އިނގިރޭސިވިލާތުން ދަތުރުކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ކަނޑައަޅައިފިއެވެ.
އިނގިރޭސި ފޮރިން އޮފީހުން ނެރޭ "ޓްރެވަލް ކޮރިޑޯ" ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި ލިސްޓަކީ ކޮވިޑާ ގުޅިގެން އިނގިރޭސިން ދަތުރުކުރުމަށް ލުއި ދޭ ގައުމުތައް ހިމެނޭ ލިސްޓެވެ.
އެއާއެކު އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން 14 ދުވަހަށް ކަރަންޓީން ވާކަށް ނުޖެހޭނެއެވެ.
ރާއްޖޭގެ އިތުރުން ލިސްޓަށް މިއަދު އިތުރުކޮށްފައިވަނީ ގްރީސްގެ މިކޮނޮސް އާއި ސްޕެއިންގެ ކެނަރީ އެވެ. އަދި ލިސްޗެސްޓައިން ވަނީ އެ ލިސްޓުން އުނިކޮށްފައެވެ.
ޔޫކޭގެ ލިސްޓަށް ރާއްޖެ އިތުރުކުރުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލަކަށް ހެދުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ =ކުރައްވާ ކަމަށެވެ.
މައުސޫމްގެ ޓުވީޓު ރިޓުވީޓު ކުރައްވައި އިނގިރޭސި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ކެރޮން ރޮސްލާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އަލުން ކޮޅަށް ޖެހުމަށް މިނިސްޓަރު މައުސޫމް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިހާ ހިސާބަށް ރާއްޖެއަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށްވެސް ވިދާޅުވިއެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން އިނގިރޭސިވިލާތުގެ 2،605 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
އިނގިރޭސިވިލާތުން ސޭފް ޓްރެވެލް ރާއްޖެއަށް ލިބިފައިވާ އިރު، ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔުޓީޓީސީ) އިން ދޭ ސޭފް ޓޫރިޒަމް ސްޓޭމްޕް ވެސް ރާއްޖެއަށް ވަނީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު