އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓްހަމް ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މިރޭ ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ ނަތީޖާއިން ސިޓީ މާޔޫސްވެގެން ދިޔައިރު، އިތުރަށް ޕެޕް ގާޑިއޯލާގެ ކަންބޮޑުވުމަށްވީ ޓީމުގެ މުހިއްމު ފޯވަޑް ސާޖިއޯ އަގުއޭރޯއަށް އަނިޔާގެ މައްސަލަ ދިމާވުމުންނެވެ.
އަގުއޭރޯއަށް މިދިޔަ ސީޒަނުގައި ލިބުނު އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރި އައީ އަދި މިދިޔަ ހަފުތާގައެވެ. ހަތަރު މަހަށްފަހު އަގުއޭރޯ އެނބުރި އައިސް އާސެނަލްއާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގެ ބޮޑު ބައެއް ކުޅުނު އިރު، މިރޭގެ މެޗުގައި އަގުއޭރޯ ފަށާފައިވެއެވެ. ސިޓީގެ ބްރެޒިލް ފޯވަޑް ގެބްރިއަލް ޖީސަސް ވެސް އަނިޔާގައި ހުރި އިރު، 32 އަހަރުގެ އަގުއޭރޯގެ ފައިގެ މަސްގަނޑަށް މިރޭގެ މެޗުގައި ލިބުނު އަނިޔާގެ ތަފްސީލު އެނގޭނީ މާދަމާއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެސްޓްހަމްއިން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލަކީ ލަޑިމިއާ ކޯފަލް، އަރިމަތިން ނަގައިދިން ހުރަހުން އޯވާހެޑެއް ޖަހައިގެން މެޝޭލް އެންތޯނިއޯ ވައްދާލި ގޯލެކެވެ. ސިޓީއަށްވުރެ ރަނގަޅަށް ފުރަތަމަ ހާފުގައި ކުޅުނީ ވެސްޓްހަމްއިންނެވެ. ކެވިން ޑިބްރޭނާއާ ނުލައި މެޗު ފެށި ސިޓީގެ މެދުތެރެއިން އެންމެ އެކަށޭނެ ފުރުސަތުތަކެއް އުފައްދަން މަސައްކަތް ކޮށްފައެއް ނުވެއެވެ. އެޓޭކަށް ތަނަވަސްކުރި ބޯޅަތައް ފެނުނީ މަދުކޮށެވެ.
ދެވަނަ ހާފަށް ސިޓީ ނުކުތީ ފިލް ފޯޑަންއާ އެކުގައެވެ. އޭނާގެ އުފެއްދުންތެރިކަން ފެންނަން މާ ގިނަ ވަގުތެއް ނުނަގައެވެ. ފޯޑަންގެ ގޯލާއެކު ދެވަނަ ހާފުގެ ކުރީކޮޅުގައި ސިޓީން ނަތީޖާ ހަމަހަމަކޮށް، ފުރުސަތުތައް އުފައްދަން ފެށިއެވެ. ރަހީމް ސްޓާލިންއަށް ފަހު ހާފުގައި ލިބުނު ތިން ފުރުސަތެއް އޭނާ ނަގާލި އިރު، ޑިބްރޭނާ ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެ، ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ސިޓީއަށް އޭގެ ފުރުސަތެއް ނިންމައިލެވޭ ގޮތް މިރޭގެ މެޗުގައި ވެފައެއް ނުވެއެވެ.
މިރޭގެ މެޗުން އެއްވަރުވެ ސިޓީ އޮތީ ތާވަލުގެ 12 ވަނަައިގައެވެ. އެޓީމަށް ފަސް މެޗުން އަށް ޕޮއިންޓް ލިބިފައިވާ އިރު، ވެސްޓްހަމްއަށް ހަ މެޗުން ލިބުނު އަށް ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ 11 ވަނައިގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު