ހެލްތު މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވި އަހުމަދު ނަސީމަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ފަރާތްތޯ ކުރީގެ ފޮރިން މިނިސްޓަރު، އަދި ކޯލިޝަން ޕާޓުނަރު ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ސުވާލު އުފައްދަވައިފި އެވެ.
ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ނަސީމް އެ މަގާމަށް އައްޔަންކުރައްވައި ފަތްކޮޅު އަރުވައިފައެވެ. ނަސީމަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީީޕީގެ މެމްބަރެކެވެ.
ދުންޔާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހެލްތު މިނިސްޓަރަކަށް ނަސީމް އައްޔަން ކުރެއްވުމުން ގިނަ ސުވާލުތަކެއް އުފެދޭ ކަމަށެވެ. އެގޮތުން ނަސީމަކީ އެމަގާމަށް އެންމެ އެކަށީގެންވާ ފަރާތްތޯވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ނަސީމަކީ އެކަމުގެ ގާބިލުކަން ހުރި ބޭފުޅެއްތޯވެސް ދުންޔާ ވަނީ ސުވާލު އުފައްދަވައިފައެވެ.
މީގެ އިތުރުން ދުންޔާ ވަނީ ކޯލިޝަނަށް ދެން ވެގެންދާނީ ކިހިނެއްތޯވެސް ސުވާލު އުފައްދަވައިފައެވެ. ދުންޔާ މިގޮތަށް ސުވާލު އުފައްދަވާފައިވަނީ ހެލްތު މިނިސްޓަރުގެ ސްލޮޓަކީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސްލޮޓަކަށް ވާތީއެވެ.
ދުންޔާގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދުވެސް ވަނީ ސަރުކާރު ކޯލިޝަން އެބައޮތްތޯ ސުވާލު އުފައްދަވައިފައެވެ. ނަމަވެސް މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެ ޕާޓީންވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރަން ޖޭޕީން ބޭނުންވާ ބޭފުޅެއްގެ ނަން ފޮނުވަން ރައީސް ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ޖޭޕީން ނަމެއް ފޮނުވުމުގެ ކުރިން އެ މަގާމަށް ނަސީމް ވަނީ އައްޔަން ކުރައްވައިފައެވެ.
ނަސީމް ހެލްތު މިނިސްޓަރުކަމަށް އައްޔަނުކުރެއްވި އިރު، އޭނާ ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގައެވެ. ނަސީމަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީީޕީގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.
ނަސީމް ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަންވެސް ކުރައްވައިފައެވެ. އަދި ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ނަސީމް މަސައްކަތް ކުރައްވާފައިވާ އިރު، އޭނާއަކީ ރާއްޖެއަށް ފަތުރުވެރިން ތައާރަފުކުރުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ހެލްތު މިނިސްޓަރުގެ މަގާމު ހުސްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން އިސްތިއުފާ ދެއްވާފައިވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައި ވަނިކޮށެވެ. އަމީން އިސްތިއުފާ ދެއްވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު