ޚަބަރު

އިފުރު އެއާޕޯޓާއި ރިސޯޓް 65 މިލިއަން ޑޮލަރަށް ވިއްކާލަނީ

ރ. އިފުރު އެއާޕޯޓާއެކު އެރަށުގައި ތަރައްގީ ކޮށްފައިވާ ރިސޯޓް 65 މިލިއަން ޑޮލަރަށް ވިއްކާލަން އެ ރިސޯޓް ހިންގާ ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ (ޓީއެސްއެމްއައި) އިން އިއުލާނުކޮށްފި އެވެ.

މި ދެ ޕްރޮޕަޓީ ވިއްކާލަން ޓީއެސްއެމްއައިން ފުރަތަމަ އިއުލާންކުރީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެފަހަރު އަގެއް ހާމަކޮށްފައެއް ނުވެ އެވެ.

ދަ ސީއީއޯ މެގަޒިންގައި ބުނެފައިވާ ގޮތުގައި އިފުރު އެއާޕޯޓާއި ރިސޯޓްގެ އިތުރުން އެ އިންވެސްޓްމަންޓާއެކު ރިސޯޓް ހަދަން ދީފައިވާ ބ. ފުނަދޫ ވިއްކާލާނީ 50 އަހަރުގެ މުއްދަތަށް ލީސް އެގްރީމެންޓުގެ ދަށުންނެވެ.

އިފުރު ރިސޯޓަކީ ގާތްގަނޑަކަށް 56.52 ހެކްޓަރުގެ، ފަސް ތަރީގެ 150 ވިލާ ހިމެނޭ 300 އެނދުގެ ރިސޯޓެކެވެ. އަދި އެތަނުގައި ތިން ރެސްޓޯރެންޓާއި ތިން ބާ ހުރެ އެވެ. އޭގެ އިތުރުން ސްޓާފުންނަށް ހާއްސަ އެކޮމޮޑޭޝަނަށް އަށް އިމާރާތް ހަދާފައިވާއިރު އެ އިމާރާތުގައި 128 ކޮޓަރި ހުރެ އެވެ. ސްޓާފް އޭރިއާގައި ކެންޓީނަކާއި ޖިމަކާއި ފިހާރައެއް ހިމެނެ އެވެ.

މި ރިސޯޓާއެކު ވިއްކާލާ ބ. ފުނަދޫ އަކީ 11.69 ހެކްޓަރުގެ ރަށެކެވެ. މާލެއިން ސީޕްލޭނެއްގައި 25 ވަރަކަށް މިނެޓުން ދެވޭ އެރަށް ވިއްކާލަނީ އެރަށުގައި 90 ވިލާ ތަރައްގީކުރަން ހަދާފައިވާ ކޮންސެޕްޓާއެކު އެވެ

ޓީއެސްއެމްއައިސީ އަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްގެ ރިސޯޓު މެނޭޖުމެންޓު ކުންފުންޏެވެ. އެތަނުން ތަރައްގީކޮށްފައިވާ އިފުރު އެއާޕޯޓް ހުޅުވާފައިވަނީ 2015 ވަނަ އަހަރު އެވެ. އެ އެއާޕޯޓް މިހާރު ހިންގަނީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުންނެވެ.