ލުއި ރިޕޯޓް

ދަރިފުޅު ރުޅިގަދަކަމުން ފިކުރުބޮޑުވަނީތަ؟ މިހުރީ މައިންބަފައިންނަށް ކުރެވިދާނެ ބައެއް ކަންކަން

އީމާ މުހައްމަދު ވަހީދު

ކުދިކުދި ކަންކަމުގައި ދަރިފުޅު މާ ފަސޭހައިން ރުޅި އަންނަނީ ހެއްޔެވެ؟ ތިޔަ ހުންނަނީ އެކަމާ ހަދާނެ ގޮތް ހުސްވެފައި ހެއްޔެވެ؟ ފުރާވަރަށް އަރާ ކުދިން ރުޅި ގަދަވާ މައްސަލައަކީ ގިނަ މައިންބަފައިން ކުރިމަތި ލާން ޖެހޭ ކަމެކެވެ. މައިންބަފައިން ރީއްޗަށް ރަނގަޅަކަށް ނަސޭހަތެއް ދިނަސް ދަރިފުޅު އެކަމާ މެދު ހިތްހަމަ ނުޖެހި ރުޅި އަތުވެދާނެއެވެ. ޒުވާން އުމުރުގައި ގިނަ ކުދިން ފަސޭހައިން ރުޅިއަންނަ މައިގަނޑު އެއް ސަބަބަކީ ރުޅި އައުމުން އެ ކުރެވޭ އިހްސާސް އެހެން މީހުންނާ ހިއްސާ ނުކުރެވި ހިތު ތެރޭގައި ބާއްވަން ޖެހެމެވެ. އެކަމުގެ ނަތީޖާއަކަށް ވަނީ ރުޅި އަންނަ ވަގުތު އެ ކޮންޓްރޯލު ކުރަން ގިނަ ކުދިންނަށް ނޭނގުމެވެ.

ފުރާވަރަށް އަރާ ކުދިން ފަސޭހައިން ރުޅި އަންނަ ނަމަ އެ ރުޅި ކޮންޓްރޯލު ކޮށް ރުޅި މަޑުކުރަން މައިންބަފައިންނަށް އެހީތެރި ވެދެވޭނެއެވެ. ދަރިފުޅު ގިނަ ފަހަރަށް ރުޅީގެ ސިފައިގައި އެ ބޭރުކޮށްލަނީ މީހުންނާ ހިއްސާ ނުކޮށް ނުވަތަ ހިއްސާ ނުކުރެވި ހުންނަ އިހްސާސްތަކެވެ. އެހެންކަމުން މައިންބަފައިންނަށް ދަރިފުޅު އެކަމުން އަރައިގަންނަން ގިނަ ކަންތައްތަކެއް ކޮށްދެވިދާނެއެވެ.

ދަރީންނަށް ރުޅި މަޑުކޮށް އެ އަންނަ ރުޅި ކޮންޓްރޯލު ކުރަން ދަސްކޮށްދޭން ބޭނުންވާ ނަމަ، ދަރިފުޅު ރުޅި އައިސް ހުރި ސަބަބު މައިންބަފައިން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. މަންމަ ރަނގަޅަކަށް ދަރިފުޅަށް ނަސޭހަތެއް ދޭ ވަގުތު އެކުއްޖާ ރުޅިއައިސްފި ނަމަ އިތުރަށް ކުއްޖާއާ ދިމާއަށް އެއްޗެހި ކިޔުމުގެ ބަދަލުގައި ދަރިފުޅު ރުޅި އައި ސަބަބު ބަލާށެވެ! ދަރިފުޅު ރުޅި އައުމުން އޭގެ މައްޗަށް މަންމަ ނުވަތަ ބައްޕަ ރުޅިއައުމުގެ ބަދަލުގައި ފުރަތަމަ ވާނުވާ އޮޅުން ފިލުވާށެވެ! ދަރިފުޅު ރުޅިއައިސް ހުރި ސަބަބު މައިންބަފައިންނަށް ހިއްސާކޮށް، ހިތުގައި ހުރި އިހްސާސްތައް ކިޔައިދިނުމުން ކުއްޖާއަށް ހިތްހަމަޖެހުން ލިބޭނެއެވެ. އަދި ކުދި ކުދި ކަންކަމުގައި ރުޅި އައުމުގެ ބަދަލުގައި މައިންބަފައިންނާ ކުރިމަތިލާން ޖެހޭ މައްސަލަތައް ކިޔައިދީ ރުޅި ކޮންޓްރޯލު ކުރަން ދަރިފުޅު މަޑު މަޑުން ދަސްކުރާނެއެވެ.

