ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުންް ރިވިއުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.

އޭސީސީގެ އޮފިޝަލަކު މިރޭ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޕީޖީގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި މިއަދު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އޭސީސީން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން މިދިޔަ އަންގާރަ ދުވަހު ޕީޖީން ވަނީ ނިންމައިފައެވެ.

އޭސީސީން ޕީޖީއަށް ފޮނުވި، ރިޕޯޓް އެ ކޮމިޝަނަށް އަނބުރާ ފޮނުވާލުމަށްފަހު އެކަމާ ގުޅޭ މައުލޫމާތުދިނުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، ދައުވާ ނުކުރަން ނިންމީ ކޯޓުގައި އެ މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށެވެ. ނަމަވެސް އޭސީސީން ބުނީ އެ މައްސަލައިގައި ދައުވާކުރުމަށް ފޮނުވީ، އެކަށީގެންވާ ހެއްކާއި ގަރީނާއާއެކު ކަމަށެވެ.

އޭސީސީގެ ރިޕޯޓު އަނބުރާ ފޮނުވާލި ނަމަަވެސް އެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގުން ފާހަގަކުރެވޭ ކަމެއްގެ މައްޗަށް ބިނާކޮށް އެ ނިިންމުން ބަދަލުކުރަން ޖެހޭނަމަ އެކަން ކުރައްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

  • ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
  • ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
  • ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު
  • ޑިރެކްޓަރު، ނައުޝާދު އަލީ
  • ޑިރެކްޓަރު، (ފައިނޭންސް އެގްޒެކްޓިވް) އަހުމަދު އަސްލަމް
  • ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް، އަބްދުﷲ ޝަރީފް
  • އެސިސްޓެންޓް ޑިރެކްޓާ ފާތިމަތު ލިމްޔާ
  • އެސިސްޓެންޓް ޑައިރެކްޓަާ އަބްދުﷲ ހަފީޒް
  • ލީގަލް އޮފިސަރު އަލީ ޝިހާމް
  • އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް
  • ބިޑް ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާމިނަތު ޝައުފާ

ވެންޓިލޭޓަރު މައްސަލައިގައި އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަމީން އިސްތިއުފާދެއްވީ، މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.