(22 އޮކްޓޫބަރުގެ އަދަދާ ގުޅޭ)
"އަޅުގަނޑަކީ ޝާޢިރެއް ނޫން. އެތާނގައި އަޅުގަނޑުކީ ޅެމަކީވެސް އެހެން މީހެއްގެ ޅެމެއް. މީގެފަހަކުން އެކަހަލަ ކަމެއްވެސް ނުކުރާނަން."
إدريس އެހައިތަނުން އޭނާގެ އަސްމަތީގައި ދަތުރު ފަށްޓަވައިފިއެވެ. سعـد އާއި أحمـد އާއި، حسن އާ ތިންބެއިން އެބޭފުޅުންގެ ބަގީޗާއަށް ވެދެވަޑައިގެންފިއެވެ.
ދޮރޯށީގެ ކުރިމަތީގައި މަޑުކޮށްފައިއޮތް ބައްގީއެއް (ބަންދުކުރެވޭގޮތަށް ހަދާފައި ހުންނަ އަސްގާޑިޔާ) އޮތެވެ. ބައްގީގެ ކައިރީގައްޔާއި އަސްގުދަނުގައި އެގޭގެ އަސްތައް ނޫން އެހެން އަސްތަކެއް ތިއްބައި ފެނުމުން المــــاس ބުންޏެވެ. "މެހުމާނުންގެ ބަޔަކު އައީބާ؟"
ހުދުކުލައިގެ އަހެއް ފާހަގަކުރެއްވިގެން سعـد އޭނާގެ ކޮއްކޮމެންގެ އަރިހުގައި ވިދާޅުވިއެވެ. "މިއަސް ހީވަނީ ޅިޔަންބޭބެގެ އަސްހެން. މިބައްގީ އަކީވެސް ޅިޔަންބޭބެގެ ބައްގީ."
ގޭތެރެއިން ނޯކަރަކު ނުކުމެއްޖެއެވެ. المــــاس ސުވާލުކުރުމުން އޭނާ ބުންޏެވެ. "سعـد ގެ ޅިޔަންބޭބެ ވަޑައިގެން އެބައުޅުއްވާ. އޭނާގެ އިތުރަށްވެސް މެހުމާނުން އެބަތިއްބެވި. އެބޭފުޅުން ތިއްބެވީ މަރިޔާދުގޭގައި."
سعـد حسن އާ ދިމާއަށް حسن سعـد އާ ދިމާއަށް ބައްލަވައިލެއްވިއެވެ. ދެބޭފުޅުންކުރެ އެއްބޭފުޅަކުވެސް މެހުމާނުންގެ ކުރިމައްޗަށް ވަޑައިގަންނަވާކަށެއް ބޭނުންފުޅެއް ނޫނެވެ. އެހެންކަމުން އެދެބޭފުޅުން މަރިޔާދުގޭގެ ކުރިމަތީން ވަޑައިގަތުމުގެ ބަދަލުގައި ބަގީޗާގެ ތެރެއިން ވަށައިލައްވައިފައި ވަޑައިގެން އެހެން ދޮރަކުން ގޭތެރެއަށް ވެދެވަޑައިގެންފިއެވެ. ޚާދިމާއަށް އެދެބޭފުޅުން ފެންނައިރަށް ހަޅޭއްލަވައިގަތެވެ. "ކީއްތޯވެފައި ތިޔަތިއްބެވީ ތިޔަބޭފުޅުންނަށް؟ ކާކު ތިޔަބޭފުޅުންގެ ގައިކޮޅުގައި ތެޅީ. ތިޔަބޭފުޅުންގެ ބޮޑުދައިތަ ވަޑައިގެން އެބައުޅުއްވާ. ތިޔަގޮތަށް ތިއްބަވަނިކޮށް އޭނާއަށް ފެނިވަޑައިގެންފިނަމަ ވިދާޅުވާނީ ކީކޭތޯ؟"
سعـد އާއި حسن އާ ދެބޭފުޅުން ތިއްބެވީ މަންމަ އަރިހަށް ވަޑައިގަންނަވާންވެސް ބިރުފުޅުންނެވެ. އެހެންކަމުން ބޮޑުދައިތަ ވަޑައިގެން އިންނެވި ޚަބަރު ލިބިވަޑައިގަތުމުން އެދެބޭފުޅުންނަށް ހުއްޓުން އަރައިފިއެވެ. އެދެބޭފުޅުންގެ މަންމަ ކޮޓަރިތެރޭގައި އޭނާގެ ދައިތަޔާއެކު ވާހަކަ ދައްކަވަން އިންނެވިއެވެ. ޚާދިމާގެ އަޑު އިވިވަޑައިގެންނެވުމުން އޭނާ ބޭރަށް ނިކުމެވަޑައިގެންފިއެވެ. "ކީއްތަވީ؟" އޭނާ ސުވާލު ކުރެއްވިއެވެ.
حسن ބިރުފުޅުން އަނެއްފަރާތަށް އެނބުރިވަޑައިގެންފިއެވެ. ނަމަވެސް سعـد ހިސާބަކަށް ޖެހިލުން ކުޑަކޮށްލައްވައިފައި ޖަވާބު ދެއްވިއެވެ. "ކަމެއްނުވޭ މަންމާ! އަޅުގަނޑުމެން ކުދިބަޔަކާ ހިފީ."
"ހިފީކީ ނޫން. ތިޔަ އައީ ބަޔަކާ ތޮޅެ ހަނގުރާމަކޮށްފައި. ބަލާލަބަލަ ވެފައި ތިޔަތިބިވަރު. ތިޔަކުދީންގެ ބޮޑުދައިތަ ވަޑައިގެން އެބައިންނެވި. އޭނާ ހީފުޅުކުރައްވާނީ ކީކޭ؟"
أحمـد ވިދާޅުވިއެވެ. "ކުއްޖަކު ބޭބެއާ ހިފައިގަތީ. ނަމަވެސް އެކުއްޖާ ބޭބެގެ މޫނުމަތީ ގޮށްމުށްކަފާވައި ޖެހީ. ބޭބެވެސް އޭނާއާ ރަނގަޅަށް ތަޅައިލެއްވީ."
އެހައިތަނަށް ދިޔައިރު ބޮޑުދައިތަވެސް ބޭރަށް ނިކުމެވަޑައިގެންފިއެވެ. އޭނާ ހިނިފުޅުވަޑުވަމުން އެބޭފުޅުންގެ އަރިހަށް ވަޑައިގަތުމުން سعـد އާއި أحمـد އާ ދެބޭން އޭނާއާ ސަލާންކުރައްވައިފިއެވެ. ނަމަވެސް حسن އޭނާ ހުންނެވިތަނުން ގުޑައެއް ނުލެއްވިއެވެ. މަންމަ ވިދާޅުވިއެވެ. "حسن ދަރިފުޅު ބޮޑުދައިތައަކާ ސަލާމެއް ނުކުރަމުތަ؟" حسن މޫނު އަނެއްފަރާތަށް އަނބުރައިލައްވައިގެން ހުންނަވައި މަޑުމަޑުން "السّلام عليكم ދައިތާ!" މިހެން ވިދާޅުވެލައްވައިފިއެވެ. މަންމަ އަނެއްކާވެސް ވިދާޅުވިއެވެ. "حسن މިފަރާތަށް އެނބުރިބަލަ!"
حسن އޭނާގެ މަންމަގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގެންނެވިއެވެ. ބޮޑުދައިތައާ ދިމާއަށް އެނބުރިވަޑައިގެންފިއެވެ. ނަމަވެސް ދެއަތްޕުޅުން މޫނު ފޮރުއްވައިފިއެވެ. ބޮޑުދައިތަ ވަޑައިގެން حسن ގެ މޫނުފުޅުމަތީން އޭނާގެ އަތް ދުރުކޮށްލެވޭތޯ އުޅުއްވިއެވެ. ނަމަވެސް حسن ގައިކޮޅުގައި ހުރި ހުރިހައި ބާރެއްލައްވައިފައި މޫނު ފޮރުއްވާން މަސައްކަތް ކުރެއްވިއެވެ. މަގުމަތީން އެތައްފަހަރަކު أحمـد އޭނާގެ އަރިހުގައި ވަނީ ވިދާޅުވެފައެވެ. ކޮއްކޮގެ މޫނުމަތީގައި ބޭބެގެ މޫނުފުޅަށްވުރެ މާގިނަ އެތިފަހަރުގެ ނިޝާން އެބަހުއްޓެވެ. حسن މޫނު ފޮރުއްވަނީ އެހެންވެގެންނެވެ.
މަންމަ އަމުރުފުޅުގެ ރާގުގައި ވިދާޅުވިއެވެ. "حسن އަތް ތިރިކުރޭ!"
حسن އަތްތިރިކޮށްލައްވައިފައި އިސްދަށަށް ޖައްސަވައިލެއްވިއެވެ.
حسن ގެ މަންމަ ވިދާޅުވިއެވެ. "ދައިތާ! މީނާ މިދެމީހުންނަށްވުރެ މާލާނެތް!"
ބޮޑުދައިތަ ގުދުވެވަޑައިގެން حسن ގެ މޫނު ބައްލަވައިލެއްވިއެވެ. އެއަށްފަހު ލޯބިފުޅުން حسن ގެ އިސްތަށިފުޅުގައި އަތްޕުޅު ފިރުމައިލައްވަމުން ވިދާޅުވިއެވެ. "ކޮއްކޯ! އޭނާއާ ދިމާއަށް އެއްޗެކޭ ވިދާޅުނުވޭ! އޭނާއާ ދިމާއަށް އެއްޗެކޭ ވިދާޅުނުވޭ! މިއަދު އަންދަލުސުއަށް ބޭނުންވެފައިވަނީ މިކަހަލަ ކުދީން. ދަރިފުޅާ حسن! އެކުއްޖާ ޖެހީމާ ދަރިފުޅު ފިލައިގެން އައީތަ، ތިޔަހައި ކަންބޮޑުވެފައި ތިޔަހުރީ؟ އެހެންނޫނީ ތިޔަހައި ކަންބޮޑުވާނެ ކަމެއްނެތް."
"އަޅުގަނޑު އައީކީ ފިލައިގެނެއް ނޫން." حسن ތަންކޮޅެއް ބާރަށް ވިދާޅުވިއެވެ.
"އެހެންވީއިރު ތިޔަހައި ކަންބޮޑުވެފައި ތިޔަހުރީ ކީއްވެ؟"
أحمـد ވިދާޅުވިއެވެ. "ބޮޑުދައިތާ! حسن ކަންބޮޑުފުޅުވީ އޭނާއަށް އޮޅިގެން ކުއްޖެއްގެ ގައިގައި ތަޅައިގެންނެވުނީތީ."
ބޮޑުދައިތަ ވިދާޅުވިއެވެ. "އެކަމަކު އެކުއްޖާވެސް ވަކި ދެރައެއް ނޫނެއްނު؟ މީނާގެ ލޯ ސަލާމަތްވީތީވެސް ޝުކުރު ހުރި."
حسن ވިދާޅުވިއެވެ. "އެކުއްޖާގެ ލޮލަށް އަޅުގަނޑުގެ ލޮލަށްވުރެ މާބޮޑުވަރުވި. އެތާ ދެކުދީން ތިބި. އެންމެ ބޮނޑިއެއް ޖަހައިލުމުން އެއްކުއްޖެއް ފިލައިގެން ހިނގައްޖެ."
* * * * * * * * * * *
سعـد އާއި أحمـد އާއި حسن އާ ތިންބޭފުޅުންނަކީ ޤުރުޠުބާގެ ވަރަށް ވަރަށް ޤަދަރުހުރި އާއިލާއެއްގެ ތިންބޭފުޅުންނެވެ. އެބޭފުޅުންގެ ބައްޕަ عبــدالمنـعـــم އަކީ އޭނާގެ އާއިލީ ޝަރަފުގެ އިތުރަށް މުއްސަނދިފުޅުކަމާއި ނުފޫޒުގެ ސަބަބުން ޤުރުޠުބާގެ ހޮވައިލެވޭ އަމީރުންގެ މަދުބޭފުޅުންކުރެ އެއްބޭފުޅެކެވެ. ޤުރުޠުބާގައި އޭނާގެ ވަރަށްގިނަ ބަގީޗާތަކާއި ދަނޑުފަގާއި ހަރުމުދާ ހުރެއެވެ.
މީގެއިތުރަށް އޭނާއަކީ އަހުގެ ވިޔަފާރިއަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އެވިޔަފާރީގެ ބޭނުންފުޅުގައި އޭނާވަނީ މޮރޮކޯއަށާއި، މިސުރަށާއި، ޢަރަބިކަރައަށާއި، އަދި އެނޫންވެސް އެތައް އެތައް ޤައުމަކަށް ވަޑައިގެންފައެވެ.
އެއްފަހަރަކު عبــدالمنـعـــم އަހުގެ ވިޔަފާރި ދަތަރުފުޅެއްގައި ސައިޕުރަހަށް ވަޑައިގެންނެވިއެވެ. ސައިޕުރަހުން އޭނާއާ ޝާމުކަރައިގެ ވަރަށްބޮޑު ވިޔަފާރިވެރިއަކާ ބައްދަލުވެވަޑައިގެންނެވިއެވެ. އެވިޔަފާރިވެރިޔާ عبــدالمنـعـــم ގެ އަރިހުގައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ކޮއްކޮ ވަނީ ކުޑަދުވަސްކޮޅެއްގެ ކުރީން އަވަހާރަވެފައި. އޭނާއަކީ ސައިޕުރަސްގެ ކަނޑުގެ ސިފައިންގެ ކެޕްޓަނެއް. އޭނާ އަވަހާރަވީއިރު އޭނާގެ ދެއަންހެންބޭފުޅުން ތިއްބެވި. އަނބިކަނބަލަކުވެސް އިންނެވި. އަންދަލުސުގެ ޣަރުނާޠާގެ ވަރަށް މުއްސަނދިފުޅު އަމީރަކު ވަނީ ދޮށީ ދަރިކަނބަލުންނާ ކާވެނިބައްލަވައިގެންފައި. އެއީ މީގެ ދުވަސްކޮޅެއްގެ ކުރީން ޙައްޖަށް ވަޑައިގެންނެވި ބޭފުޅެއް. ޙައްޖުން އެނބުރި ވަޑައިގެންނެވި ދަތުރުފުޅުމަތީގައި އޭނާގެ ނަވަށް ހާދިސާއަކާ ކުރިމަތިވި. އޭރު އަޅުގަނޑުގެ ކޮއްކޮ އޭނާގެ ނަވުގައި ކަނޑުފޭރޭ ބަޔަކު އަތުލައްވަން އެބައިމީހުންގެ ފަހަތުން ދަތުރުކުރައްވަނީ. އޭނާގެ ނަވަށް އެހިސާބަށް އާދެވުމުގެ ސަބަބުން އަންދަލުސުގެ ނަވުގެ މީހުންގެ ފުރާނަ ސަލާމަތްވި. ކޮއްކޮ އަންދަލުސުގެ މުސްލިމުން ސައިޕުރަހަށް ގެންދެވި. އެރަށުގައި ތިއްބެވި ތިއްބެވުމުގައި ޣަރުނާޠާގެ ރައީސް ކޮއްކޮގެ ދޮށީ ދަރިކަނބަލުންނާ ކާވެނިބައްލަވައިގެންނެވީ. މިހާރު އަޅުގަނޑުގެ ފަހަރިކޮއްކޮ ބޭނުންފުޅުވަނީ ކޮއްކޮގެ ހަގު ދަރިކަނބަލުންވެސް ގޮވައިގެން ދޮށީ ދަރިކަނބަލުންގެ އަރިހަށް ޣަރުނާޠާއަށް ވަޑައިގަންނަވަން. އެހެންކަމުން އަޅުގަނޑު އެދެނީ ކަލާ އެ އުނދަގޫފުޅު އުފުއްލަވައިދެއްވުން."
عبــدالمنـعـــم ޖަވާބު ދެއްވިއެވެ. "ތިޔަކަމަކީ އަޅުގަނޑަކަށް އެއްގޮތަކަށްވެސް އުނދަގުލަކަށް ނުވާނެ. އަނެއްކާ މިފަހަރު އަޅުގަނޑުގެ ނާ ދަނީވެސް ވަރަށް ހުސްކޮށް."
ވިޔަފާރިވެރިޔާ ވިދާޅުވިއެވެ. "ބައެއް މަޖުބޫރީތަކާހުރެ އަޅުގަނޑަކަށް އެބޭފުޅުންގެ އަރިހުގައި ދެވޭކަށެއް ނެތް. އަޅުގަނޑުގެ ކޮއްކޮގެ ވަރަށް ވަފާތެރި ނޯކަރެއް އެބޭފުޅުންގެ އަރިހުގައި ދާނެ. ކަލާ އެބޭފުޅުން މާލިޤާއާ ހަމައަށް ގެންގޮސްދެއްވާ. އޭރުން އެބޭފުޅުން އަމިއްލަފުޅަށް ޣަރުނާޠާއަށް ވަޑައިގެންފާނެ."
