ބެލެނިވެރީން

މީހުންގެ ތެރޭގައި ދަރިފުޅާ ދިމާއަށް އެއްޗެހި ކިޔައި ލަދުގަންނަވަންތަ؟ ތިކުރަނީ ވަރަށް ގޯސްކަމެއް!

އީމާ މުހައްމަދު ވަހީދު

މައިންބަފައިންގެ ބޮލުގައި އެޅިފައިވަނީ ޝައްކެއްވެސް ނެތް ގޮތުގައި ވަރަށް ބޮޑު ޒިންމާއެކެވެ. ހަމަ ޔަގީނުންވެސް ދަރިޔަކު ނުވަތަ ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ދަރިފުޅަށް ހެޔޮ މަގު ދައްކައި އަހުލާގު ރަނގަޅު، ބަސްއަހާ ކުއްޖެއްގެ ގޮތުގައި ދަރިފުޅު ތަރުބިއްޔަތު ކުރެވޭނީ ހަގީގަތުގައި ވަރަށް ޒިންމާދާރު އަދި ކެތްތެރި މައިންބަފައިންނަށެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރަން ކުރާ މަސައްކަތުގެ ތެރެއިން ބައެއް ފަހަރު މައިންބަފައިންނަށް ކުދި ކުދި ކުށް ނުވަތަ ރަނގަޅު ނޫން ކަންކަން ކުރެވޭ ކަމަކީވެސް އަހަރެމެން ގަބޫލުކުރަން ޖެހޭ ކަމެކެވެ. ބައެއް ފަހަރު ނޭނގިނަމަވެސް މައިންބަފައިންނަށް ކުރަން ނުޖެހޭ އެތައް ކަމެއް އަދި ބުނަން ނުޖެހޭ އެތައް ބަހެއް ބުނެވޭ ފަހަރުވެސް އާދައެވެ.

ދަރިފުޅު ގޮވައިން ޕޭރެންޓް ޓީޗާ، ސްޓޫޑެންޓް ބައްދަލުވުމަކަށް ހާޒިރު ވުމުން، ދަރިފުޅު ވަރަށް ބަސް ނާހާ ކަމަށް ބުނުމުން ހުރިހާ ބެލެނިވެރިން އަދި ކުދިންގެ ކުރިމަތީގައި ދަރިފުޅާ ދިމާއަށް އެއްޗެހި ކިޔުމަކީ މަދުން ނަމަވެސް ބައެއް މައިންބަފައިން ކުރާ ކަމެކެވެ. ނުވަތަ ގިނަ މީހުން އެއްވެ ތިބި ތާކު ދަރިފުޅު ގޯސްކޮށް ކަމެއް ކުރުމުން އެ އެންމެންގެ ތެރޭގައި ދަރިފުޅު ލަދުގަންނަވާލާތަންވެސް އަހަރެމެންނަށް މުޖުތަމައު ތެރެއިން ބައެއް ފަހަރު ފެނިގެންދެއެވެ. މީގެއިތުރުން ދަރިފުޅުގެ އެކުވެރިން ގެއަށް ގެނައުމުން އެހުރިހާ ކުދިން ކުރިމަތީ ދަރިފުޅުގެ އުނި ސިފަތަކުގެ ވާހަކަ ކިޔައި އެފަދަ ވާހަކަތައް ދެއްކުމަކީ ވެސް ބައެއް މައިންބަފައިންގެ އާދައެކެވެ.

ތިބޭފުޅާއަކީ މީހުންގެ ތެރޭގައި ދަރިފުޅާ ދިމާއަށް އެއްޗެހި ކިޔައި ދަރިފުޅު ލަދުގަންނަވާލާ މީހެއްތޯއެވެ؟ އެހެންނަމަ ވީހާވެސް އަވަހަކަށް ތިކަން ހުއްޓާލާށެވެ! ވަރަށް އާދައިގެ ކުޑަކަމެއް ގޮތުގައި ފެނުނަސް ހަގީގަތުގައި މިއީ ވަރަށް ހައްސާސް މައްސަލައެކެވެ.

މައިންބަފައިން މީހުންގެ ތެރޭގައި ދަރިފުޅު ލަދުގަންނަވައިލުން ފަދަ ކަންކަން ކުރާ ނަމަ ކުއްޖާ ގައިގައި މީހުންނަށް ހަނގާ ކުރުމުގެ ނުރަނގަޅު ސިފަ ހަރުލައިފާނެއެވެ. ބޮޑުވަމުން އަންނަ ކުއްޖެއްގެ ސިކުނޑިއަކީ ކުލޭ ގަނޑެއް ފަދަ އެއްޗެކެވެ. އެކުއްޖާ އުޅުން ބައްޓަން ކުރާނީ އެކުއްޖާ އުޅޭ މާހައުލުން ފެންނަ ކަންކަމަށް ބަލައިގެންނެވެ. އެހެންކަމުން ތިބޭފުޅުން ދަރިން އިސްލާހު ކުރުމުގެ ނިޔަތުގައި ނަމަވެސް އާއްމުންގެ ތެރޭގައި ކުއްޖާއަށް އެއްޗެހި ކިޔައި އުނި ސިފަތައް ދައްކައި ލަދުގަންނަވާ ނަމަ އެކުއްޖާ އެކުވެރިންނާއެކު އުޅޭއިރު އެކުދިންނަށް ވެސް މަލާމާތް ކޮށް ހަނގާ ކޮށްފާނެއެވެ. ބައެއް ފަހަރު އެކީގައި އުޅޭ ކުދިންނަށް ހަނގާ ކޮށް ކުއްޖާ އެ ބޭރުކޮށްލަނީ މައިންބަފައިން ދެކެ އައިސް ހުންނަ ރުޅިއެވެ. ނުވަތަ މައިންބަފައިންގެ ފުށުން ދަސްވި ކަންކަމެވެ.

