އައިޖީއެމްއެޗާ ދިމާލު މޫދުގައި މަރުވެފައި އޮއްވައި މިއަދު ފެނުނު ޒުވާނާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން ބުނި ގޮތުގައި، އުމުރުން 31 އަހަރުގެ އެ މީހާ މަރުވެފައި އޮއްވައި މޫދުން ފެނުނީ މިއަދު ހެނދުނެވެ.

އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ވަން" އަށް ކަށަވަރު ކޮށްދިން ނަމަވެސް އޭނާގެ ހަށިގަނޑުން ފެންނަން ހުރީ ކޮންކަހަލަ ޒަހަމްތަކެއް ކަމެއް ކަށަވަރުކޮށެއް ނުދެއްވި އެވެ.

މަރުވެފައި އޮއްވައި ފެނުނު ޒުވާނާގެ އާއިލާގެ މެމްބަރުންނާ ހަވާލާދީ ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރެމުންދާގޮތުގައި މަރުވެފައި އޮއްވައި ފެނުނު ޒުވާނާއަށް ވަނީ ސީރިއަސް ޒަހަމްތަކެއް ދީފަ އެވެ. އެގޮތުން އޭނާގެ ބައެއް އިނގިލިތައް ވެސް ބުރިކޮށްލާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ މަރާ ގުޅިގެން ފުލުހުން މިރޭ ބުނީ، މަރުވެފައި އޮއް މީހާގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު އޭނާގެ ހަށިގަނޑު އޮތޯ މޯޗަރީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.