عبــدالمنـعـــم ވިޔަފާރިވެރިޔާއަށް ތަސައްލީ ދެއްވަމުން ވިދާޅުވިއެވެ. "ކަލާ ހިތްޕުޅު ހަމަޖައްސަވާ! ޚުދު އަޅުގަނޑު އެބޭފުޅުންގެ އަރިހުގައި ޣަރުނާޠާއަށް ދާނަން."
عبــدالمنـعـــم އެ އަންހެންބޭފުޅުންނަށްޓަކައި އޭނާގެ ނަވުގެ އެއްބައިގައި ފަރުދާގެ އިންތިޒާމު ހަމަޖައްސަވައިދެއްވިއެވެ. އެއަށްފަހު ތިންވަނައަށްވީ ދުވަހު އޭނާ ސައިޕުރަހުން ފުރައިވަޑައިގެންފިއެވެ.
ސަޤަލިއްޔާގެ އައްސޭރިފަށާ ކުޑަތަންކޮޅެއް ދުރުން ކަނޑުފޭރޭ މީހުންގެ ނަވެއް عبــدالمنـعـــم ގެ ނަވާ ދިމާކޮށްފިއެވެ. ނަވުގެ ކެޕްޓަނަކީ ތަޖުރިބާކާރު މާލިމީއެކެވެ. ޚުދު عبــدالمنـعـــم އަކީވެސް ނާފަހަރު ދުއްވުމުގެ ތަޖުރިބާ ވަރަށް ރަނގަޅަށް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ކަނޑުމަތީން ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް އޭނާގެ ނާ ފުރިހަމައަށް ތައްޔާރުކުރައްވައިފައެވެ. ހަނގުރާމައިގެ އެންމެ މޮޅު ހަތިޔާރުތައް ހަމަކުރައްވައިފައެވެ. ކެޕްޓަން ފިޔަވައި ނަވުގެ ކޮންމެ ފަޅުވެރިއަކުވެސް ވަނީ ކަނޑުމަތީގެ ހަނގުރާމަތަކުގައި ޢަމަލީގޮތުން ބައިވެރިވެފައެވެ.
ކަނޑުފޭރޭ މީހުންގެ އެންމެ ނަވަކީ މާބޮޑު ނުރައްކަލެއްކަމަކަށް عبــدالمنـعـــم ދެކެވަޑައެއް ނުގަންނަވައެވެ. ނަމަވެސް މިފަހަރުގެ ދަތުރަކީ އެހެންފަހަރުފަހަރާ ޚިލާފަށް "އަންހެން ދަތުރެއް" ކަމުގައިވާތީ ނަވުގައި އޭނާގެ ހަވާލުގައި ތިއްބެވި ދެ އަންހެންބޭފުޅުން ޙިމާޔަތްކުރެއްވުމަކީ އޭނާގެ އަރިހުގައި ނާ ރައްކައުތެރި ކުރެއްވުމަށްވުރެ މާމުހިންމު މައްސަލައެކެވެ.
ކަނޑުފޭރޭ މީހުންގެ ނާ ފެނުނީ ހަވީރުވުމުގެ ތަންކޮޅެއް ކުރީންނެވެ. عبــدالمنـعـــم ކެޕްޓަނަށް އެންގެވީ ކަނޑުފޭރޭ މީހުންގެ ނަވާ ޙަމަލާ ދިނުމުގެ ބަދަލުގައި އެނަވަށް އަތުނުވެ ކުރިއަރައިގެން ދެވޭތޯ މަސައްކަތް ކުރުމަށެވެ. ކެޕްޓަނާއި ފަޅުވެރީންގެ އިންތިހާދަރަޖައިގެ މަސައްކަތާއެކުވެސް ދެނާ ހައްތާދިޔައީ ކައިރިވަމުންނެވެ. އިރުއޮއްސުމާއެކު عبــدالمنـعـــم ގެ ނަވުގެ ކެޕްޓަން ރޭގަނޑުގެ އަނދިރިކަމުގެ ފައިދާ ހޯއްދަވާން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އިރުއެރިއިރު އަނެއްކާވެސް ކަނޑުފޭރޭ މީހުންގެ ނާ އިނީ عبــدالمنـعـــم ގެ ނަވާ ވަރަށް ކައިރީގައެވެ. އެހެންކަމުން عبــدالمنـعـــم ކެޕްޓަނާ މަޝްވަރާ ކުރެއްވުމަށްފަހު ހަނގުރާމަކުރައްވަން ކަނޑައަޅުއްވައިފިއެވެ.
ކަނޑުފޭރޭ މީހުން ހިތްހަމަޖައްސައިލައިގެން ތިބީ عبــدالمنـعـــم ގެ ނަވަށް ހަނގުރާމަކުރާން ނުކެރިގެން އުޅެނީ ކަމުގައެވެ. އެބައިމީހުން އެންމެފުރަތަމަ އުކި ދުނިތަކަށް عبــدالمنـعـــم ގެ ނަވުން ރައްދެއް ނުލިބުމުން އެބައިމީހުންގެ ހިތްވަރު އިހުނަށްވުރެ ގަދަވިއެވެ. ކަނޑުފޭރޭ މީހުންގެ ވެރިޔާ ވަރަށް ބާރަށް އޭނާގެ އެކުވެރީންނަށް އެންގިއެވެ. "މިއީ ވަރަށް އަގުހުރި ނަވެއް. ވީމާ ނަވަށް އެއްވެސް ގެއްލުމެންނުދީ އަތުލައިގަނެވޭތޯ މަސައްކަތް ކުރާތި؟" ނަމަވެސް ކަނޑުފޭރޭ މީހުންގެ ނާ ކައިރިއަށް އައުމާއެކު عبــدالمنـعـــم ގެ ނަވުން ދުނީގެ ވާރޭ ވެއްސަން ފަށައިފިއެވެ. ކަނޑުފޭރޭ މީހުންގެ ނަވުގެ ތައްޓުމަތީގައި ކަމަންދުތައް ހިފައިގެން عبــدالمنـعـــم ގެ ނަވާ ދިމާއަށް ފުމެން ތައްޔާރަށްތިބި މީހުންތައް ޒަޚަމުވެގެން ނަވުގެ ތައްޓުމައްޗަށް ތިރިވާން ފަށައިފިއެވެ. ހަމައެއާއެކު ކަނޑުފޭރޭ މީހުންގެ ނަވުގެ ރިޔާތަކަށް އަލިފާން ރޯވެފައިހުރި ތީރުތަކެއް ހެރިގެން ހިނގައްޖެއެވެ.
ކަނޑުފޭރޭ މީހުން ކުއްލިއަކަށް އެބައިމީހުންގެ ނަވުގެ މިސުރާބު ބަދަލުކޮށްލައިފައި عبــدالمنـعـــم ގެ ނަވުގެ ހުރަހަށް އެބައިމީހުންގެ ނާ ކޮޅުމައްޔަލަށް ގެންގޮސް ޖައްސަން މަސައްކަތް ކުރިއެވެ. ނަމަވެސް عبــدالمنـعـــم ގެ ހުޝިޔާރު ކެޕްޓަން ވަރަށް އަވަހަށް އޭނާގެ ނާ ދީލައްވައިފައި ނަންގަވައިގެންނެވިއެވެ. ކަނޑުފޭރޭ މީހުންގެ ނާ عبــدالمنـعـــم ގެ ނަވުގައި ކޮޅުމައްޔަލަށް ޖައްސައި ފުނޑުފުނޑުކޮށްލުމުގެ ބަދަލުގައި އެއްފަރާތަކުން ދެނަވުގެ ބަނޑުފިލާ ކޭއްތިގެންގޮސް އެއްނާ އަނެއްނަވާ ޖެހިއްޖެއެވެ. ކަނޑުފޭރޭ މީހުން ކަމަންދުތައް އުކައިލައިފައި عبــدالمنـعـــم ގެ ނަވަށް އަރައިގަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް عبــدالمنـعـــم ގެ ފަޅުވެރީންގެ ލޮންސިތަކާއި ކަނޑިތަކުގެ ކުރިމަތީގައި ފޭރޭމީހުންނަކަށް އެއްވެސް ގަދައެއް ނުދެއްކުނެވެ. ކަނޑުފޭރޭ މީހުންގެ އެތައްބަޔަކު ކުޑައިރުކޮޅެއްގެ ތެރޭގައި ޤަތުލުވެއްޖެއެވެ. އެބައިމީހުންގެ ނަވުގެ ރިޔާތަކުގައި ރޯވެފައިހުރި އަލިފާންވެސް ވަރަށް ބިރުވެރި ގޮތަކަށް ނަވުގައި ހިފައިފިއެވެ. عبــدالمنـعـــم ގެ ނާ ކަނޑުފޭރޭ މީހުންގެ ނަވުގައި ކޭއްތެމުން ކުރިއަށް އަރައިގެން ހިނގައްޖެއެވެ. ނަމަވެސް މާގިނައިރެއްނުވެ ކަނޑުފޭރޭ މީހުންގެ އަލިފާން ތީރުތަކުން عبــدالمنـعـــم ގެ ނަވުގެ ރިޔާތަކުގައިވެސް ރޯކޮށްލައިފިއެވެ. ރިޔާތަކުގައި ރޯވެފައިހުރި އަލިފާން ނިއްވައިލެވޭތޯ ފަޅުވެރީންގެ އެއްބަޔަކު މަސައްކަތް ކުރިއިރު ދެންތިބި މީހުން ގެންދިޔައީ ދުޝްމިނުންގެ އަނދަމުންދާ ނަވުން ކަނޑަށްފުމޭ މީހުންނަށް ދުނިދަނޑިން ޙަމަލާ ދެމުންނެވެ. ކަނޑުފޭރޭ މީހުންގެ ތެރެއިން ބައެއް މީހުން ބައްތެއްޔަކަށް އަރައިގެން ފިލައިގެންދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް عبــدالمنـعـــم ގެ ނަވުގެ މީހުން ސާޅަނގައިން ހިލައުކާން ފެށުމުން ތަންކޮޅަކަށް ދެވޭއިރަށް އެބައްތެލި ފެތިއްޖެއެވެ.
އެހައިތަނުން عبــدالمنـعـــم ގެ އެކުވެރީންވެސް ފިކުރު ބޮޑުވާން ޖެހިއްޖެއެވެ. އެބައިމީހުންކުރި އެއްވެސް މަސައްކަތަކުން އަލިފާންގަނޑު މައިތިރިވާގޮތެއް ނުވިއެވެ. އެންމެފަހުން ކެޕްޓަން އޭނާގެ އާރެއްބާރެއް ނެތްކަމަށް އިޢުތިރާފުވެލައްވަމުން ބުނުއްވިއެވެ. "ނާ ދޫކޮށްލުން ނޫން އެހެންގޮތެއް އަޅުގަނޑުމެންނަކަށް ދެން ހެދޭކަށެއް ނެތް!"
عبــدالمنـعـــم ގެ ނަވުގައި ދެބައްތެލި އޮތެވެ. ބައްތެލި ތިރިކުރެއްވުމަށްފަހު އޭނާ އަންހެންބޭފުޅުންގެ ނޯކަރަކަށް އެންގެވިއެވެ. "އަވަހަށް ބައްތެއްޔަށް އަރައިވަޑައިގަންނަވަން އަންހެން ބޭފުޅުންނަށް ދަންނަވާ!"
ނަވުގެ ފަޅުވެރީންގެ އެހެންމީހުން ފަދައިން عبــدالمنـعـــم ވެސް ޒަޚަމުވެފައިތިބި މީހުން ބައްތެއްޔަށް އުފުއްލެވިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދެބައްތެއްޔަށްވެސް އަނދަމުންދާ ނަވާ ދުރަށް ދަތުރު ފެށިއްޖެއެވެ. عبــدالمنـعـــم ސިހިވަޑައިގެންދިއުމާއެކު ވަށައިގެން ހޯއްދަވައިލެއްވިއެވެ. އޭނާ ހުންނެވި ބައްތެލީގައި އިންނެވީ އުމުރުން ދުވަސްފުޅުވެފައި އިންނެވި އަންހެން ބޭފުޅެކެވެ. އަނެއް ބައްތެއްޔަކުންވެސް އޭނާއަކަށް އަންހެނަކު ފެނިވަޑައެއް ނުގެންނެވިއެވެ. އޭނާ ހަޅޭފުޅުލައްވައިގެންނެވިއެވެ. "މަޑުކުރާށެވެ. ބައްތެއްޔާއިގެން ނާދޮށަށް ހިނގާށެވެ. ކަލާނގެ ކުޅަދުންވަންތަކަމެވެ. މަންމަޔަކު އޭނާގެ އަންހެން ދަރިފުޅުގެ މަތީންވެސް ހަނދާނެއް ނުވިއެވެ. އަވަސްކުރާށެވެ. ބައްތެލި އަނބުރައިލާށެވެ."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު