ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވާ ދެމީހުންނަކީ ވެސް 30 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ދެ ފްލެޓެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން ބަލައި ފާސް ކުރި އެއް ފްލެޓުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށް ބެލެވޭ އެއްޗެއް ހޭކިފައި ހުރި އަށް ރަބަރު ޕެކެޓާއި، ހުސް ރަބަރު ޕެކެޓު ތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭގެ ދެ ފްލެޓެއްގެ އިތުރުން މި އޮޕަރޭޝަނުގައި ފަސް ކާރެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ފަސް ކާރުގެ ތެރެއިން އެއް ކާރުން ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ކާރުގެ ތެރެއިން 34 ދަޅު ބިޔަރު، ބޮގަރު ކަމަށް ބެލެވޭ އެއްޗެއް ހުރި 33 ފުޅި، 58 ފުޅި ބަނގުރާ އަދި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށް ބެލެވޭ އެއްޗެއް ހުރި 51 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.