ތިބާވެސް އަހަރެންވެސް އަދި ތިބާގެ ދަރިވެސް މީހުންގެ ތެރޭގައި އެކުއްޖާ ނަން ހުތުރު ވާކަށް ނޭދޭނެއެވެ. އެއްވެސް މީހަކު މުޖުތަމައުގައި އެމީހެއްގެ ނަން ހުތުރުވާކަށް ބޭނުމެއް ނުވާނެއެވެ. އެހެންކަމުން މީހުންގެ ތެރޭގައި ކުއްޖާގެ ގައިގައި ހުންނަ އުނި ސިފަތަކާއި ކުރާ ނުރަނގަޅު ކަންކަމުގެ ވާހަކަ ކިޔުމަކީ އެންމެންގެ ތެރޭގައި ކުއްޖާގެ ނަން ހުތުރުވާ ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުއްޖާގެ ލަދު ކެނޑި އަމިއްލައަށް ވެސް ތިމާއަކީ ގޯސް ކުއްޖެއްގެ ގޮތުގައި ގަބޫލު ކުރެވި ގޯސް ކަންކަމަކީ އާދައިގެ ކަންކަމުގެ ގޮތުގައި ގަބޫލުކުރެވޭތަން އާދެ އެވެ. މީގެއިތުރުން ބައެއް ފަހަރު މައިންބަފައިން މީހުންގެ ތެރޭގައި އެފަދައިން އަމަލު ކުރުމުން ކުއްޖާއާ ދޭތެރޭ މީހުން ދެކޭ ގޮތް ވެސް ބަދަލުވެގެން ހިނގައިދާނެއެވެ. މީގެ އިތުރުން އެގޮތަށް އާއްމުންގެ ތެރޭގައި ދަރިފުޅު ފަޟީހަތް ކޮށްލުމަކީ ކުއްޖާ މައިންބަފައިންނަށް ކުރާ އިތުބާރުވެސް ގެއްލޭ ކެމެކެވެ. އެގޮތުން ދަރިފުޅު މައިންބަފައިންނަށް ދިމާވާ މައްސަލަތައް ކިޔައެއް ނުދޭނެއެވެ. ދަރިފުޅު ކަންކަން ސިއްރު ކުރަން ވެސް ފަށާނެއެވެ.

މީހުންގެ ތެރޭގައި ދަރިފުޅާ ދިމާއަށް އެއްޗެހި ކިޔައިގެން ދަރިފުޅު ލަދުގަންނަވާލުމަކީ އޭގެ ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުއްޖާ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ކުރާ ކަމެކެވެ. އެގޮތުން އެފަދަ އަމަލުތަކުގެ ސަބަބުން ބައެއް ފަހަރު ކުދިންނަށް ސީރިއަސް ނަފްސާނީ ބަލިތައް ޖެހުމަށްވެސް މަގުފަހި ވެއެވެ. މީހުންގެ ތެރޭގައި އެފަދައިން ދަރިފުޅު ލަދުގަންނަވާލުމުން ކުއްޖާ އެކަމާ ވަރަށް ބޮޑަށް ވިސްނާނެއެވެ. މައިންބަފައިންނަށް ފާހަގަ ނުވި ނަމަވެސް ރޮއެ ހިތާމަވެސް ކުރާނެއެވެ. އެކަންކަމަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑަށް އަސަރު ކުރާ ކަންކަމެވެ.

ދަރިފުޅު ކުށެއް ކޮށްފިނަމަ ރީތިކޮށް ހަމަޖެހިގެން ވާހަކަ ދައްކައިގެން ރަނގަޅު ގޮތް ބުނެދޭށެވެ. ނުވަތަ ދަރިފުޅު އެކަނި ބަހައްޓައިން އެކުއްޖާއަށް ވިސްނައިދޭށެވެ. ދަރިފުޅުގެ އަމަލުތައް ރަނގަޅު ކުރުމުގެ ހެޔޮ ނިޔަތުގައި ނޭނގި ނަމަވެސް އެކުރެވެނީ ގޯސްކަމެކެވެ. ދަރިފުޅު ކުށް ކުރުމުން މީހުންގެ ތެރޭގައި އެއްޗެހި ކިޔުމަކީ ހައްލެއް ނޫނެވެ. މައިންބަފައިން ތިބެން ވާނީ ހަމަޖެހިގެން ރުޅި މަޑުކޮށްގެންނެވެ. ދަރިފުޅު ކުށެއް ކުރާ ކޮންމެ ފަހަރަކު ރުޅި އިސްކުރުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެއެވެ. އެއްވެސް ހާލެއްގައި ދަރީންގެ ގޯސް ވާހަކަ އެކުއްޖާ ބައިންދައިގެން ވެސް ނެތްތާވެސް އެހެން މީހުންގެ ތެރޭގައި ނުދައްކާށެވެ. އެކަންކަން ހައްލުކުރާން ހެޔޮ ވިސްނުމާއި ހިކުމަތް އިސްކުރައްވާށެވެ!