ކުޅިވަރު

ބެމްފޯޑުގެ ހެޓްރިކާއެކު އެސްޓަން ވިލާގެ މޮޅުވުމުގެ ރެކޯޑު ފުނޑިއްޖެ

ޕެޓްރިކް ބެމްފޯޑްގެ ހެޓްރިކާއެކު ލީޑްސް ޔުނައިޓެޑުން ވެސްޓް ހަމްގެ 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑު ނިމުމަކަށް ގެނެސްފިއެވެ.

ރޭގެ މެޗު ލީޑްސްއިން 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، އެސްޓަން ވިލާ ރޭގެ މެޗަށް ނުކުތީ ލީގުގައި ފުރަތަމަ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެގެންނެވެ. ލީޑްސްއިން ގިނަ ދުވަސްތަކަކަށްފަހު ޕްރިމިއާ ލީގަށް އައިސް، ކޯޗު މާސެލޯ ބީސްލާއާއެކު ދައްކަމުން އަންނަ ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.

ވިލާއިން ފަސްވަނަ މެޗަށް ނުކުތީ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފުރަތަމަ ފަސް މެޗުން މޮޅުވުމަށެވެ. މީގެ ކުރިން ލީގުގެ ފުރަތަމަ ހަތަރު މެޗުން އެޓީމު މޮޅުވީވެސް 1930-31 ވަނަ އަހަރުގެ ސީޒަންގައެވެ. މި ސީޒަނުގައި މިހާތަނަށް ވިލާއިން ވަނީ 7-2ގެ ނަތީޖާއަކުން އެންމެފަހުން ޗެމްޕިއަން ލިވަޕޫލްވެސް ބަލިކޮށްފައެވެ. އެއީ މިހާތަނަށް ސީޒަންގައި ފެނުނު އެންމެ އާދަޔާ ހިލާފު ނަތީޖާއެވެ.

ރޭގެ މެޗުގައި މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފެއްދީވެސް ލީޑްސްއެވެ. ފުރަތަމަ ހާފްގައިވެސް ޖެކް ހެރިސަންގެ ހުރަހަކުން ބެމްފޯޑް ވަނީ ވިލާއަށް ނުރައްކާ ކޮށްފައެވެ. ފައިގެ ބޭރު ފަޅިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. ލީޑްސްއަށް ރެކޯޑު އަގަކަށް ސޮއިކުރި ސްޕެއިންގެ ފޯވަޑް ރޮޑްރީއަށް ލިބުނު ފުރުސަތުވެސް އޭނާ ވަނީ ފުރަތަމަ ހާފްގައި ނަގާލައިފައެވެ.

ވިލާއިން ދެވަނަ ހާފްގެ ކުރީކޮޅުގައި ދެ ހަމަލާއެއް ތަނަވަސްކުރި ނަމަވެސް، 55 ވަނަ މިނެޓުގައި ބެންފޯޑް ވަނީ ލީޑްސްއަށް ލީޑު ނަގައިދީފައެވެ. ދެވަނަ ގޯލް ފެންނަން މާ ގިނައިރެއް ނުނެގިއެވެ. މަޓޭސްޒް ކްލިޗްގެ ހުރަހަކުން 67 މިނެޓުގައި ބެންފޯޑްގެ ބޯޅަ އަމާޒުކޮށްލީ މަތީ ކަނަށެވެ. ތިންވަނަ ގޯލަކީ ޕޯޗުގަލްގެ ހެލްޑާ ކޯސްޓާ ތަނަވަސްކޮށްދިން ފުރުސަތުކުން ބެމްފޯޑް ޖެހި ގޯލެކެވެ.

ރޭގެ ނަތީޖާއާއެކުވެސް ވިލާ އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. ލީޑްސް އޮތީ ތިންވަނައިގައެވެ.