ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ އޮފިޝަލް އިންސްޓަގްރާމު އެކައުންޓްގެ ފްލޯވާސްގެ އަދަދު 50 މިލިއަނަށް އެރުމާ ގުޅިގެން އޭނާ އެކަން ފާހަގަކޮށްފިއެވެ.

އެގޮތުން 50 މިލިއަން ފްލޯވާސް ހަމަވުމާ ގުޅިގެން އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި އާލިއާ ވަނީ އޭނާގެ އާއިލާއިންނާއި އޭނާގެ ސަޕޯޓަރުން އޭނާއަށް ދޭ ހިތްވަރު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. އާލިއާ ވަނީ އެ 50 މިލިއަން ފްލޯސް އަކީ އޭނާއަށް 50 މިލިއަން މީހުން ދިން ލޯބީގެ ގޮތުގައި ސިފަކޮށްފައެވެ.

ބޮލީވުޑްގެ ބަތަލު ސުޝާންތު ސިންގު ރާޖުޕުތުގެ މަރާއި ގުޅިގެން އާއްމުން ވަނީ އާލިއާ ބަޓް ފަދަ މަޝްހޫރު ފިލްމީ އާއިލާތަކަށް ނިސްބަތްވާ ފަންނާނުން ބޮއެކޮޓް ކުރުމަށް ގޮވައިލައިފައެވެ. އާއްމުންގެ ނަފުރަތަށް ކެތް ނުވެގެން އާލިއާ ވަނީ އޭނާ އިންސްޓަގްރާމުގައި ހިއްސާ ކުރާ ޕޯސްޓްތަކަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދައިފައެވެ.

އާލިއާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އަދިތިޔާ ރޯއީ ކަޕޫރު އަދި ސަންޖޭ ދަތު އާއި އެކު "ސަޅަކް2" އިންނެވެ.