ސިއްހަތު

އުރަމަތީގެ ކެންސަރު ޖެހުން ދުރުކުރަން ކުރެވިދާނެ ބައެއް ކަންކަން

އީމާ މުހައްމަދު ވަހީދު

އުރަމަތީގެ ކެންސަރަކީ ފަހަކަށް އައިސް އަހަރެމެންގެ ތެރޭގައި އާއްމު ވަމުން އަންނަ ބައްޔެކެވެ. އުރަމަތީގެ ކެންސަރަކީ އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރުގެ ބާވަތެވެ. އުރަމަތީގެ ކެންސަރު ޖެހުމުން ސަލާމަތް ވުމަށް އަހަރެމެން އަމިއްލައަށް އުރަމަތީގެ ކެންސަރާ ބެހޭ ގޮތުން މައުލޫމާތު ހޯދައި އެކަމަށް އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަހަރެމެންގެ އުރަމަތީގެ ދުޅަހެޔޮކަން އޮތީ އަހަރެމެންގެ އަތްމަތީގައެވެ. އެގޮތުން އުރަމަތީގެ ކެންސަރު ޖެހެން މެދުވެރިވާ ބައެއް ސަބަބުތަކަކީ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ރައްކާތެރިވެވޭނެ ކަންކަމެވެ.

އުރަމަތީގެ ކެންސަރު ޖެހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:

އަހަރެމެންނަށް ވރަށް ގިނަ ފަހަރަށް ބައެއް ބަލިތައް ޖެހެން މެދުވެރިވަނީ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތުންނޭ ބުނުމަކީ މުޅިން ދޮގު ވާހަކަ އަކަށް ނުވާނެއެވެ. އެގޮތުން އަހަރެމެން ކެއުން ބުއިމުގައި ބޭނުން ކުރާ ބާވަތްތަކަކީ ކޮންމެ މީހެއްގެވެސް ސިއްހީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ބާރު ފޯރުވާ ކަމެކެވެ. އެގޮތުން އުރަމަތީގެ ކެންސަރު ފަދަ ބަލިތައް ޖެހުމުން ރައްކާތެރިވުމަށް ގިނައިން ތެޔޮ ހިމެނޭ ކާއެއްޗެހި ބޭނުން ކުރުމުން ދުރުވުމާއި ޖަންކް ފުޑް ކެއުމުން ދުރުވުމަކީ މުހިންމު ކަމެވެ. މީގެ އިތުރުން ބަރާބަރަށް ކަސްރަތު ކުރުމާއި ދުޅަހެޔޮ ޑައިޓް ޕްލޭނެއް ގެންގުޅުމަކީ ވެސް އުރަމަތީގެ ކެންސަރު ޖެހުމުން ރައްކާތެރިކޮށްދޭ ކަމެކެވެ.

އުރަމަތި ސްކްރީނު ކުރުން:

އުރަމަތީގެ ކެންސަރު ޖެހިފައިވޭތޯ ބެލުމަށް ނުވަތަ އުރަމަތި ހުރީ ދުޅަހެޔޮކޮށްތޯ ބެލުމަށް ގަވައިދުން އުރަމަތި ސްކްރީން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ގަވައިދުން ސްކްރީން ކުރުމުން، އުރަމަތީގެ ކެންސަރު ޖެހިފައިވީނަމަވެސް ކުރީ ބައިގައި އެކަން އެނގި ފަރުވާ ކުރަން ފަސޭހަ ވާނެއެވެ. އަދި އުރަމަތި ބުރިކޮށްލަން ޖެހޭ ހިސާބަށް ނުގޮސް ބަލިން ރަނގަޅުވުމުގެ ފުރުސަތު ބޮޑު ވާނެއެވެ.

އުމުރުން 40 އަހަރުން މަތީގެ އަންހެނުން ކޮންމެ އަހަރަކު އެއްފަހަރު މަމޯގްރަފީ ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަން ކުރުމަށް ސިއްހީ މާހިރުންވެސް ވަރަށް ބޮޑަށް ބާރު އަޅައެވެ. މަމޯގްރަފީ އަކީ އުރަމައްޗަށް ހާއްސަކޮށްގެން ނަގާ އެކްސްރޭއަކަށް ސިއްހީ މާހިރުން ކިޔާ ނަމެކެވެ. މަމޯގްރަފީއަކި ފަސޭހައިން އަދި އަވަހަށް ހަދައިލެވޭނެ އެކްސްރޭއެކެވެ. މީގެއިތުރުން އުމުރުން 60 އަހަރުން މަތީގެ އަންހެނުން ދެއަހަރުން އެއްއަހަރު އުރަމަތީގެ އެކްސްރޭ ނެގުމަކީ މުހިންމު ކަމެކެވެ.

އުރަމަތީގެ ދުޅަހެޔޮކަން ޔަގީން ކުރަން އެމީހަކަށް އެމީހެއްގެ އުރަމައްޗަށް އަންނަ އެންމެ ކުދިކުދި ބަދަލުތައް ވެސް ދެނެގަންނަ އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އުރަމައްޗާއި ދެއަތްވަޅާއި ކަނދުރާއަށް ބަދަލުތަކެއް އަންނަ ނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އުރަމަތި ރަތްވެ ނުވަތަ ގޮށް ފަދަ އެއްޗެހި ނަގާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަން ވާނެ އެވެ. އުރަމަތީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވެ ތިބެން ބޭނުން ވާނަމަ އަހަރެމެންވެސް މިހާރަށްވުރެ ބޮޑަށް އެފަދަ ކަންކަމަށް ހޭލުންތެރިވެ ޒިންމާދާރުވާން ޖެހޭނެއެވެ. އަދި ސިއްހީ ރަނގަޅު އާދަަކަށް ފަރުވާތެރި ވާން ވާނެ އެވެ. އެންމެ ފުރަތަމަ ފިޔަވަޅަކީ ކަމުގެ ރަނގަޅު މައުލޫމާތު އެނގުމެވެ.