ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ ލީޑްރޯލުން ފެނިގެންދާ ފިލްމު "ރޭޝްމީ ރޮކެޓް" ގެ ޝޫޓިންތައް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

ރޭޝްމީ ރޮކެޓްގެ ޝޫޓިންތައް ފެށުމަށް ކުރިން ތާވަލްކޮށްފައި އޮތީ މިއަންނަ ނޮވެމްބަރު މަހު އެވެ. އެހެންނަމަވެސް އިންޑިއާގެ ގުޖްރާތު ސްޓޭޓްގައި އޮންނަ އަވަށެއް ކަމަށްވާ ބުޖް އަށް ވަރަށް ބޮޑަށް މޫސުން ގޯސްވުމުގެ ސަބަބުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ޝޫޓިން ފެށުން ލަސްކުރުމަށް ނިންމާފައެވެ.

ފިލްމުގެ ޑައިރެކްޓަރު އާކާޝް ކުރާނާ ބުނީ ފިލްމުގެ މައިގަނޑު ޝޫޓިންތައް ކުރިއަށް ގެންދާނީ ބުޖްގައި ކަމަށާއި މިއަންނަ މަހު ޕޫނޭގައި ނަގަން ޖެހޭ މަންޒަރުތައް ނަގާނެ ކަމަށެވެ.

ތާޕްސީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިންޑިއާއަށް ގޮސް ފިލްމީ މަސައްކަތްތަކުގައި ވަރަށް ބުރަކޮށް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން މިހާރު ތާޕްސީ ކުރަމުން އަންނަނޯ ހަސީނު ދިލްރުބާގެ މަސައްކަތްތަކެވެ.