ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމައި ޕްލޭނިން މިިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ގދ. ތިނަދޫގައި ހުންނަ ދަރުބާރުގެ ކޮވިޑް ފެސިލިޓީ އަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން އެ މަސައްކަތް ނިންމާލާފައިވަނީ 20 ދުވަސް ތެރޭގަ އެވެ.

ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުން، ތިނަދޫ ފެސިލިޓީގައި 15 އައިސޮލޭޝަން އެނދާއި ހަ އައިސީޔޫ އެނދު އަދި ޑައިލިސިސް އެނދެއް ހުންނާނެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، ތިނަދޫ ފެސިލިޓީއަށް ބޭނުންވާ ބައެއް އެނދާއި މެޝިނަރީޒް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި އަންނަ މަހުގެ ކުރީކޮޅު އެތަން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގއ. އަތޮޅާއި ގދ. އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެ ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލީގައި 23 އެނދުގެ ކޮވިޑް ފެސިލިޓީއެއް ގާއިމްކޮށްފައިވެ އެވެ. ނަމަވެސް ތިނަދޫގައި ވަކިން ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމީ، ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހަކު ވިލިނގިއްޔަށް އަރުވަން އެރަށުގެ ބަޔަކު ދެކޮޅު ހަދައި މުޒާހަރާކުރުމާ ގުޅިގެންނެވެ.