ކުޅިވަރު

"އާސެނަލްގެ މެދުތެރެ ހިފަހައްޓާލީ ޕާޓޭ އެކަނި"

އާސެނަލް ޖާޒީގައި ތޯމަސް ޕާޓޭ ކުޅުނު ފުރަތަމަ މެޗުގައިވެސް ވިދާލައިފިއެވެ.

ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި އާސެނަލްއިން ކުޅުނު ފުރަތަމަ މެޗުގައި ރެޕިޑް ވިއޭނާގެ މައްޗަށް ކުރިހޯދީ 2-1ގެ ނަތީޖާއަކުންނެވެ. އޮސްޓްރިއާގައި ރޭ ކުޅުނު މެޗުން އާސެނަލް ކުރި ހޯދީ ޑޭވިޑް ލުއިޒްއާއި ޕިއާ އެމްރެކް އަބަމަޔާންގެ ގޯލްތަކުންނެވެ.

އެތުލެޓިކޯ މެޑްރިޑުން މި ސީޒަނަށް އާސަނެލްއާ ގުޅުނު ތޯމަސް ޕާޓޭ ރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިފައިވާއިރު، މެޗުގެ ތަރިއަކީވެސް އޭނާއެވެ. އެކަން ކޯޗު މިކޭލް އާޓެޓާވެސް ވަނީ މެޗަށްފަހު ފާހަގަކޮށްފައެވެ.

"ޕާޓޭ ފެނުނީ ވަރަށް ވަރުގަދަކޮށް. ވަރަށް ފަސޭހަކަމާއެކު ޓީމަށް ފައްކާވެފައި ޕާޓޭ ހުރީ. ދެވަނަ ހާފްގައި ވަރަށް ބޮޑަށް ހުޅުވާލައިގެން ކުޅުނުއިރު، މިޑްފީލްޑް ހިފެހެއްޓީ ޕާޓޭ އެކަނި. އެނގޭ އަގުބޮޑުކޮށް ޕާޓޭ ގެނައުމުން އަގާ އަޅުވައި ކިޔަން އެތައް ބަޔަކު ތިބޭނެކަން. އެކަމަކު ޕާޓޭގެ ޝޯ އަދި އޮތީ ކުރިއަށް،" އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ޕާޓޭއާ ގުޅިގެން އާޓެޓާ ބުނެފައި ވެއެވެ.

ރޭގެ މެޗުގެ ދެވަނަ ހާފްގައި ފުރަތަމަ ލީޑު ނެގީވެސް ރެޕިޑް ވިއޭނާއިންނެވެ. ފައުންޓަސް ޖެހި އެ ގޯލާއެކު ވިއޭނާއިން މޮޅަކަށް މިސްރާބު ޖެހި ނަމަވެސް، އާސެނަލްއިން ވަނީ ދެވަނަ ހާފްގެ ކުޅުން ރަނގަޅުކޮށް، މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ހާއްސަކޮށް 40 މިލިއަން ޕައުންޑަށް ޑެޑްލައިން ޑޭ ގައި އާސެނަލްއަށް ގެންދިޔަ ޕާޓޭ އޭނާގެ ފެންވަރު ދައްކާލިއެވެ.

އާޓެޓާއާއެކު އާސެނަލްއިން މި ސީޒަން ފެށީ ވަރުގަދަ ކޮށެވެ. ޗެރިޓީ ޝީލްޑް މެޗުގައި އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފައިވާއިރު، ލީގުގައި މިހާތަނަށް ބަލިވީ މެންޗެސްޓާ ސިޓީ އަތުން އެކަންޏެވެ. އެއީވެސް 1-0ގެ ހަނި ނަތީޖާއަކުންނެވެ.