ބިއުޓީ

ކޯމަސް ބިއުޓީގެ މޫދު ޕެލެޓް: ރާއްޖޭގެ އަމިއްލަ މޭކަޕް ބްރޭންޑެއްގެ ފުރަތަމަ އައިޝެޑޯ ޕެެލެޓް

މަރިޔަމް ޝަހުދާ

މިއަދުގެ ދުވަސް ފެށިގެން ދިޔައީ ރާއްޖޭގައި މޭކަޕް ސާމާނަށް ލޯބިކުރާ އެންމެނަށް އުފާވެރި ހަބަރަކާއެކު އެވެ. ރާއްޖޭގެ ފުރަތަމަ މޭކަޕް ބްރޭންޑު ކަމަށްވާ ކޯމަސް ބިއުޓީގެ ފުރަތަމަ މޭކަޕް ޕެލެޓު މިއަދު ވަނީ ތައާރަފު ކޮށްފައެވެ.

އިންސްޓަގްރާމްގައި މިއަދު ތައާރަފުކޮށްފައިވާ މި އައިޝެޑޯ ޕެލެޓަކީ "މޫދު ޕެލެޓް" ގެ ނަމުން ނަން ދީފައިވާ ޕެލެޓެކެވެ. މިއީ މޫދާއި އަތިރިމަތީ ސަރަހައްދުން "އިންސްޕަޔާ" ވެގެން ހަދާފައިވާ ޕެލެޓެއް ކަމަށް ކޯމަސް ބިއުޓީން ބުނެއެވެ. އަދި މި ޕެލެޓުގައި ހިމެނޭ ކުލަ ތަކުގެ ނަން ދީފައިވަނީ މި ތީމަށް ވިސްނައިގެން، ދިވެހި ނަންތަކުން ކަމަށް ކޯމަސް ބިއުޓީން ބުނެއެވެ.

ކޯމަސް ބިއުޓީ

ދިވެހިރާއްޖޭގެ ފުރަތަމަ މޭކަޕް ބްރޭންޑަކީ ފަހުރުވެރި ދިވެހި ދަރިއެއްގެ އުފެއްދުމެކެވެ. މާލެއަށް އުފަން ސާރާ އިބްރާހިމް "ވަން" އަށް ދިން އިންޓަވިއުއެއްގައި ބުނީ، މި މަސައްކަތް ފެށުނީ އާޓްސްގެ ދާއިރާއަށް ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން ކަމަށެވެ.

ސާރާ ވަނީ ސައިކޮލޮޖީގެ ދާއިރާއިން ޑިގްރީ ހާސިލްކޮށް، މާކެޓިންގް ސައިކޮލޮޖީ އިން މާސްޓާސް ހަދައިފައެވެ. ތައުލީމީ ހަޔާތް އާޓާއި ދުރުގައި އޮތް ނަމަވެސް، ސާރާގެ ހިތް އޮތީ އާޓްސް ގެ ތެރޭގައެވެ. ސާރާ ކިޔައިދިން ގޮތުގައި ކޯމަސް ބިއުޓީގެ މަސައްކަތަކީ 10 އަހަރު ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ފަހު، އެނބުރި ރާއްޖެއަށް އައި ފަހުން ހިޔާލަށް ގެނެވުނު މަސައްކަތެކެވެ.

"2019ގެ މާޗްގައި މި އައިޑިއާ ލިބުނީ. އަޅުގަނޑުގެ ކުރީގެ ބޮސް އެއް ދުވަހު ގެނައީ ބައިވަރު މޭކަޕް ޕެލެޓްތަކެއް. އޭގެ ތެރޭ އޮތީ ރުކެއް ޖަހާފަ އޮތް ޕެލެޓެއް. އެ ޕެލެޓް ހުޅުވާލި އިރު ސަންސެޓް، އޯޝަން ކަހަލަ ބީޗް ގްރޭޑިއެންޓް ކުލަތަކެއް ހުރީ. ދެން ހިތަށް އެރި މީތި ހާދަ ރީތިވާނޭ ދިވެހި ނަންތަކެއް ހުރިނަމަ. އެހާ ހިސާބުން އައިޝެޑޯ ޕެލެޓެއް ހަދަން ބޭނުންވީ" މި މަސައްކަތް ފެށުނު ގޮތް ސާރާ "ވަން" އަށް ކިޔައިދިނެވެ.

ސާރާ ކިޔައިދިން ގޮތުގައި މި ޕެލެޓުގެ މަސައްކަތް ފެށުނީ އެހެން ޕެލެޓުތަކުގެ އިންގްރީޑިއަންޓްސްގެ ރިސާޗަކުންނެވެ. އެގޮތުން މި ސަރަހައްދުގެ މީހުންގެ މެދުގައި މަގުބޫލު ހުދާއި ބިއުޓީ އަދި މެކް ގެ އެކި ޕެލެޓުގައި ބޭނުންކޮށްފައިވާ އިންގްރީޑިއަންޓްސް ރިސާޗް ކުރިކަމަށް ސާރާ ބުންޏެވެ. އަދި އެ ރިސާޗްގެ އަލީގައި ކެނެޑާ އަދި ސިންގަޕޫރުގެ ފަސް ފެކްޓްރީއަކަށް މި ޕެލެޓު ހެދުމަށް މެއިލް ކުރި ކަމަށް ސާރާ ކިޔައިދިނެވެ.

"އަޅުގަނޑު ކޮންޓެކްޓު ކުރިން ފަސް ފެކްޓްރީ އާ. އެތަނުން އެންމެ ރަނގަޅުވީ ސިންގަޕޯގެ ފެކްޓްރީއެއްގެ ސާމްޕަލްތައް. އަޅުގަނޑު ބޭނުންވި ގޮތަށް އެ ސާމްޕަލްގައި ޕިގްމަންޓުތަކާ ހުރިހާ ކަމެއް ހުރި." ސާރާ ކިޔައިދެވެ.

ޕެލެޓް ޑިޒައިންކޮށް، ނަން ކަނޑައަޅައި، ވަކިވަކި ކުލަތަކަށް ނަން ދީފައިވަނީ ޕެލެޓްގެ ހިތްހަމަ ޖެހޭ ސާމްޕަލެއް ލިބުމުން ކަމަށް ސާރާ ކިޔައިދިނެވެ.

މޫދު ޕެލެޓް

ސޯޝަލް މީޑިއާގައި އެކްޓިވް މީހުންނަށް މޫދު ޕެލެޓަކީ އާ އެއްޗަކަށް މިހާރަކު ނުވާނެއެވެ. އެތައްބައެއްގެ ތައުރީފު ލިބިފައިވާ މި ޕެލެޓާއި ގުޅިގެން އާންމުންގެ އެކި ސުވާލުތައްވެސް ވަނީ ކުރިމަތިވެފައެވެ.

މިކަހަލަ އެކި ސުވާލުތަކަށް ސާރާގެ ފަރާތުން ވަނީ ޖަވާބު ލިބިފައެވެ. ސާރާ ކިޔައިދިން ގޮތުގައި މި ކުލަތަކަށް ސާރާ ދޭން ބޭނުންވީ ދިވެހި ނަންތަކެވެ. އެގޮތުން ޕެލެޓްތައް ތައްޔާރު ކުރި ފެކްޓްރީގެ އެހީއާ އެކު ޕެލެޓުގައި ހިމަނާނެ ކުލަތައް ފައިނަލް ވުމުން، ޕެލެޓްގެ ކުލަތަކަށް ނަން ދީފައިވަނީ ބޮޑުބޭބެގެ އެހީތެރިކަމާއެކު ކަމަށް ސާރާ ކިޔައިދިނެވެ.

ދިވެހި ސީނަރީއެއް ސިފަވާ ގޮތަށް އެކުލަވާލި މި ޕެލެޓުގައި ފައްޓަރުގެ ނަން ދެވިފައިވާ ރަން ކުލަ ހިމަނާފައިވަނީ މި ކުލައިގެ ސަބަބުންކަން ސާރާ ފާހަގަ ކުރިއެވެ. އެގޮތުން މި ރަން ކުލައަކީ ދިވެހި ފައްޓަރާ ގުޅުން ހުރި، ކުލަ ފެނުމުން ރަން ފައްޓަރު މަތިން ހަނދާންވާނެ ނަމެއް ކަމަށް ސާރާ ބުންޏެވެ. މީގެ އިތުރުން ކާށިގެ ނަމުން ނަން ދީފައިވާ ކުލައަކީ ހުސް ނޫ ކުލައިގެ ޝޭޑް ހިމެނޭ ޕެލެޓުގައި ބޭސް ކުލައެއް ހިމެނުމުގެ ވިސްނުމުގައި ހިމެނި ކުލައެއް ކަމަށް ސާރާ ކިޔައިދިނެވެ.

މުޅިންހެން ދިވެހި ނަންތައް ބޭނުންކޮށްފައިވާ މި ޕެލެޓްގައި ލޫކާ އަދި ލައެލްގެ ނަމުން ދެ ކުލަ ހިމަނާފައި ވެއެވެ. މި ދެ ނަމަކީ ޕެލެޓް ރީސާޗް ހެދި ދުވަސްވަރު އުފަންވި ސާރާއާ ދެބޭންގެ ދެދަރި ކުދިންނަށް ކިޔާ ދެ ނަންކަން ސާރާ ފާހަގަ ކުރިއެވެ. އަދި މި ދެ ކުލައަކީ އެ ދެކުދިންގެ ނަމުން ނަން ދީފައިވާ ދެ ކުލަ ކަމަށް ސާރާ ކިޔައި ދިނެވެ.

މީގެ އިތުރުން މި ޕެލެޓް ތައާރަފު ކުރުމުގައި ވަރަށް ބޮޑެތި ލަސްތަކާ ކުރިމަތިވިކަން ސާރާ ފާހަގަކުރެ އެވެ. މުޅި ޕެލެޓްގެ މަސައްކަތް އެއްކޮށް ނިމި، ޕެލެޓްތަކުގެ ފުރަތަމަ ޝިޕްމަންޓު ރާއްޖެއަށް ގެނައުމަށް ފުރަތަމަ ހަމަޖެއްސީ މިއަހަރުގެ މާޗް މަހަށެވެ. ސާރާ ކިޔައިދިން ގޮތުގައި މުޅި މި މަސައްކަތުގައިވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް 19ގެ ބަލިމަޑުކަމެވެ. މުޅި ދުނިޔެ ބަންދުވެ، ދަތުރުފަތުރުތައް ހުއްޓުމަކަށް އައުމާއެކު، ސާރާގެ މި މަސައްކަތް ބޮޑުތަނުން ފަސްކުރަން ޖެހުނެވެ.

އިތުރު ޕްރޮޑަކްޓްސްތައް އެބަހުރި، އިންޓަނޭޝަނަލް ޝިޕްމަންޓްގެ މަސައްކަތް ވަނީ ފަށާފައި

ކޯމަސް ބިއުޓީގެ ފުރަތަމަ ޕްރޮޑަކްޓުގެ ގޮތުގައި މާކެޓަށް ތައާރަފުކުރުމަށް ނިންމީ ހަމައެކަނި އައި ޝެޑޯ ޕެލެޓެއް ނޫނެވެ. ނަމަވެސް އައި ޝެޑޯ ޕެލެޓާއެކު ތިން ކުލައެއްގެ ލިޕްސްޓިކް ނެރުމުގެ ހިޔާލު ގެންގުޅުނު ކަމަށް ސާރާ ބުނެއެވެ.

މިކަން މަޑުޖައްސާލަން ޖެހުނީ ލިބުނު ލިޕްސްޓިކް ސާމްޕަލްތައް އެންމެ ބޭނުން ގޮތަށް ނުހުރުމުން ކަމަށް ސާރާ ކިޔައިދިނެވެ. އަދި ލިޕްސްޓިކްތައް ނެރޭނީ އިތުރު ރިސާޗާއި ޓެސްޓުތަކަކަށް ފަހު ކަމަށް ސާރާ ބުންޏެވެ. އެގޮތުން ކޯމަސް ބިއުޓީން މަސައްކަތް ކުރާނީ އަބަދުވެސް އެންމެ ރަނގަޅު ކޮލެޓީގެ ޕްރޮޑަކްޓު މާކެޓަށް ގެނައުމަށް ކަމަށާއި، ލިޕްސްޓިކް ލަސްވީ ބޭނުން ކޮލެޓީއަށް ނުވުމުން ކަމަށް ވެސް އޭނާ ބުންނެވެ.

މިހާރު މިޕެލެޓްތަކަށް އޯޑަރު ނަގަން ފަށާފައިވާއިރު، މާލެ އަދި ހުޅުމާލެއަށް ޑެލިވަރީ ކޮށްދޭން ވަނީ ނިންމައިފަ އެވެ. ދެމަސްދުވަހުގެ ތެރޭ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މި ޕެލެޓު ޝިޕް ކުރަން ފަށާނެ ކަމަށާއި ބޭރުގައި ދިރިއުޅޭ ދިވެހިންވެސް މި ޕެލެޓު ގަތުމަށް އެދެމުންދާތީ، އިންޓަނޭޝަނަލް ޝިޕިން ވެސް ފެށުމަށް މަސައްކަތް ކުރާ ކަމަށް ސާރާ ބުންޏެވެ.

މި ޕްރޮޑަކްޓަކީ ރާއްޖޭގެ މޭކަޕް ދުނިޔޭގެ މުޅިން އާ ސަފްހާއެއްގެ ފެށުމެވެ. ސާރާ ވަނީ ކުރިއަށް އޮތްތާގައި މި ބްރޭންޑުގެ އިތުރު ޕްރޮޑަކްޓުތައް މާކެޓަށް ނެރުމުގެ ޕްލޭން އޮތް ކަމަށް ބުނެފައެވެ. ނަމަވެސް އެކަން އޮތީ މޫދު ޕެލެޓުގެ ކާމިޔާބާއެކު ކަމަށް ސާރާ ބުންޏެވެ. ސާރާ ބޭނުންވަނީ މި ޕެލެޓް ގަންނަ އެންމެން މި ކުލަތައް ބޭނުންކޮށްގެން ކުރާ މޭކަޕް ލުކްތައް ދެކިލާށެވެ. އަދި އާންމުން މި ޕެލެޓާ ގުޅޭ ގޮތުން ދެކޭ ގޮތް އެނގުމަކީ ސާރާ ވަރަށް ބޭނުންވާ ކަމެކެވެ.