ޓޫރިޒަމް މިނިސްޓްރީން ބޭއްވި އޮންލައިން ބައްދަލުވުމެއްގައި ބައިވެރިވި މީހަކު ބަދުއަހުލާގީ މަންޒަރުތަކެއް ދެއްކި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، އެ މައްސަލަ މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ބަރަހަނާ މަންޒަރުތަކެއް ދައްކާފައިވަނީ ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ހއ. އުލިގަން ޓޫރިޒަމް މަޝްރޫއުގެ ޕްރީބިޑް މީޓިންގައި ބައިވެރިވި މީހެކެވެ. އެ ބައްދަލުވުމަކީ އާންމުންނަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމެކެވެ.

އެނގިފައިވާ ގޮތުގައި، ބޭރުގެ އިންވެސްޓަރުންވެސް ބައިވެރިވި އެ ބައްދަލުވުމުގައި ބަރަހަނާ މަންޒަރުތަކެއް އަޅުވާފައިވަނީ "ނިޔާޒު" ގެ ނަމުގައި ބައިވެރިވި މީހެކެވެ.