ދަރިންނާ އެކު ކޮންމެ ދުވަހެއްގެވެސް ވަކި ގޮތަކަށް ކޮންމެވެސް ކުޅިވަރެއް ކުޅެލައި މަޖާކޮށްލުމުގައި ހޭދަކޮށްލާށެވެ! މިސާލަކަށް މުޅި އާއިލާ އެކީ ފުޓްބޯޅަ ފަދަ ކުޅިވަރުތައް ގޭގައި އޮންނަ ހުސް ޖާގައިގަ ކުޅެލައި ނުވަތަ އެންމެން އެކީ ގެ ސާފުކޮށްލައި ހެދިދާނެއެވެ.ނ މާލޭގައި ނަމަ ގޭތެރޭގައި އެންމެން އެކީ ކުޅެލެވޭ ފަދަ ކެރަމް، ޗެސް ފަދަ ކުޅިވަރެއްވެސް ކުޅެވިދާނެ އެވެ. ނުވަތަ އެނޫންވެސް ޝައުގުވެރި ކަމެއްގައި ކުދީންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ! މަގުސަދަކީ ކުއްޖާ އެހެން ފިކުރުތަކުން ދުރުކޮށްލައި މައިންބަފައިންނާ އޮންނަ ގާތްކަން ބޮޑުކުރުމެވެ. މިފަދައިން ކަންތައްތައް ކުރުމުން ސްޓްރެސް ރިލީޒް ވެ ދަރިފުޅު ހިތްހަމަ ޖެހޭނެއެވެ. އޭރުން ކުދި ކުދި ކަންކަމުގައި ފަސޭހައިން ރުޅި އައުމުގެ އާދަވެސް މަޑުމަޑުން ނެތެމުން ދާނެއެވެ.

ދަރިފުޅު ރުޅި އައިސްގެން ރޯން ފެށުމުން ކުއްޖާ މަސަލަސް ކުރުމުގެ ނިޔަތުގައި ވެސް އެއްޗެހި ކިޔައި، ތިހެން ތިވީ މިވެނި ހެނެއް ހެދީމައޭ، އޭރުވެސް މަންމަ މިހެން ބުނީމެއް ނޫންހޭ، ބުނެ ދަރިފުޅު "ބްލޭމް" ނުކުރާށެވެ! ދަރިފުޅަށް ހަމަޖެހެން ވަގުތު ދޭށެވެ! ރޮއެގެންވެސް ކުއްޖާގެ ހިތުގައި ހުރި އުދާސްތައް ބޭރުކުރަން ފުރުސަތު ދޭށެވެ. ފުރާ ވަރަށް އަޅާ ކުދިންނަށް މައިންބަފައިން އެމީހުންގެ ހުރިހާ ކަމަކަށް ބަސްބުނެ އެކަނިވާނެ ފުރުސަތު ނުދޭނަމަ ވަރަށް އުނދަގޫވާނެއެވެ. އެފަދަ ކުދި ކަންކަން ފަހުން ވެގެންދާނީ ދަރިފުޅު ރުޅިގަދަވެ ރުންކުރު ވުމުގެ މައިގަނޑު ސަބަބަކަށެވެ. އެހެންކަމުން ދަރިފުޅު ރުޅިއައިސްގެން ގޯސްކަމެއް ނުކުރާހާ ހިނދަކު ދަރިފުޅަށް އެކަހެރިވާން ވަގުތު ދިނުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ. އެއަށްފަހު ހަމަޖެހިގެން ދަރިފުޅާ ވާހަކަ ދައްކާށެވެ! އޯގާތެރިކަމާއި ލޯތްބާ އެކު ވިސްނައި ދޭށެވެ! މިގޮތަށް ކަންކަން ކުރުމުން ދަރިފުޅަށް އަންނަ ބަދަލު އަމިއްލައަށްވެސް ފާހަގަވާން ފަށާނެ އެވެ.