފޮއްޓެއްގައިހުރީ ހައްތާވެސް މިކަހަލަ އެއްޗެހި."

* * * * * * * * * * *

عبــدالمنـعـــم އާއި އޭނާގެ އެކުވެރީން އެދުވަހުގެ ހަތަރުދަން ހޭދަކުރެއްވީ ބައްތެލީގައެވެ. އެބޭފުޅުން އައްސޭރިއެއް އަތުލެއްވުމަށްވުރެ ބޮޑަށް އުންމީދުކުރެއްވީ އެދިމާއަށް އަންނަ ކޮންމެވެސް ނަވަކާ ދިމާވޭތޯއެވެ. ހަވީރު އެބޭފުޅުންނަށް ނަވެއްގެ ރިޔާ ފެނިވަޑައިގަތުމުން އެދިމާއަށް ބައްތެލި އަނބުރައިލެއްވިއެވެ. ނަމަވެސް އިރުއޮއްސި ދުނިޔެމައްޗަށް ވެރިވަމުންދިޔަ ކަނުއަނދިރިކަން އެބޭފުޅުންގެ އުންމީދުތައް ފެނަށް ހަދައިލިއެވެ. އޭގެ އަނެއްދުވަހު އެބޭފުޅުންގެ ކަންބޮޑުވެވަޑައިގަތުން މާޔޫސްކަމަށް ބަދަލުވާން ފަށައިފިއެވެ. ކާއެއްޗެއްސާއި ބޯފެން ގާތްގަނޑަކަށްހެން ވަނީ ހުސްވެފައެވެ. عبــدالمنـعـــم އާ ތަބާވުމުގެގޮތުން އޭނާގެ ހުރިހައި އެކުވެރީންވެސް އެބައިމީހުންނަށް ލިބޭ ބޯފެންފޮދު ދެނީ ޒަޚަމުވެފައިތިބި މީހުންނަށެވެ. ޚުދު އެބައިމީހުންވެސް ފެންބޮވައިގެންފައި ތިބެއެވެ. މުސްކުޅިފުޅު އަންހެންބޭފުޅާ ވަރަށްބޮޑަށް ކަރުފުޅު ހިއްކަވައިގެން އިންނަވަނިކޮށް މެންދުރެއްހައިއިރު عبــدالمنـعـــم އޭނާއަށް ދެތިން ކޯވަރެއްގެ ފެން ދެއްވިއެވެ. އެއަށްފަހު ޒުވާން އަންހެން ބޭފުޅާއާ ދިމާއަށް އެނބުރިވަޑައިގެންނެވިއެވެ. އޭރު އެކަމަނާ ޒަޚަމުވެފައިވާ މީހެއްގެ ގާތުގައި އިށީނދެވަޑައިގެން އިންނަވައި އޭނާއަށް ތަސައްލީ ދެއްވަނީއެވެ. "ކަލޭ އުންމީދު ކަނޑައިނުލާ! ކަނޑުފޭރޭ މީހުންގެ އަތްދަށުން އަހަރެމެން ސަލާމަތްކުރެއްވި މާތް اللّـه މި މުސީބާތުންވެސް އަހަރެމެން ސަލާމަތްކުރައްވާނެ!"

عبــدالمنـعـــم ޖޯޑަކަށް ދެތިން ކޯވަރެއްގެ ފެން އަޅުއްވައިގެން ވަޑައިގެން އެކަމަނާގެ އަތްޕުޅަށް ދެއްވަމުން ވިދާޅުވިއެވެ. "މިއީ ކަލާއަށްވީ ފެންފޮދު. މީގައި ހިއްޕަވާ. މީގެފަހުން ކަލާއަށް ފެންފޮދެއް ލިބިވަޑައިނުގަތުމަކީ އެކަށީގެންނުވާ ކަމެއްނޫން."

އަންހެންބޭފުޅާ ޖަވާބު ދެއްވިއެވެ. އަޅުގަނޑަށްވީ ބައި އަޅުގަނޑު ބޮއިފިން. ކަލާ ހެނދުނުއްސުރެ އެންމެ ފެންތިއްކެއްވެސް ނުހިއްޕަވަމު. عبــدالمنـعـــم ޖަވާބު ދެއްވިއެވެ. "މިކަހަލަ ދަނޑިވަޅެއްގައި އަޅުގަނޑުގެ އަމިއްލަ ނަފްސާމެދަކު ނުވިސްނޭނެ. މީގައި ހިއްޕަވާ؟"

އަންހެންބޭފުޅާ عبــدالمنـعـــم ގެ އަތްޕުޅުން ފެންތަށި އަތުލައްވައިގެން ވަށައިގެން ހޯއްދަވައިލެއްވިއެވެ. ޒަޚަމުވެފައިތިބި މީހުންކުރެ އެންމެ ހާލުދެރަ މީހާގެ ތުންފަތުގައި ފެންތަށި ޖައްސައިދެއްވަމުން ވިދާޅުވިއެވެ. "މިކަހަލަ ވަގުތެއްގައި އަޅުގަނޑަކަށްވެސް އަޅުގަނޑާ މެދަކު ނުވިސްނޭނެ!"

އެކަމަނާގެ ނަންފުޅަކީ سكينة އެވެ. عبــدالمنـعـــم އަށް سكينة ގެ އަތްޕުޅުގައި ކަނޑިއެއް އޮއްވައި ފެނިވަޑައިގަތުމުންވެސް އޭނާގެ ހިތްޕުޅުން އުފާވެރިކަމުގެ ވިންދުތަކެއް އިޙުސާސްވެވަޑައިގެންނެވިއެވެ. ޒަޚަމުވެފައިތިބި މީހުންގެ ޒަޚަމުތަކުގައި سكينة ގެ ނާޒުކު އަތްޕުޅުން ބޭސްއަޅުއްވައިދެއްވާ މަންޒަރު ފެނިވަޑައިގަތުމުން عبــدالمنـعـــم އަށް ހީފުޅުވީ އޭނާގެ ޙަޔާތްޕުޅުގެ ހިމޭން ނަރުތަކުގައި ކޮންމެވެސް މީހަކު ކުޅެލިހެންނެވެ. ނަމަވެސް އެއީ އޭނާއަށްޓަކައި ދުރުހިލޭ މީހެކެވެ. ނަމަވެސް سكينة އަށް ލިބިވަޑައިގެންނެވި ފެންފޮދު ޒަޚަމުވެފައިއޮތް މީހަކަށް ބޯންދެއްވިއިރު سكينة ގެ މިލައިލައިފައިވާ މޫނުފުޅުމަތީގައިހުރި އާދަޔާ ޚިލާފު ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމުގެ އަސަރު ފެނިވަޑައިގަތުމަށްފަހު عبــدالمنـعـــم އަށް އިޙުސާސްވެވަޑައިގަތީ ޤުދުރަތުން އޭނާގެ ހިތްޕުޅުގެ އަޑީން ރީތި ތަސްވީރެއް ނެރުއްވައި އެތަސްވީރަށް ދިރުން ދެއްވީހެންނެވެ. އޭނާއަށް ހީފުޅުވީ سكينة އަކީ އޭނާއަށްޓަކައި ދުރުހިލޭ ބޭފުޅެއް ނޫންހެންނެވެ. އޭނާގެ ޒުވާންކަމުގެ އެންމެ ފުރަތަމަ ދައުރުއްސުރެ سكينة އޭނާގެ ހިތްޕުޅުގެ ލޭފޮދާ އެކުވެފައިވާހެންނެވެ. سكينة އޭނާގެ ހިތްޕުޅުގައި ދިރިއުޅުއްވާހެންނެވެ. عبــدالمنـعـــم ގެ ހިތްޕުޅުގައި މިހައިތަނަށްވަނީ އެތައް ނަމަކުން "سكينة" ފާހަގަކުރެވިފައެވެ.

ތިންވަނަޔަށްވީދުވަހު އިރުއެރިއިރު عبــدالمنـعـــم ގެ އެކުވެރީންގެ ތެރެއިން ގިނަމީހުން ތިބީ ހޭނެތިފައެވެ. ބަނޑުހައިކަމާއި، ކަރުހިއްކައިގަތުމުގެ ސަބަބުންނެވެ. عبــدالمنـعـــم އިންނެވީ ބައްތެލީގެ އެއްފަޅީގައެވެ. އޭނާގެ ހަށިކޮޅުގެ ބާރުވެސް ވަނީ ޖަވާބުދޭން ފަށައިފައެވެ. ނަމަވެސް އޭނާގެ ލޯފުޅުގައި އޭރުވެސް އުއްމީދުގެ އަލިކަން ދެމިހުއްޓެވެ. ކުއްލިއަކަށް އަނެއް ބައްތެލީގެ ފަޅުވެރީން އަތުގެ އިޝާރާތުން އޭނާ އެބައިމީހުންނާ ދިމާއަށް ސަމާލުކުރުވައިފައި އެއްފަރާތަކަށް އިޝާރާތް ކޮށްލިއެވެ. عبــدالمنـعـــم ބައްލަވައިލެއްވިއިރު ތަންކޮޅެއް ދުރުން އެބޭފުޅުންގެ ބައްތެލިފަހަރާ ދިމާއަށް ނަވެއް އާދެއެވެ. عبــدالمنـعـــم އޭނާ އެކުވެރީންނަށް ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ހިކިފައިވާ ކަރުފުޅުގެ ތެރެއަކުން އަޑުފުޅެއް ބޭރެއް ނުވިއެވެ. ދުރުން އަންނަ ނަވުގައި ވިހުރުވި ވިހުރުވިހުރީ ތަރާބުލުސްގެ ދިދައެވެ. عبــدالمنـعـــم އޭނާގެ ބައްތެލިމައްޗަށް ތެދުވެވަޑައިގެން ދެއަތްޕުޅު ހޫރުއްވާން ފައްޓަވައިފިއެވެ. ތަރާބުލުސްގެ ނަވުގެ ތައްޓުމަތީގައި ތިބި ފަޅުވެރީން އަތްހޫރައި عبــدالمنـعـــم ގެ އިޝާރަތަށް ޖަވާބުދޭން ފެށުމުން އޭނާ ކުރިއަށް ވަޑައިގެން سكينة ހޭޖެއްސެވޭތޯ މަސައްކަތްޕުޅު ކުރައްވާން ފައްޓަވައިފިއެވެ. سكينة ލޯފުޅު ހުޅުއްވައިލެއްވުމުން عبــدالمنـعـــم އޭނާގެ އަތްދަނޑިފުޅުގެ އެހީގައި سكينة ކޮޅަށް ބައިންދަވާފައި އަނެއް އަތްޕުޅުން ނަވާ ދިމާއަށް އިޝާރާތް ކުރައްވައި ނާ ދައްކަވައިލެއްވިއެވެ.

* * * * * * * * * * *

އެނަވަކީ ސަބްތާއަށްދާ ނަވެކެވެ. ވިދިގެންއައި ދުވަހުގެ ހަވީރު سكينة ހުންނެވީ ނަވުގެ ތައްޓުމަތީގައެވެ. އިރުއޮއްސޭ މަންޒަރު ބައްލަވާށެވެ. عبــدالمنـعـــم سكينة ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް މާދަމާ ސަބްތާއަށް ދެވޭނެ. މާލިޤާއަށްދާ ނަވެއްވެސް ސަބްތާއިން ލިބިދާނެ."

سكينة ފަހަތަށް އެނބުރިވަޑައިގެން عبــدالمنـعـــم އާ ދިމާއަށް ބައްލަވައިލެއްވިއެވެ.

"ކަލާގެ ނައު ހަލާކުވީތީ އަޅުގަނޑު ވަރަށް ހިތާމަކުރަން. ކަލާގެ ކެޕްޓަން ހުންނެވީ އެކަމާ ވަރަށް މޮޅިން. އަޅުގަނޑުމެންނަށް އާދެވުނުކަމީ ކަލާއަށް ރަނގަޅު ފާލަކަށްނުވި. އަޅުގަނޑުމެންގެ ފުރާނަ ސަލާމަތްވީ ކަލާއާހުރެ." سكينة އަނެއްކާވެސް އުދަރެހާ ދިމާއަށް ބައްލަވަން ފަށްޓަވައިފިއެވެ. عبــدالمنـعـــم އިރުކޮޅަކު ހިމޭނުން ހުންނަވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު މިއައީ ކަލާގެ މަންމަގެ އަރިހަށް ވާހަކައެއް ދަންނަވައިލަން ގޮސްފައި. އަޅުގަނޑަކީ ސިފައިންގެ މީހެއް. މިބާވަތުގެ ވާހަކަތައް ދައްކާނެ ގޮތެއްވެސް އަޅުގަނޑަކަށް ނޭނގޭ. ނަމަވެސް އޭނާ އަޅުގަނޑުގެ ވާހަކަޔަކާ ނުގަބޫލުފުޅެއް ނޫން." عبــدالمنـعـــم އެހިސާބަށް ވާހަކަފުޅު ގެންވައިފައި ހުއްޓައިލެއްވިއެވެ. އިރުކޮޅަކު މަޑުކޮށްލައްވައިފައި ވަރަށް ސަރީޙަ ރާގަކަށް ވިދާޅުވިއެވެ. "އަޅުގަނޑު އެދުނީ ކަލާއަށް. ބައްތެލީގައި އަޅުގަނޑުމެން ވޭތިކުރި މުސީބާތުގެ އެންމެފަހުރޭ އަޅުގަނޑުމެންނަށް ދިރިތިބުމުގެ އެހެން ފަތިހެއް ފެންނާނެއެކޭ އަޅުގަނޑު ހިތަކަށް ނާރާ. އަޅުގަނޑަކީ މީގެކުރީން ދުވަހަކުވެސް މަރުދެކެ ބިރުގަތް މީހެއް ނޫން. އެކަމަކު މިފަހަރު އަޅުގަނޑުގެ ގާތުގައި އަޅުގަނޑުގެ ދިރިއުޅުން ވެފައިއޮތީ ވަރަށް ލޮބުވެތި އެއްޗަކަށް. ހަނދުވަރުގެ އަލީގެ ތެރެއިން ކަލާގެ މިލައިފައިވާ މޫނު ފެންނަ ކޮންމެފަހަރަކު ކަލާގެ އަރިހުގައި ވާހަކައެއް ދަންނަވަން އަޅުގަނޑުގެ ހިތް އެދުނު. އެކަމަކު އަޅުގަނޑުގެ ހިކިފައިވާ ކަރުތެރެއަކުން އެއްވެސް އަޑެއް ބޭރެއް ނުކުރެވުނު. އަޅުގަނޑު ދަންނަވަން ބޭނުންވީ ކޮންވާހަކައެއްކަން ކަލާއަށް އެނގިވަޑައިގަންނަވާތޯ؟"

"އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުވިސްނުނު." سكينة އޭނާގެ ހިތްޕުޅުގެ ވިންދުގެ މައްޗަށް ބާރުފޯރުއްވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން އުޅުނީ މަރުވެގެންދާއިރު އަޅުގަނޑުގެ ސިކުނޑީގެ އެންމެފަހު ސުވާލަކަށްވާނީ އަޅުގަނޑުމެން ދެމީހުން އުފެއްދެވީ އެކަކު އަނެކަކަށްޓަކައި ނޫންބާވައޭ. މިސުވާލު."

سكينة ވަރަށް ލަދުފުޅުން، ޖެހިލުންވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. "މަންމަ އަރިހުގައި ކަލާ ވިދާޅުވީ ކީކޭތޯ؟"

"އޭނާއާ އަޅުގަނޑު ވަރަށްގިނަ ވާހަކަ ދެއްކިން. އޭނާ ކަލާއާވެސް އޭގެތެރެއިން ބައެއް ވާހަކަ ދައްކަވާނެހެން ހީވޭ. އަޅުގަނޑު ކަލާގެ އަރިހަށް މިއައީ ކަލާގެ އަރިހުންވެސް ކުޑަކުޑަ އެންމެ ސުވާލެއްގެ ޖަވާބު ހޯދައިލަން. އެސުވާލަކީ އަޅުގަނޑުގެ ޙަޔާތުގެ ބައިވެރިއަކަށް ވެވަޑައިގަތުމާމެދު ކަލާގެ އިޢުތިރާޟެއް އެބައޮތްތޯ؟"

سكينة عبــدالمنـعـــم އާ ދިމާއަށް ސިކުންތެއްހައިއިރު ވަންދެން ބައްލަވައިލެއްވިއެވެ. އޭނާ އެއްވެސް ޖަވާބެއް ނުދެއްވައި އެނބުރި ވަޑައިގެންފިއެވެ. އޭނާގެ ހިތްޕުޅު ވަރަށް ބާރަށް ތެޅެމުންދެއެވެ. އޭނާގެ ފައިންޕުޅު ތުރުތުރު އަޅައެވެ. ލިބިވަޑައިގެންނެވި އުފާފުޅުގެ ސަބަބުން އޭނާގެ މޫނުފުޅުވަނީ ފިނިފެންމަލެއްހެން ފަރިވެ ފޮޅިފައެވެ. އޭނާގެ ލޯފުޅުގައިވަނީ އުފާވެރިކަމުގެ ކަރުނައެވެ. އޭނާގެ މަންމަގެ އަރިހަށް ވަޑައިގެން އިރުކޮޅަކު މަޑުކޮށްލެއްވިއެވެ. އެއަށްފަހު މަންމާ! މަންމާ! އެވެ. ވިދާޅުވަމުން ބޭއިޚުތިޔާރުގައި މަންމައާ އޮޅުލައި ވަޑައިގެންނެވިއެވެ.

"ކީއްތަވީ ދަރިފުޅާ؟"

"އެއްވެސްކަމެއް ނުވޭ!"

سكينة ގެ މަންމަ އޭނާގެ އިސްތަށިފުޅުގައި އަތްޕުޅު ފިރުއްމަވަމުން ވިދާޅުވިއެވެ. "ދަރިފުޅުގެ ނަސީބު ވަރަށް ރަނގަޅެވެ. ދަރިފުޅާ!"

* * * * * * * * * * *

ޣަރުނާޠާއަށް ވަޑައިގެންނެވިތާ މާގިނަދުވަހެއްނުވެ عبــدالمنـعـــم سكينة އާ ކާވެނިބައްލަވައިގެންފިއެވެ. ޤުރުޠުބާގެ ބޮޑުންގެ އާއިލާތަކުގެ މެދުގައި އެތައް ދުވަހެއްވަންދެން އެންމެ ހިނގާ ވާހަކައަކަށްވެފައިއޮތީ އަންދަލުސުގެ މަތީފެންވަރު އެތައް އާއިލާތަކެއްގެ އަންހެންކުދީންގެ ކާވެނީގެ ހުށަހެޅުންތައް ބޮލާލައި ޖައްސަވައިފައި އެއްވެސް ނަމެއްނެތް އާއިލާއެއްގެ އަންހެންކުއްޖަކާ عبــدالمنـعـــم ކާވެނިބައްލަވައިގެންނެވި ވާހަކައެވެ. سكينة އަކަށް އަންދަލުސުގައި އޭނާގެ ފިރިކަލުންގެ ދަރަޖަ މަތިވެރިކަމާއި މަޝްހޫރުކަން ކުރިއަކުން ވަޒަންކުރެއްވިފައެއް ނެތެވެ. އޭނާއަށް ހަމައެކަނި އެނގިވަޑައިގެންފައިއޮތީ عبــدالمنـعـــم އަކީ ވިޔަފާރިވެރިއެއްކަމެވެ. އޭނާގެ ނާ ފެތުމުގެ ސަބަބުން އޭނާގެ އަތްޕުޅުން ވަރަށްގިނަ މުދާތައް ގެއްލިފައިވާކަމެވެ. ނަމަވެސް ޤުރުޠުބާއަށް ވަޑައިގެން عبــدالمنـعـــم ގެ ބޮޑުސިންގާ ރީތި ގަނޑުވަރެއްކަހަލަ ގެ ފެނިވަޑައިގަތުމުން سكينة އަންތަރީސްވެވަޑައިގެންނެވިއެވެ. عبــدالمنـعـــم އޭނާގެ ފައްކާ ގޭގެ ވަރަށްރީތި ކޮޓަރިއެއްގައި سكينة ބައިންދަވައިފައި ވަޑައިގަތީ އޭނާއަށް މަރުޙަބާ ވިދާޅުވާން ވަޑައިގެންނެވި އެކުވެރީންނާ ބައްދަލުކުރައްވަން މަރިޔާދުގެއަށެވެ. ޤުރުޠުބާގެ މަތީދަރަޖައިގެ އާއިލާތަކުގެ އަންހެން ބޭފުޅުންތައް سكينة ވަށައިލެއްވިއެވެ. ޒުވާން އަންހެން ބޭފުޅުންކުރެ ބައެއް ބޭފުޅުން سكينة ގެ ހެދުންކޮޅަށް އަނެއްބައި ބޭފުޅުން އޭނާ އިސްތަށިފުޅު އޮމާންކުރައްވައިފައިހުރި ގޮތަށް ފާޑުވިދާޅުވަމުން ގެންދެވިއެވެ. سكينة އިންނެވީ ހައިރާންފުޅުވެފައެވެ. އޭނާއަށް ތާރީފު ކުރެވެނީކަމެއް ނުވަތަ މަލާމާތް ކުރެވެނީކަމެއް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވައެވެ. ޤުރުޠުބާގެ އަންހެން ބޭފުޅުންގެ ވާހަކަފުޅުގައި ދޭތެރެދޭތެރެއިން ޅެންބައިތުތައް ވިދާޅުވެއެވެ. އެބައިތުތަކުގެ މާނައާމެދު އެއްބޭފުޅަކު އަނެއްބޭފުޅަކާ ސުވާލު ކުރައްވައެވެ. އެބައިތެއްގެ އަސްލު މަފްހޫމަކީ ކޮބައިތޯ ބަހުސް ކުރައްވައެވެ. އެންމެފަހުން އެބޭފުޅުން سكينة އާ ސުވާލު ކުރެއްވިއެވެ. "ކަލާ ވިދާޅުވެ ބައްލަވާށެވެ. މިވެނި ބައިތެއްގެ މާނައަކީ ކޮބައިތޯއެވެ؟"

سكينة ގެ އަރިހަކު އެސުވާލުތަކުގެ އެއްވެސް ޖަވާބެއް ނެތެވެ. އޭނާ ހައިރާންފުޅުވެ ސިހިވަޑައިގެންފައި އަންހެން ބޭފުޅުންނާ ދިމާއަށް ބައްލަވާން އިންނެވިއެވެ.

ވަރަށް ލާނެތް ސަމާސާ މިޒާޖުގެ ޒުވާން އަންހެން ބޭފުޅެއް ވިދާޅުވިއެވެ. "ތިޔަބޭފުޅުން އަޅުގަނޑުގެ ފަހަރިއަށް އުނދަގޫފުޅު ނުކުރައްވާ! އޭނާ ޅެންވެރިކަމަކަށް ޝައުޤުވެރިކަމެއް ނުބަހައްޓަވާ! ނިކަން އެހެން ވާހަކަފުޅެއް ދައްކަވަބައްލަވާ. އޭނާ ޝައުޤުވެރިވެވަޑައިގަންނަވަނީ މިއުޒިކަށް."

سكينة ވަރަށް މަޢުޞޫމު ގޮތަކަށް ޖަވާބު ދެއްވިއެވެ. "ނޫން. އަޅުގަނޑު މިއުޒިކަކަށްވެސް ޝައުޤުވެރިކަމެއް ނުހުރޭ."

"އެހެންވީއިރު ކަލާ ދެނެވަޑައިގަންނަވަނީ ކޮންކަމެއް؟" އެހެން އަންހެން ބޭފުޅެއް މަލާމާތުގެ ހިނިފުޅުވަޑުވައިލެއްވުމަކާއެކު ސުވާލު ކުރެއްވިއެވެ.

سكينة ގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު އެކައްޗެއްވެސް ނުދަންނަން. އަޅުގަނޑުގެ މި އިޢުތިރާފަކީ ތިޔަބޭފުޅުންގެ ހިތްޕުޅަށް ފިނިކަން ލިބިވަޑައިގަންނަވާ ކަމެއްކަމުގައިވާނަމަ އަޑުއައްސަވާ. އަޅުގަނޑަކީ ފަގީރު ސިފައިންގެ މީހެއްގެ ދަރިއެއް. އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑަށް ޅެންވެރިކަމެއްވެސް މިއުޒިކެއްވެސް ދަސްކޮށެއް ނުދެއްވާ. އެބޭފުޅުން އަޅުގަނޑަށް ކިޔަވައިދެއްވީ ކީރިތި ޤުރުއާން. އެބޭފުޅުން އަޅުގަނޑަށް އުނގަންނައިދެއްވީ ފޭރާމަކީ ހަށިގަނޑު ނިވާކުރާ އެއްޗެއްކަން. އެއީ ދެއްކުންތެރިކަމަށްޓަކައި ބޭނުންކުރެވޭ އެއްޗެއް ނޫންކަން. އަޅުގަނޑު އެތަނަކަށް ލޯހުޅުވައިލި ތަހުޒީބާއި ތަމައްދުނުގެ އުނގުގައި އަންހެނުން ތަޢާރުފުކުރެވެނީ އަންހެން ދަރިއެއްގެ ނުވަތަ އުޚުތެއްގެ ނުވަތަ އަނތްބެއްގެ ނުވަތަ މަންމައެއްގެ ހައިސިއްޔަތުން ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި ފަޚުރުވެރިވުމުގެ ގޮތުން ހުށަހަޅާނެ އެއްޗެއް އަޅުގަނޑުގެ އަތަކު ނެތް. އަޅުގަނޑު ދަންނަވާންއޮތީ އެންމެ ވާހަކައެއް. އަޅުގަނޑަށް ހީވާގޮތުގައި ތިޔަބޭފުޅުން އެވާހަކަ އަޑުއައްސަވާ ހިތްޕުޅެއް ނުވާނެ. އަޅުގަނޑުގެ ފިރިކަލުން ބޭނުންފުޅު ހުރިހާ ކަމެއް އަޅުގަނޑަށް ވަނީ ލިބިފައި. އަޅުގަނޑު އެކަންކަމަށް އުންމީދުކުރާ ހުރިހާ ކަމެއް އަޅުގަނޑުގެ ފިރިކަލުންގެ ކިބައިގައި އެބަހުރި."

އުމުރުފުޅުން ދުވަސްވީ އަންހެން ބޭފުޅެއް سكينة ގެ އިސްތަށިފުޅުގައި އަތްޕުޅުން ފިރުންމަވައި ލައްވައިފައި ވިދާޅުވިއެވެ. "މިތިއްބެވި ހުރިހާ ބޭފުޅުންނަށްވުރެ މާބޮޑަށް ދަރިފުޅަށް ހުރިހާ ކަމެއްވެސް އެނގިވަޑައިގަންނަވާ! عبــدالمنـعـــم ގެ ރަނގަޅު ހޮއްވެވުމަށް އަޅުގަނޑު ސާބަސް ދަންނަވަން!"

سكينة ގެ ދައިތާފުޅުގެ ފިރިކަލުން أبو صالح އަކީ ކުރީންވެސް ދެންނެވި ފަދައިން ޣަރުނާޠާގެ އިންތިހާދަރަޖައިގެ ނުފޫޒުހުރި އަމީރެކެވެ. އެހައިމެ މުއްސަނދި ބޭފުޅުކެވެ. سكينة ގެ މަންމަ ދުވަސްކޮޅަކު އެބޭފުޅުންގެ އަރިހުގައި އިންނަވައިފައި ވަޑައިގެންނެވީ ޤުރުޠުބާއަށެވެ.

ކާވެނިފުޅަށް އެއްއަހަރު ވީތަނާ عبــدالمنـعـــم ގެ ދޮށީދަރިކަލުން سعـد ލިބިވަޑައިގެންފިއެވެ.

سعـد އަށް ތިންމަސް ފުރުނުތަނާ سكينة ގެ މަންމަ ކުޑަދުވަސްކޮޅަކު އާލާސްކަންފުޅާ އުޅުއްވައިފައި އަވަހާރަވެއްޖެއެވެ. سعـد ގެ އުމުރުފުޅުން ދެއަހަރު ފުރުނުތަނާ عبــدالمنـعـــم ގެ ދެވަނަ ދަރިކަލުން أحمـد ލިބިވަޑައިގެންފިއެވެ. سكينة ގެ ދައިތާފުޅަކަށް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. އެހެންކަމުން سكينة ގެ ބޭފުޅުންދެކެ އޭނާ ވެވަޑައިގަންނަނީ އަމަށަކު ލޯބިފުޅެއް ނޫނެވެ. ކޮންމެ ދެމަހަކުން ތިންމަހަކުން އޭނާގެ ފިރިކަލުންނާއެކު ޤުރުޠުބާއަށް ވަޑައިގަންނަވައެވެ. ބައެއްފަހަރު سكينة އާއި عبــدالمنـعـــم ދެކަނބަލުން ބޭފުޅުން ގޮވައިގެން ދުވަސްކޮޅަކަށް ޣަރުނާޠާއަށް ވަޑައިގަންނަވައެވެ.

ކާވެނިފުޅުގެ ފަސްވަނަ އަހަރު حسن ރައްކައުވުމުން عبــدالمنـعـــم ޙައްޖަށް ވަޑައިގެންނެވިއެވެ. އެނބުރި ވަޑައިގެންނެވިއިރު އޭނާގެ ބޭފުޅުންނަށް ވަރަށް އާދަޔާ ޚިލާފު ކުޅޭއެއްޗެއް ގެންނެވިއެވެ. އެއީ ޅަސިންގާއެކެވެ. އެފްރިކާގެ އަމީރަކު عبــدالمنـعـــم އަށް އެރުވި ވެދުމެކެވެ.

(ނުނިމޭ)