(19 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

حسن އަށް އޭނާގެ ކުޑަބެ أحمـد ފެންގަނޑުގެ ދޫނިފަތްމަތީގައި ހަމަޖެހިވަޑައިގެން ހުންނަވަނިކޮށް ފެނިވަޑައިގަތުމުން އޭނާވެސް ހިތްޕުޅު ހަމަޖެހިއްޖެއެވެ.

ރަތްތާކިހާ އެޅި ކުއްޖާ ބުންޏެވެ. "ކަލޭވެސް އާދޭ ހިފާތަން ބަލަން."

އޭރު سعـد زيـاد ބަލިކޮށްލައްވައިފިއެވެ. ނަމަވެސް سعـد ގެ މޫނުފުޅުމަތީން زيـاد ގެ އެތިފަހަރުގެ ނިޝާން ފެނިވަޑައިގެންފައި حسن އަކަށް ހިމޭނަކުން ނުހުންނެވުނެވެ. އޭނާ އެހެންކުދީންނަށްވުރެ މާބާރަށް ހަޅޭއްލަވަމުން ގެންދެވިއެވެ.

"ބޭބޭ! އަދި އެކަތިފަހަރު ޖައްސަވާ! ބާރަށް ޖައްސަވާ! ނޭފަތްމަތީ ޖައްސަވާ! ނޭފަތްމަތީ. އާނ. ރަނގަޅު. ލޯމަތީ އަދި އެކަތިފަހަރު!"

حسن ގެ ދޫފުޅާއެކު އޭނާގެ އަތްފައިންޕުޅުވެސް ޙަރަކާތްކުރައްވައެވެ. ބަގީޗާގެ މުސްކުޅި ޑަރޯގާއަށް އެތަން ފެނިފައި ހީނހީނ ވަރުބަލިވިއެވެ.

އެންމެފަހުން زيـاد އަނގަވަތަށް ބިންމައްޗަށް ވެއްޓިވަޑައިގެންފިއެވެ. އޭނާ ތެދުވެވަޑައިގަންނަވާކަށެއް މަސައްކަތްޕުޅެއް ނުކުރެއްވިއެވެ. މުސްކުޅި ޑަރޯގާ سعـد ގެ އަތްޕުޅުގައި ހިފަހައްޓައިފިއެވެ. "މިހާރު ފުދިއްޖެ! ކަލޭ ކާމިޔާބު ހޯދައިފީމު! މިހާރު މިތާނގެ ރަސްކަމަކީ ކަލޭ!"

سعـد މާނޭވާފުޅު ލައްވަމުން ވިދާޅުވިއެވެ. "އަހަރެން ރަސްކަލަކަށް ވާކަށް ބޭނުމެއްނޫން! އަހަރެންވާނީ ސިފައިންގެ މީހަކަށް!"

زيـاد ތެދުވެވަޑައިގެންފިއެވެ. ޑަރޯގާގެ އަތުން އޭނާގެ އަބާ އަތުލައްވައިގެން ކޮރު ޖައްސަވަމުން ގެއާދިމާއަށް ހިންގަވައިގެންފިއެވެ. ޑަރޯގާ ކުރިއަށް ޖެހިލައިފައި ބުންޏެވެ. "ކަލާގެ ތާކިހާވެސް ގެންދަވާ!" زيـاد ފަހަތަށް އެނބުރިލައްވައިފައި ޑަރޯގާގެ އަތުން ތާކިހާ އަތުލައްވައިފިއެވެ. ނަމަވެސް އޭނާ ތާކިހާ އިސްތަށިފުޅުގައި އެޅުއްވުމުގެ ބަދަލުގައި އެއްފަރާތަކަށް އެއްލައިލައްވައިފިއެވެ. އޭނާއާއެކު ފަސްކުއްޖަކު ހިނގައިގަތެވެ. ނަމަވެސް ދެންތިބި ކުދީން އެތާނގައި ތިބީއެވެ. سعـد أحمـد ގެ އަރިހުގައި ފެންގަނޑުގެ ދޫނިފަތްމަތީގައި އިށީނދެވަޑައިގެންފިއެވެ.

ފެންގަނޑުގެ ކައިރީގައި މަޑުކޮށްގެންތިބި ކުދީންގެ ތެރެއިން އެއްކުއްޖެއް ބިންމަތީގައި އޮތް ތާކިހާ ނަގައިފިއެވެ. އޭނާ ތާކިހަލުން ވެލިފޮޅައިލައި ޑަރޯގާގެ ބޮލުގައި އަޅުވަމުން ބުންޏެވެ. "އަހަރެންގެ ރަސްގެފާނުގެ ތާޖުކޮޅަކީ މިހާރު ޑަރޯގާގެ ޙައްޤެއް."

ކުދީންތައް ހޭންފަށައިފިއެވެ. ޑަރޯގާ އޭނާގެ ބޮލުގައިއޮތް ތާކިހާ ނަގައިފައި އެކުދީންގެ އަތަށް އަނބުރައި ދެމުން ބުންޏެވެ. "ނޫން! ނޫން! ތިޔަކަހަލަ ތާޖުތަކަށް އަހަރެން ހަތްފަހަރަށް ސަލާން! މިތާކިހާ ގެންގޮސް އޭނާގެ ގެއަށް ރައްދުކުރޭ!"

އެހެންކުއްޖަކު ބުންޏެވެ. "ނޫން ތިޔަ ތާކިހާ إسحاق އަށް ދީ! ތިޔައީ އޭނާގެ ބައްޕަ ލައްވައި ފައްސައިގެން ގެނައި ތާކިހަލެއް." އައްޒަހުރާގެ މަޝްހޫރު ފަހާމީހެއްގެ ކުއްޖެއްކަމުގައިވާ إسحاق އެތާނގައި ހުއްޓެވެ. ނަމަވެސް އޭނާ އެތާކިހަލުގައި އަތްލާކަށްވެސް އެއްބަހެއް ނުވިއެވެ.

އެއްވެސްކުއްޖަކު ތާކިހަލާ ހަވާލުނުވުމުން ޑަރޯގާ سعـد އާ ދިމާއަށް އެނބުރިލައިފައި ބުންޏެވެ. "އަހަރެމެން މިތާކިހަލުން ކަލެއަށް އަމާޒުހިފޭވަރެއް ބަލާނީ! އަހަރެން ތިރީސް ފިޔަވަޅު ދުރުގައި މިތާކިހާ ބާއްވާނަން."

سعـد ފަރުވާކުޑަ ގޮތަކަށް ޖަވާބުދިނެވެ. ތިރީސް ފިޔަވަޅު ދުރުން حسن ވެސް ތިޔަ ތާކިހަލަށް ދުނި އަމާޒުކުރައްވާނެ! ކަލޭ ތާކިހާ މައްޗަށް އެއްލާ! އަހަރެން ތާކިހަލަށް ދުނިޖަހާނަން!"

"އެންމެރަނގަޅު. ތިޔަގޮތްވެސް ބަލައިލެވިދާނެ!"

ޑަރޯގާ ތާކިހާ ހިފައިގެންގޮސް ތަންކޮޅެއް ދުރަށް ހުއްޓިއްޖެއެވެ. سعـد އޭނާގެ ދުނިދަނޑީގައި ދުންޏެއް ރުވައިލައްވައިފިއެވެ. ކުދީންތައް ހައިރާންވެގެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ޑަރޯގާ ތާކިހާ މައްޗަށް އެއްލައިފިއެވެ. سعـد ތާކިހަލާ ދިމާއަށް ދޫކޮށްލެއްވި ދުނި ތިރިއަށް އައީ ތާކިހާ ހިފައިގެންނެވެ. ޑަރޯގާ ސާބަސް! ސާބަހޭ ގޮވަމުން ދުވެފައިގޮސް ތާކިހަލާއި ދުންޏާ ހިފައިގެން އަތުވެއްޖެއެވެ. އައްޒަހުރާއުގެ ކުދީންގެ ތެރެއިން ބައެއްކުދީން ފާޅުގައި އަނެއްބައިކުދީން ނުސީދާކޮށް سعـد އަށް ތަޢުރީފު ކުރިއެވެ.

سعـد ޑަރޯގާ ގާތުގައި ވިދާޅުވިއެވެ. "ކަލޭގެ ބޮލުގައި ތިޔަ ތާކިހާ އަޅާ! އަހަރެން ތާކިހަލަށް އަމާޒުކުރާނަން."

ޑަރޯގާ ވަރަށް މަޢުޞޫމު ގޮތަކަށް ޖަވާބު ދިނެވެ. "ކީއްވެ ތިޔަހެން ހަދަން ތިޔައުޅެނީ؟ އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން ކަލެއަށް ދިނީ ކޮން ގެއްލުމެއް؟"

حسن ޑަރޯގާގެ ގާތަށް ވަޑައިގެން އޭނާ ހިތްހަމަޖައްސައިދެމުން ބުންޏެވެ. "ބިރުނުގަނޭ! ބޭބެ އަހަރެންގެ ބޯމަތީގައި އާފަލެއް ބާއްވަވައިފައި އާފަލަށްވެސް ދުނިޖައްސަވާ!"

ޑަރޯގާ ޖަވާބުދިނެވެ. "އަޚާ! އަމާޒު ފަތްގަނޑަކަށް ހަދަން އާފަލު ބޭނުންވާނަމަ ކުރިމަތީގައި ތިޔަހަރަ ގަހުގައި އެހެރީ އާފަލު. ބޭނުންވަރަކަށް އާފަލު ބިނދޭ. އެކަމަކު ތިޔަކަހަލަ މޮޔަކަމެއް އަހަންނެއް ނުކުރާނަން."

أحمـد ތެދުވެވަޑައިގެން ވަޑައިގެން ޑަރޯގާގެ އަތުން ތާކިހާ އަތުލައްވައިގެން އޭނާގެ އިސްތަށިފުޅުގައި ތާކިހާ އަޅުއްވަމުން ވިދާޅުވިއެވެ. "ބޭބޭ އަޅުގަނޑު މިހިރީ ތައްޔާރަށް."

سعـد أحمـد ގެ އިސްތަށިފުޅުގައި އޮތް ތާކިހަލަށް ދުނި އަމާޒުކުރައްވާން ފެއްޓެވުމުން ޑަރޯގާ ދެލޯމަރައިލިއެވެ. ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ލިބެންދެން އޭނާ ހުރީ ދެލޯ މަރައިލައިގެންނެވެ. އޭނާ ލޯ ހުޅުވައިލުމަށްފަހު سعـد އަށް ނަސޭހަތް ދިނެވެ. "ދަރިފުޅާ! ޙަޤީޤަތުގައިވެސް ކަލޭގެ އަމާޒު ވަރަށް ރަނގަޅު. އެކަމަކު މާތް اللّـه އަށްޓަކައި އާދޭސްކޮށްފައި ބުނަން. އެހެންމީހުންގެ ބޯމަތީގައި ތިޔަ ތަމްރީނު ނުކުރާތި!"

ރަތް ތާކިހާ އަޅައިގެންހުރި ކުއްޖާ ފެންގަނޑުން އޭނާގެ ރުމާ ތެންމައިގެން އައިސް حسن ގެ ލޯފުޅު ބޮނޑިތާންކުރާން ފަށައިފިއެވެ. އެތަން ފެނިވަޑައިގެންފައި أحمـد ވެސް حسن އާ ތަޅާފޮޅި ކުއްޖާގެ ނޭފަތުން ފައިބައިފައިހުރި ލޭތައް އޭނާގެ ރުމާލުން ފޮއްސަވައިދެއްވަން ފައްޓަވައިފިއެވެ.

ރަތް ތާކިހާ އަޅައިގެންހުރި ކުއްޖާ حسن ސުވާލު ކުރިއެވެ. "ކަލޭގެ ނަމަކީ ކޮބާ؟"

"حسن" އޭނާ ޖަވާބު ދިނެވެ.

"މިއީ ކަލޭގެ ބޭބެމެންތަ؟"

"އާނ!"

"ކަލޭގެ ނަސީބު ހާދަ ރަނގަޅޭ! ބޭބެމެންގެ ނަމަކީ ކޮބާ؟"

"މިއީ ބޭބެ سعـد. އެހުންނެވީ ކުޑަބެ أحمـد." حسن އެއްބޭފުޅަކަށްފަހު އަނެއް ބޭފުޅަކަށް އިޝާރާތް ކުރައްވަމުން ޖަވާބު ދެއްވިއެވެ.

ރަތް ތާކިހާ އަޅައިގެންހުރި ކުއްޖާ حسن ގެ އާއިލާއާ އިތުރަށް ތަޢާރަފުވުމުގެ ބޭނުންތެރިކަން އިޙުސާސްކުރަމުން ބުންޏެވެ. "އަހަރެންގެ ނަމަކީ إدريس. إدريس بـن عبـدالجبـّـار! ކަލޭގެ ބައްޕަގެ ނަމަކީ ކޮބާ؟" عبـدالجبـّـار އަކީވެސް މަދީނަތުއްޒަހްރާއުގެ ޤަދަރަހުރި ބޭފުޅެކެވެ.

"عبــدالمنـعـــم" حسن ޖަވާބު ދެއްވިއެވެ.

سعـد ވިސްނުންތެރިކަމާއެކު حسن އާ ދިމާއަށް ބައްލަވައިލެއްވިއެވެ. "ބަލަ ކޮއްކޮޔަށް ތިޔަހެން ހެދީ ކާކުތަ؟"

حسن އެއްޗެކޭ ވިދާޅުނުވުމުން إدريس ޖަވާބު ދެއްވިއެވެ. "މީނާވެސް ކުއްޖަކާ ހިފީ."

"ކާކު؟"

إدريس حسن އާ ތަޅާފޮޅި ކުއްޖާއާ ދިމާއަށް އިޝާރާތްކޮށްލެއްވިއެވެ. "މީނާއާ މިދެމީހުން ހިފަންފެށީ ކޮންއިރަކު ކަމެއްވެސް ނޭނގޭ. އަހަންނަށް މިދެމީހުން ދުރުކުރެވުނީ ވަރަށް އުނދަގުލުން."

ދެވަނަ ކުއްޖާ ޝަކުވާކުރާ ރާގުގައި ބުންޏެވެ. "އަޅުގަނޑު މީނާއަކާ ހަނގުރާމައެއް ނުފަށަން. މީނާ ދުވެފައި ބޭރުން އައިގޮތަށްއައިސް ގޮއްމުށްކަވައި وليـد ގެ ގައިގައި ޖަހައިފި. އޭނާ ދުއްވައިގަތުމުން ދެން ޙަމަލާދިނީ އަޅުގަނޑާ."

حسن ވިދާޅުވިއެވެ. "މީނާ ހަޅޭއްލަވަނީ. އަތުލައިގަނޭ! ތަޅައިގަނޭ! ވަށައިލާ! މިހެން ކިޔައިފައި. އަޅުގަނޑު ހީކުރީ ތަޅައިފޮޅުމެއް ހިނގަނީކަމަށް."

ޖެހިގެންއޮތް ބަގީޗާގެ ތެރެއިން المـــاس ގެ އަޑު އިވިއްޖެއެވެ. "سعـد! أحمـد! حسن! ކޮންތަނަކު ތިޔަ ތިއްބެވީ!"

سعـد ވަރަށް ބާރަށް المــــاس އަށް ޖަވާބު ދެއްވިއެވެ. "އަހަރެމެން މިދަނީ. ބޮޑުބޭބޭ!"

سعـد ހިންގަވައިގެންނެވުމުގެ ކުރީން إدريس އާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "އަހަރެން ވަރަށް ހިތާމަކުރަން! އަހަރެމެންނާހުރެ ތިޔަބައިމީހުންގެ ކުޅިވަރަށްވެސް ހުރަސްއެޅިއްޖެ. އެކަމަކު އަހަރެމެން މިތަނަށް އައީ އެއްގޮތަކަށްވެސް ހަނގުރާމަ ކުރާކަށެއް ނޫން!"

إدريس ޖަވާބު ދެއްވިއެވެ. "އެއްގޮތަކަށްވެސް ހިތާމަކުރާނެ ކަމެއްނެތް. ތިޔަބައިމީހުން އައުމުގެ ސަބަބުން އަހަރެމެންނަށް މިފެނުނު ކުޅިވަރު މާ މަޖާ."

المــــاس ބަގީޗާގެ ދޮރުމަތީން ދައްކައިލައިފިއެވެ. އޭނާ އެތާ ހުއްޓިހުރެ ބާރަށް ވާހަކަދައްކާން ފަށައިފިއެވެ. "އަޅުގަނޑު ހީކުރީ ތިޔަބޭފުޅުން ގެޔަށް ވަޑައިގެންނެވީކަމަށް. އަޅުގަނޑު މިހުރީ ވަރަށް ކަންބޮޑުވެފައި. އަވަހަށް ހިންގަވާ ގެޔަށް ވަޑައިގަންނަވަމާ!"

އެތިންބެއިން ހިންގަވައިގެންނެވުމާއެކު މަދީނަތުއްޒަހްރާއުގެ ކުދީން ބާރާދަރީގައިހުރި އާފަލުތަކާ ދިމާއަށް އެނބުރިއްޖެއެވެ. އެއްކުއްޖަކު ގޮވައިލިއެވެ. އިހަށް މަޑުކޮށްބަލަ! ތިޔަބައިމީހުންނަށްވީ އާފަލު ހިފައިގެންދޭ!"

سعـد ފަހަތްޕުޅަށް އެނބުރިވަޑައިގެން ޖަވާބު ދެއްވިއެވެ. "ނޫން. ޝުކުރިއްޔާ! އަހަރެމެންގެ ބަގީޗާގައި ވަރަށްގިނައިން އާފަލު އެބަހުރި."

إدريس އިރުކޮޅެއްވަންދެން އެތިންބޭފުޅުންނާ ދިމާއަށް ބަލަހައްޓަވައިގެން ހުންނެވިއެވެ. އެބޭފުޅުން ބަގީޗާގެ ދޮރުމަތީގައި ހުއްޓިވަޑައިގެން المــــاس އަށް ވާހަކަ ކިޔައިދެއްވަން ތިއްބަވަނިކޮށް إدريس ކޮންމެވެސް އެއްޗެއް ވިސްނައިވަޑައިގެންފައި ވަރަށް ބާރަށް ހިންގަވައިފައި ވަޑައިގެން އެބޭފުޅުންގެ އަރިހަށް ހުއްޓިވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "ތިޔަބައިމީހުން ތިޔަ ތިބީ ވަރަށް ވަރުބަލިވެފައި. ހިނގާ އަހަރެމެންގެ ގެއަށްދަމާ. އަހަރެމެންގެ ނޯކަރުން ތިޔަބައިމީހުން ޤުރުޠުބާއަށް ގެންގޮސްދީފާނެ. އަހަރެމެންގެ ގެ މިތަނާ ވަރަށް ކައިރި."

سعـد ވިދާޅުވިއެވެ. "ނޫން. މިއަދު އަހަރެމެން ދާހިތްވަނީ ފައިމަގުގައި."

"އެކަމަކު ކަލޭގެ އެންމެ ކުޑަ ކޮއްކޮ ވަރަށް ވަރުބަލިވެއްޖެ. އަހަންނަށް އެބަފެނޭ. އޭނާއަށް ހިނގެނީވެސް ވަރަށް އުނދަގުލުން."

المــــاس ޖަވާބުދިނެވެ. "ނޫން! ނޫން! حسن އަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް. ތެދެއް حسن ވަރުބަލިފުޅުވީތޯ؟"

حسن ހުންނެވީ ދަތުރުގެ ސަބަބުންނާއި، ތަޅައިފޮޅުއްވުމުގެ ސަބަބުން ވަރަށްބޮޑަށް ވަރުބަލިފުޅުވެފައެވެ. إدريس ގެ ސަމާލުކަމާމެދު އޭނާ ދެކެވަޑައިގަތީ ޣައިބުން ލިބުނު ތާއީދެއް ކަމުގައެވެ. ނަމަވެސް المــــاس އޭނާގެ އުންމީދުތައް ފެނަށް ހަދައިލިއެވެ. حسن ހިތްޕުޅާ ދެކޮޅަށް ޖަވާބު ދެއްވިއެވެ. "އާނ. ބޮޑުބޭބޭ! އަހަންނަށް ހިނގައިފައި ދެވިދާނެ."

ބަގީޗާގެ ތެރެއިން މަގުމައްޗަށް ނިކުމެވަޑައިގެންފައި ތިންބޭފުޅުން ވަކިވަކީން إدريس މުސާފަޙާ ކުރެއްވިއެވެ. إدريس އިރުކޮޅެއްވަންދެން އެބޭފުޅުންނާ ދިމާއަށް ބަލަހައްޓަވައިގެން ހުންނެވިއެވެ. حسن ސަތޭކަ ވަރަކަށް ގަޒުގެ ދުރުމިނަށް ހިންގަވައިލައްވައިފައި ތުންފިއްތައިލައްވައިގެން ބިންމަތީގައި އިށީނދެވަޑައިގެންފިއެވެ. المــــاس ބުންޏެވެ. "حسن ކީއްތޯވީ؟"

"ކަމެއް ނުވޭ. އަހަރެން މިތާ އިންނާނީ." حسن ކޯފާއިސްކުރައްވައިފައި ޖަވާބު ދެއްވިއެވެ.

المــــاس حسن ނަގަން އުޅުމުން އޭނާ ހައްތާވެސް އުޅުއްވީ ބިންމަތީގައި އޮށޯވެވަޑައިގަންނަވާށެވެ. المــــاس އެންމެފަހުން حسن ނަގައި ކޮނޑަށް ލައިފިއެވެ. حسن ކޮނޑަށް ލައިގެން ދޮޅުމޭލެއްހައިތަނަށް ހިނގައިލުމުން إدريس ގެ ހުށަހެޅުއްވުން ގަބޫލުނުކުރެވުނުކަމީ ހެނދުނު ގޯހެއްކަން المــــاس އަށްވެސް އެނގިއްޖެއެވެ. ކުއްލިއަކަށް ވަރަށް ބާރަށް އަސްދުއްވައިފައި އައި މީހެއް ކައިރިއަށް އަތުވެއްޖެއެވެ. سعد އެނބުރި ބައްލަވައިލެއްވުމާއެކު އޭނާއަށް އެމީހަކު އެނގިވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "މިއީ އެއްކަލަ ކުއްޖާ."

حسن އަށް އޭނާ ފެނިވަޑައިގަންނަވާއިރަށް ހަޅޭއްފުޅުލައްވަން ފައްޓަވައިފިއެވެ. "ބޮޑުބޭބޭ އަހަރެން ބިންމައްޗަށް ބާލާ."

المــــاس ފަރުވާކުޑަ ގޮތަކަށް ޖަވާބު ދިނެވެ. "ނޫން. ނޫން. ދެން ރީތިކޮށް އިންނަވާ. އަނެއްކާވެސް ދިހަވަރަކަށް ފިޔަވަޅަށް ހިންގަވައިފައި ބިންމަތީ އޮށޯވެވަޑައިގެންފާނު."

حسن ހަޅޭއްލައްވަން ފައްޓަވައިފިއެވެ. "ބޮޑުބޭބޭ އަހަރެން ދޫކޮށްލާ. އެހެންނޫނީ ދަތްއަޅައިފާނަން."

المــــاس އަކަށް حسن ކަންބޮޑުވެވަޑައިގެން އުޅުއްވާ ސަބަބެއް ނުވިސްނުނެވެ. سعـد އާއި أحمـد ދެބޭފުޅުން ހިނިފުޅުވަޑުވަނީއެވެ. المــــاس حسن އޭނާގެ ކޮނޑުމަތީން ބޭލީ إدريس އެބޭފުޅުންގެ އަރިހަށް ވަޑައިގެން އަސް މަޑުކުރައްވާން އުޅުއްވަނިކޮށެވެ.

إدريس އެއްވެސް ރަސްމީ ތަމްހީދަކާ ނުލައި ވާހަކަދައްކަވާން ފައްޓަވައިފިއެވެ. "އަހަރެން ހީކުރީ ތިޔަބައިމީހުން އަދިވެސް ބަގީޗާގެ ދޮރޯށިދޮށުގައި ވާހަކަދައްކާން ތިބޭނީކަމަށް. އެކަމަކު ތިޔަބައިމީހުން ވަރަށް ދުރަށް އަތުވެއްޖައީމު. ކޮއްކޮ حسن އާއި ކުޑަބެ أحمـد އާ ދެބެއިން މިއަހަށް ސަވާރުވާންވީނު؟"

إدريس އަސްމަތީން ފައިބައިވަޑައިގެންފިއެވެ. ނަމަވެސް المــــاس ބުންޏެވެ. ކޮއްކޮއަށް އުނދަގޫފުޅުވާނެ. އަނެއްކާ ތިޔަ އަސް އަނބުރައި ގެންނާނީވެސް ކާކުތޯ؟"

"އަހަރެންވެސް މިދަނީ ތިޔަބައިމީހުންނާއެކު ޤުރުޠުބާއަށް އަހަރެންގެ މާބެ އުޅުއްވަނީ އެރަށުގައި. އެގޭގައި މިރޭ މަޑުކޮށްލަން އަހަރެންގެ މަންމަމެންވަނީ އަމުރުދެއްވައިފައި."

المــــاس ޖަވާބުދިނެވެ. "އެންމެ ރަނގަޅު. އެހެންވިއްޔާ ކޮއްކޮއާއެކު حسن ބައިންދަވާ."

"ނޫން. އަހަރެންވެސް ދާހިތްވަނީ ހިނގައިލައިފައި."

المــــاس أحمـد އާއި حسن އާ ދެބޭފުޅުން އަސްމައްޗަށް އަރުވައިފިއެވެ. އޭނާ އަހުގެ ލަގަނުގައި ހިފައިގެން ހިނގައިގެންފިއެވެ. سعـد އާއި إدريس އާ ދެބޭފުޅުން ވާހަކަ ދައްކަވަމުން އެބޭފުޅުންގެ ފަހަތްޕުޅުން ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި سعد އާއި إدريس އާ ދެބޭފުޅުން ވަރަށްބޮޑަށް ރައްޓެހިފުޅު ވެއްޖެއެވެ. إدريس ހީނލައްވައިފައި ވިދާޅުވިއެވެ. "ވަރަށް އަޖައިބުވާފަދަ ކަމެއް. حسن ގެ ދުޅަވެފައިވަނީ ކަނާތުލޯ. ކަލޭގެ ވާތުލޯ. زيـاد ގެ ދެލޯވެސް ހުރީ ދުޅަވެފައި. ކަލޭ ދުނިދަނޑީގައި ދުނިރުވުމުން ޙަޤީޤަތުގައިވެސް އަހަރެން ވަރަށް ފިކުރުބޮޑުވި. ކަލޭ ދުންޏެއް ދޫކޮށްލަފާނެތީ އަހަރެން ހުރީ ވަރަށް ބިރުން."

"އެހެންތަ؟ އަހަރެން އުޅުނީ އެބައިމީހުން ބިރުގަންނަވަން."

إدريس ވިދާޅުވިއެވެ. "އެބައިމީހުން އެންމެން ކަލެޔާ ޙަމަލާދިންނަމަ އަހަރެން ހަދާނެގޮތެއް އެނގޭތަ؟" سعـد ޖަވާބު ދެއްވިއެވެ. "ކަލޭ އަހަރެމެންނަކާ ހަނގުރާމައެއް ނުކުރީމުސްކަންނޭނގެ."

"އެހެންވީނަމަ އަހަރެން ކަލެއާ ބައިވެރިވީމުސް. އެހެން ހަތަރު ކުއްޖަކުވެސް ކަލެއާ ބައިވެރިވީސް."

المــــاس ގެންދިޔައީ އެބޭފުޅުންގެ ވާހަކަފުޅު ޝައުޤުވެރިކަމާއެކު އަޑުއަހަމުންނެވެ. އޭނާ ސުވާލު ކުރިއެވެ. "އެންމެ ރަނގަޅު. ކީއްވެގެންތޯ ކޮއްކޮމެން سعـد އާ ބައިވެރިވެވަޑައިގަންނަވާންވީ؟"

إدريس އިރުކޮޅަކު ވިސްނައިވަޑައިގެންފައި ޖަވާބު ދެއްވިއެވެ. "އެއީ زيـاد ގެ އަނިޔާވެރިކަން. އަނިޔާވެރީންނާ ބައިވެރިވުމަކީ ވަރަށްބޮޑު ފާފައެއް."

ޤުރުޠުބާގެ ބައިބޯ އާބާދީގެ ބޭރުގައި އޮތް ވަރަށް ރީތި ބޮޑު ބަގީޗާއެއްގެ ހަތަރު ފާރުގެ ތެރޭގައިހުރި ކިއްލާއެއް ކަހަލަ ގެއަކަށް އިޝާރާތް ކުރައްވަމުން سعـد إدريس ގެ އަރިހުގައި ވިދާޅުވިއެވެ. "އެހެރީ އަހަރެމެންގެ ގެ."

ބަގީޗާގެ ދޮރޯއްޓާ ހަމައަށް ވަޑައިގެންފައި إدريس سعـد ގެ އަރިހުގައި ވިދާޅުވިއެވެ. "ދެން އަޅުގަނޑު ދާނީ އަޅުގަނޑުގެ މާބެގެ ގެއަށް. އޭނާގެ ގެހުންނަނީ މިރަށުގެ އަނެއްފަރާތުގައި."

سعـد ވިދާޅުވިއެވެ. "މިއަދު އަހަރެމެންގާތު މަޑުކޮށްލަންވީނު؟"

"ނޫން. އަހަރެން މާދަމާ މިގެއަށް އަތުވެދާނަން. މާބެގެ އަރިހުން އަމުރު ނުހޯދައި މިގޭގައި މަޑުކޮށްފިއްޔާ އެކަމާ ގަބޫލުފުޅެއް ނުވާނެ. އަހަރެން މާދަމާ سعـد އާއެކު ދުނިއުކަން ފަރިތަކުރާން އަންނާނަން." إدريس އެހެން ވިދާޅުވެފައި المــــاس އާ ދިމާއަށް ވިދާޅުވިއެވެ. "ބޭބެ އަޅުގަނޑަށްވެސް ދުނިއުކަން ދަސްކޮށްދެއްވާނުތޯ؟"

المــــاس ޖަވާބު ދިނެވެ. "ކޮއްކޮއަކީ ޝާޢިރަކަށް ނުވަންޏާ އަޅުގަނޑު ކޮއްކޮއަކީ ޤުރުޠުބާގެ އެންމެ ކުޅަދާނަ ތީރުވެރިޔާއަށް ހަދައިދޭނަން."

"އަޅުގަނޑަކީ ޝާޢިރެއް ނޫން. އެތާނގައި އަޅުގަނޑުކީ ޅެމަކީވެސް އެހެން މީހެއްގެ ޅެމެއް. މީގެފަހަކުން އެކަހަލަ ކަމެއްވެސް ނުކުރާނަން."

إدريس އެހައިތަނުން އޭނާގެ އަސްމަތީގައި ދަތުރު ފަށްޓަވައިފިއެވެ. سعـد އާއި أحمـد އާއި، حسن އާ ތިންބެއިން އެބޭފުޅުންގެ ބަގީޗާއަށް ވެދެވަޑައިގެންފިއެވެ.

(ނުނިމޭ)